ޚަބަރު
ސަހީހް މުސްލިމްގެ ހަދީސް ފޮތުގެ 11 ވަނަ ބައި، ކުރީގެ ރައީސް ނަޝީދު ނެރެދެއްވައިފި
ޝައިހް ހުސައިން ރަޝީދު އަހުމަދު، ތަރުޖަމާ ކުރަވާފައިވާ ސަހީހް މުސްލިމްގެ ހަދީސް ފޮތުގެ 11 ވަނަ ބައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ނެރެދެއްވައިފި އެވެ. 

ސަހީހް މުސްލިމް އަކީ މިލާދީން 800 ވަނަ ގަރުނުގައި ދިރިއުޅުއްވި އިސްލާމީ ޢިލްމުވެރިއެއް ކަމަށްވާ މުސްލިމް ބިން ހައްޖާޖް (އިމާމް މުސްލިމް) އެކުލަވާލައްވާފައިވާ ހަދީސް ފޮތެކެވެ. މި ފޮތުގެ ތަރުޖަމާ ޗާޕް ކުރައްވައި ފޮތެއްގެ ސިފައި ނެރުއްވުމުގެ ކުރިން ހުސައިން ރަޝީދު ވަނީ އިސްލާމީ މަރުކަޒުގައި ކުރިއަށް ގެންދެވި ކްލާސްތަކުގައި މިފޮތް ކިޔަވައި ދެއްވާފަ އެވެ. 

ސަހީހް މުސްލިމްގެ ތަރުޖަމާ އަކީ 2012 ވަނަ އަހަރުން ފެށިގެން ހުސައިން ރަޝީދު ތަރުޖަމާ ކުރައްވާ ބައިބަޔަށް ނެރުއްވަމުން ގެންދަވާ ފޮތް ސީރީޒް އެކެވެ. އެ ފޮތުގެ 11 ވަނަ ބައި ނަޝީދު ނެރެދެއްވީ، މިއަދު އެމްޑީޕީ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. 

ފޮތް ނެރެދެއްވުމަށް ފަހު ނަޝީދު ވިދާޅުވީ ޑރ.ހުސެއިންގެ އެ މަސައްކަތަކީ އެތައް ޒަމާނެއް ވަންދެން ދަމަހައްޓަމުން އައި ބެލެނިވެރިކަން ދެމެހެއްޓުމަށް ކުރާ މަސައްކަތެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އެ މަސައްކަތަކީ އަގު ހުރި، ބޭނުން ހުރި މަސައްކަތެއް ކަމަށާއި މި ފަހަރުގެ ފޮތުގައި ވެރިކަމާއި ގުޅޭ މައުލޫމާތު ވެސް ހިމެނޭތީ މިއީ ޝައުގުވެރި ފޮތަކަށް ވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

ތާރީޚަށް ބަލާ އިރު، އިސްލާމް ދީން ރާއްޖޭގައި ފެތުރުމަށް އެންމެ ބުރަ މަސައްކަތެއް ކުރީ ދެކުނުގެ މީހުންކަން އެނގޭ ކަމަށާއި އޭގެ ތެރެއިން އައްޑޫގެ މީހުން ދީނީ އިލްމު ދިރާސާކޮށް އުނގަންނައިދިނުމަށް ގިނަ މަސައްކަތްތައް ކޮށްފައިވާކަމަށް ނަޝީދު ފާހަގަކުރެއްވިއެވެ.

އެ ފޮތާ ގުޅިގެން ހުސެއިން ރަޝީދު ވިދާޅުވީ ފޮތުގައި މައިގަނޑު ބަޔަކަށް ހިމެނިފައިވާނީ ވެރިކަމާ ގުޅޭ މައުލޫމާތުތައް ކަމަށްވީ ނަމަވެސް، ކެއިންބުއިމާ މެދުވެސް އެ ފޮތުގައި މައުލޫމާތުތައް ހިމަނާފައިވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ރަސޫލުﷲ އަލައިހި ވަސައްލަމަގެ ބަސްފުޅުތަކަކީ އިލްމުން ފުރިގެންވާ ބަސްތަކެއް ކަމަށާއި އެއީ އާދައިގެ މީހަކު ބުނާ ބުނުމަކާއި އެއް ހަމައެއްގައި ބެލޭނެ ބަސްތައް ނޫން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ކިޔުންތެރިންގެ ޝުއޫރު
0%
50%
50%
0%
1 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު