ކުޅިވަރު
ބަކާ ޔުނައިޓެޑް ވިކްޓަރީއަށް ސޮއި ކޮށްފި
ކުލަބު ގްރީން ސްޓްރީޓްސްއަށް ކުޅެމުން އައި ގައުމީ ފުޓްބޯޅަ ޓީމުގެ މިޑްފީލްޑަރު މުޙައްމަދު އާރިފް (ބަކާ) ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަށް ސޮއިކޮށްފިއެވެ.

ޔޫވީން ބަކާގެ ސޮއި ހޯދިއިރު، ދާދި ފަހުން އޭނާ ވަނީ އޭއެފްސީ ކަޕަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ތައްޔާރުވިއިރު، އެ ޓީމާއެކު ފަރިތަކޮށްފައެވެ. އޭއެފްސީ ކަޕަށް މާޒިޔާއާ ގުޅެން ބަކާ ނިންމި ނަމަވެސް، މިއަހަރުގެ އޭއެފްސީ ކަޕް ފަހުން ވަނީ ކެންސަލް ކޮށްފައެވެ. އެހެންކަމުން އަންނަ ސީޒަނަށް ބަކާ ވަނީ ޔޫވީއަށް ސޮއިކޮށްފައެވެ.

ބަކާ އަކީ، އާ ސީޒަނަށް ތައްޔާރުވާން ޔުނައިތެޑް ވިކްޓަރީއަށް ސޮއި ކުރުވި ތިން ވަނަ ކުޅުންތެރިޔާ އެވެ. މިދިޔަ މަހު އެ ކުލަބުން ވަނީ މިދިޔަ އަހަރު ދަ ގްރާންޑޭއަށް ކުޅުނު އަހްމަދު ނިޒާމް (ނިޒާންބެ) އާއި ފ. ނިލަންދޫއަށް މިދިޔަ ސީޒަން ކުޅުނު ތަޖުރިބާކާރު ޑިފެންޑަރު ފަރުހާދު އިސްމާއީލް (ފަރޭ) ސޮއި ކުރުވާފަ އެވެ.

ޔުނައިޓެޑް ވިކްޓަރީގެ ރައީސް އިސްމާއީލް ޝަފީއު ވިދާޅުވީ ބަކާ އާއެކު އަނގަބަހުން އެއްބަސްވުމަކަށް އައިސްފައިވާތާ މިހާރު ދުވަސްތަކެއް ވެއްޖެ ކަމަށެވެ. އޭނާގެ އެއްބަސްވުމުން ފައިނަލު ނުކޮށް މަޑު ކުރީ އޭއެފްސީ ކަޕްގައި މާޒިޔާ ކުޅެން އޭރު ހަމަޖެހިފައި ވުމުން ކަމަށެވެ. ކޮވިޑް-19 އާ ހެދި އޭއެފްސީ ކަޕް މިހާރު ވަނީ ކެންސަލް ކޮށްފަ އެވެ.

އާ ސީޒަން ފަށަން އެފްއޭއެމުން ތާވަލު ކޮށްފައި ވަނީ ޑިސެމްބަރު އަށް ވަނަ ދުވަހަށެވެ. ނަމަވެސް އެކަން ބިނާ ވަނީ އެޗްޕީއޭއިން ދޭ ހުއްދައިގެ މައްޗަށެވެ. ކޮވިޑް-19 އާ ގުޅިގެން ކުޅިވަރުގެ ހުރިހާ ހަރަކާތްތަކެއް މުއްދަތެއް ނެތް ގޮތަށް މެދުކަނޑާލަން އެޗްޕީއޭއިން ވަނީ އަންގާފަ އެވެ. އާ ސީޒަނަށް ތައްޔާރު ވުމަށް ކުލަބުތަކަށް ދޭ ތިން މިލިއަން ޔުފިޔާ ދިނުމުގެ އެއްބަސް ވުމުގައި އެފްއޭއެމުން ވަނީ ދިވެހި ޕްރިމިއާ ލީގްގައި ވާދަ ކުރާ އަށް ކުލަބާއެކު މިދިޔަ މަހު އެއްބަސްވުން ހަދާފަ އެވެ.

ބަކާ އަންނަނީ، އަންނަ ސީޒަނަށް ފިޓްނަސް ރަނގަޅުކުރުމުގެ ގޮތުން ބައެއް އެހެން ކުޅުންތެރިންނާ އެކު ރާއްޖޭގެ ގައުމީ ސްޕްރިންޓް ކޯޗު އަހުމަދު ފާއިލްގެ ޕްރޮގްރާމެއްގައި ބައިވެރިވަމުންނެވެ.

ބަކާ އަކީ ރާއްޖޭން ސާފް ޗެމްޕިއަންޝިޕް 2008 އާއި 2018 ގައި ކާމިޔާބުކުރިއިރު އެ ދެ ޓީމުގައި ވެސް ހިމެނުނު މަދު ކުޅުންތެރިންގެ ތެރެއިން އެކެކެވެ. އަދި އޭނާ އަކީ ރާއްޖޭން 2009 ގެ ފައިނަލަށް ދަތުރުކުރިއިރު އެ މުބާރާތުގައި އެންމެ މޮޅަށް ކުޅުނު އެއް ކުޅުންތެރިޔާ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު