ޚަބަރު
ރައީސް ޔާމީން ދައުލަތައް ދައްކަންޖެހޭ ފަސް މިލިއަން ޑޮލަރު ހޯދުމަށް މީރާއަށް އަންގައިފި
ކުރީގެ ރައީސް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު
މަނީ ލޯންޑްރިންގގެ ކުށް ސާބިތުގެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ މައްޗަށް ކުރިމިނަލް ކޯޓުން ކުރި ހުކުމާ އެއްގޮތަށް ދަޢުލަތަށް ދައްކަންޖެހޭ ފަސް މިލިއަން ޑޮލަރު ކަނޑައަޅާފައިވާ މުއްދަތުގައި ދައްކާފައިނުވާތީ އެ ފައިސާ ހޯދުމަށް ބަންޑާރަނައިބު މީރާއަށް އަންގަވައިފިއެވެ.

އޭޖީ އޮފީހުުން ނެރުނު ބަޔާނުގައި ބުނީ ކްރިމިނަލް ކޯޓުގެ ހުކުމާ އެއްގޮތަށް ޖޫރިމަނާ ފައިސާ ޔާމީން ދައްކަވާފައި ނުވާތީ ޓެކްސް ނެގުުމާ ބެހޭ އިދާރީ ގާނޫނުގެ ދަށުން މީރާ މެދުވެރިކޮށް ޔާމީންގެ ކިބައިން ޖޫރިމަނާ ފައިސާ ހޯދަން މީރާ އަށް އިއްޔެ ފޮނުވާފައިވާ ކަމަށެވެ. އަދި ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި، ޖޫރިމަނާ ނުދައްކައިފި ނަމަ، ދައުލަތަށް ފައިސާ ހޯދުމުގައި އަމަލުކުރާ އުސޫލުން އެ ފައިސާއެއް ހޯދަން ޖެހޭނެ ކަމަށް ބުނެފައިވާ ކަމަށާއި އެހެންވެ، ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ 50 ވަނަ މާއްދާގެ ދަށުން އެ ފައިސާ ހޯދުމަކީ މީރާގެ މަސްއޫލިއްޔަތެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނު ގެ 188 ވަނަ މާއްދާގެ (ހ) ގައި، ދައުވާ ލިބޭ މީހާގެ މައްޗަށް ކުށް ސާބިތުވެގެން ކޯޓުން އޭނާގެ މައްޗަށް ކުރި ހުކުމުގައިވާ އަދަބަކީ ޖޫރިމަނާ ކުރުން ކަމުގައިވާނަމަ، ހުކުމުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި މީރާއަށް އެ މީހަކު އެ ޖޫރިމަނާ ދައްކަންޖެހެ އެވެ. އަދި އެ މާއްދާގެ (ނ) ގައި، އެ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ޖޫރިމަނާ ނުދައްކައިފިނަމަ، ދައުލަތަށް ދައްކަންޖެހޭ ފައިސާ ނުދެއްކުމުން އެ ފައިސާ ހޯދުމަށް ދައުލަތުގެ ކަމާބެހޭ ފަރާތުން އަމަލުކުރާ އުސުލުން އެ ފައިސާ ދައުލަތަށް ނަގަންވާނެ ކަމަށް ބަޔާންކޮށްފައި ވެއެވެ.

ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ 50 ވަނަ މާއްދާ ބުނާ ގޮތުން ޓެކްސް ނުވަތަ ޖޫރިމަނާއެއް ނުދައްކައިފި ނަމަ، އެ މީހެއްގެ ބިމެއް ނުވަތަ މިލްކިއްޔާތެއް ބޭނުން ކޮށްގެން ޖޫރިމަނާ ހޯދުމުގެ އަމުރެއް މީރާއަށް ނެރެވިދާނެ އެވެ. އަދި އެ މީހެއްގެ ބޭންކް އެކައުންޓް ފްރީޒް ކުރަން އެންގުމާއި ކޯޓަށް މައްސަލަ ހުށަހެޅުމުގެ ބާރު ވެސް އެ މާއްދާގެ ދަށުން މީރާ އަށް ލިބެ އެވެ.

ބަންޑާރަ ނައިބުގެ އޮފީހުން މި ގޮތަށް ލިޔުން ފޮނުވި އިރު މަނީ ލޯންޑްރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުމާ ގުޅިގެން ދައުލަތަށް ނެގޭ މުދަލާމެދު އަމަލު ކުރާނެ ގޮތުގެ ގަވާއިދެއް އެކުލަވާލާ ގެޒެޓް ކޮށްފައި ވެއެވެ. އަދި ރައީސް އަބްދުﷲ ޔާމީންގެ މުދަލާއި ގެދޮރު ހިފަން ސަރުކާރުން މަސައްކަތް ކުރާ ކަމަށް އިދިކޮޅުން ވަނީ ތުހުމަތުކޮށްފަ އެވެ.

ޔާމީނަށް ކުރި ޖޫރިމަނާ ފައިސާ ހޯދަން މީރާގައި އެދުނުއިރު، އެ މަނިކުފާނުގެ މައްޗަށް އިއްވި ހުކުމުގެ އިސްތިއުނާފް މައްސަލަ ހައި ކޯޓުގައި މިހާރު ދަނީ ހިނގަމުންނެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު