ޚަބަރު
ރައްޔިތުން ވޯޓު ދިނީ ޖުޑިޝަރީ މިނިވަން ކުރުމުގެ ވައުދު ތަންފީޒު ކުރުމަށް: ޑީއާރުޕީ
ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު
2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި 2019 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައްޔިތުން ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީ އަށް ވޯޓު ދިނީ ޖުޑިޝަރީ އިސްލާހު ކުރުމުގެ ވައުދު ތަންފީޒު ކުރުމަށް ކަމަށް ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ބުނެފި އެވެ.

ޑީއާރްޕީން މިއަދު ކުރި ޓްވީޓެއްގައި ބުނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި 2019 ވަނަ އަހަރުގެ މަޖިލިސް އިންތިހާބުގައި އެމްޑީޕީ އަށް ރައްޔިތުން ވޯޓު ދިނީ ޖުޑިޝަރީ މިނިވަން ކުރުމުގެ ވައުދު ތަންފީޒު ކުރުމަށް ކަމަށާއި ނަމަވެސް މިއަދު މި ފެންނަނީ އެމްޑީޕީގެ ރައީސްކަން ވެސް ކުރައްވަމުން ގެންދަވާ ނަޝީދު ޖޭއެސްސީގައި އިންނަވައިގެން ޖުޑިޝަރީ ހިސާރުކޮށްފައިވާ މަންޒަރު ކަމަށެވެ.

މިއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި ވަގުތުން ވަގުތަށް ޖުޑީޝަރީ މިނިވަން ކުރުމަށްޓަކައި ނަޝީދު ޖޭއެސްސީން އިސްތިއުފާ ދެއްވައި އެ ކޮމިޝަނުގައި ސިޔާސީ އެއްވެސް މީހަކު ނުހުންނާނެ ގޮތަށް ގާނޫނު އިސްލާހު ކުރުމަށް ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ގޮވާލާ ކަމަށް ޑީއާރްޕީން ބުނެއެވެ.

"ނޫންނަމަ މަޖިލިސް ތަމްސީލު ކުރާ ހުރިހާ ސިޔާސީ ޕާޓީއެއްގެ ލީޑަރުން ޖޭއެސްސީގައި ހިމެނުމަށް ގޮވާލަން" ޑީއާރްޕީން ބުނެފައިވެއެވެ.

ޖޭއެސްސީއާ މެދު ގިނަ ބަޔަކު ކުރާ އެންމެ ބޮޑު އެއް ތުހުމަތަކީ އެއިރެއްގައި އޮންނަ ސަރުކާރެއްގެ ބާރުގެ ދަށުގައި ކޮމިޝަން އޮތުމެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެން ފަހުން، ޖޭއެސްސީގައި ތިއްބެވި މެމްބަރުން ބަދަލުވި އިރު، ސަރުކާރު ކޯލިޝަންގެ ގިނަ ބޭފުޅުން އިއްތިފާގުވެވަޑައިގަންނަވާ އެއް ކަމަކީ ފަނޑިޔާރުގެ އިސްލާހު ކުރެވެން އޮތީ ޖޭއެސްސީގެ ތެރެއަށް އެބޭފުޅުން ވަނުމުގެ ފުރުސަތު ލިބިގެން ކަމެވެ. އަދި ޖޭއެސްސީ ސިޔާސީ ބޭފުޅުންގެ ނުފޫޒުން ސަލާމަތް ކުރުމަކީ ވެސް އެ ބޭފުޅުންގެ އަމާޒެވެ. އެކަމަކު ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމަކީ މި ސަރުކާރުން ކުރިން ދެއްކި ވާހަކައެކެވެ. އަދި އެމްޑީޕީއަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ވެސް ލިބިފައި އޮތްއިރު، ކުރިން ޖޭއެސްސީ އޮތް އެކުލެވުމާއެކު ޖޭއެސްސީގެ މަސައްކަތްތައް ކުރިއަށް ދާތީ އެ ޕާޓީއަށް ބޮޑެތި ފާޑުކިޔުންތައް ވެސް އަމާޒުވެފައިވެ އެވެ. 

މިހާރު ކޮމިޝަންގެ ރައީސްއަކީ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން އެވެ. ނައިބު ރައީސް އަކީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މެންބަރު މަސްތޫރު ހުސްނީ އެވެ. ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތާއި، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައިޝާ ޝުޖޫން އާއި، ހައި ކޯޓުގެ ފަނޑިޔާރު އަލީ ސަމީރެވެ.

ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީއަށް އިންތިހާބުކޮށްފައިވާ މެންބަރަކީ ފަނޑިޔާރު އަލީ ޝަރީފް އެވެ. ގާނޫނީ ވަކީލުންގެ ތެރެއިން ޖޭއެސްސީއަށް އިންތިހާބުކޮށްފައި ހުންނަވާ މެންބަރަކީ އަބްދުލް މާނިއު ހުސައިނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު