ޚަބަރު
ރައްޔިތުން އިންތިޒާރު ކުރަމުން އަންނަނީ ޓޫރިޒަމް ރަނގަޅު ވާނެ ދުވަހަކަށް: ޓޫރިޒަމް މިނިސްޓަރު
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް
ރާއްޖޭގެ މުޅި އިގުތިސާދު ބަރޯސާ ވެފައިވަނީ ޓޫރިޒަމަށް ކަމަށް ވާއިރު ހއ. އިން ފެށިގެން އައްޑު އާ ހަމައަށް ވެސް މިހާރު އޮތީ މޮޅިވެރިކަން ކަމަށާއި ރައްޔިތުން އިންތިޒާރު ކުރަމުން އަންނަނީ ޓޫރިޒަމް ރަނގަޅު ވާނެ ދުވަހަކަށް ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވި އެވެ.

ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޓުއަރިޒަމް މިނިސްޓަރ ރޭ ވިދާޅުވީ އަމާޒަކީ އަންނަ އަހަރަކީ ވަރަށް ކާމިޔާބު އަހަރަކަށް ހެދުން ކަމަށާއި އެކަން ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. ޓޫރިޒަމް އިންޑަސްޓްރީ ދަށަށް ގޮސްގެން ގައުމަށް ކުރިމަތިވެފައިވާ ހާސްކަން ފިލުވާލާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިހާރު ޓޫރިސްޓުން އަންނާނެވަރު އަންދާޒާ ކުރަނީ ކޮންމެ ދުވަހެއްގެ ހާލަތަށް ބެލުމަށް ފަހު ކަމަށެވެ. އެހެންކަމުން މިހާރުގެ އަންދާޒާއަކީ މި އަހަރުގެ ބާކީ އޮތް ދުވަސްތަކުގައި އެއްލައްކަ އަށް ވުރެ ގިނަ ޓޫރިސްޓުން ރާއްޖެ ގެނައުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެއްލައްކައަށް ވުރެ ގިނަ ފަތުރުވެރިން މި އަހަރުގެ ބާކީ އޮތްތަނުގައި އަންނާނޭ ބުނި ކަމަށް ވިޔަސް އަޅުގަނޑުމެން މި އަންދާޒާ ވެސް މިކުރަނީ ވަރަށް ބޮޑެތި ނޭންގޭ، ޔަގީން ނުވާ ފެކްޓާތަކެއްގެ ތެރޭގައި. އެއާލައިންތައް އިތުރުވެގެން އަންނާނެ ގޮތެއް ނޭންގެ. ސޯސް މާކެޓްތަކުގެ ކޮވިޑް ހާލަތު ވާނެ ގޮތެއް ނޭންގެ،" މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން އަންދާޒާ ކުރި ވަރަށް ފަތުރުވެރިން އަންނަމުން ދަނީ. އޮގަސްޓަށް އަޅުގަނޑުމެން އަންދާޒާ ކުރީ 6،000 ކަމަށް. މިއަދު އަޅުގަނޑަށް ލިބޭ އުފާވެރި ހަބަރަކީ 7،000 އަށްވުރެ މައްޗަށް އަރާނެ އޮގަސްޓްގެ އަދަދު."

އެކަމަކު މިނިސްޓަރު ވިދާޅުވީ މިހާރު ޓޫރިސްޓުން އަންނަވަރަކީ ރާއްޖޭގެ އިގުތިސާދު ބައްޓަން ވެފައިވާ ވަރުން އެކަށީގެންވާ އަދަދެއް ނޫން ކަމަށެވެ.

ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ އިޤުތިޞާދުގެ މައިތަނބު ކަމުގައިވާ ފަތުރުވެރިކަމުގެ ސިނާއަތް މުޅިން ހުއްޓި ރިސޯޓްތައްވެސް ވަނީ ބަންދުކޮށްފައެވެ. އަދި މިދިޔަ ޖުލަމަހުގެ 15 ވަނަ ދުވަހު ބޯޑަރު ހުޅުވުމުގެ ކުރިން ބައެއް ރިސޯޓްތައް ހުޅުވުމުގެ ހުއްދަ ވަނީ ދީފައެވެ. އަދި 95 ސަފާރީއެއް މިހާރު އޮޕަރެޓް ކުރަމުން ދިޔަނަމަވެސް ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަ އަދި މިހާތަނަށް ދީފައެއް ނުވެއެވެ.

ރާއްޖޭގައި ކޯވިޑް-19ގެ ހާލަތު އިތުރަށް ގޯސްވަމުން އަންނާތީ، ފަތުރުވެރިކަން ރަނގަޅުކުރުމަށް ކުރަމުން އަންނަ މަސައްކަތްކަށްވެސް އަންނަނީ އެކަމުގެ ނުރަނގަޅު އަސަރުތައް ފޯރަމުންނެވެ. ނަމަވެސް ސަރުކާރުން ދަނީ އެކަންކަން ހައްލުކޮށް، އިޤްތިޞާދީ ހަރަކާތްތައް ކުރިއަށްގެންދިއުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު