ޚަބަރު
ހިއްސާއަކަށް ދެ ރުފިޔާ ބަހަން އެމްޓީސީސީން ފާސްކޮށްފި
އެމްޓީސީސީގެ 2019ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ -- ފޮޓޯ:އެމްޓީސީސީ
އެމްޓީސީސީގެ މިދިޔަ އަހަރުގެ ސާފު ފައިދާ އޭގެ ކުރީ އަހަރަށް ވުރެ 55.57 ޕަސެންޓް އިތުރުވެއްޖެ އެވެ.

އެމްޓީސީސީން ހިއްސާދާރަކަށް ދެ ރުފިޔާ ބަހާން ފާސްކޮށްފައި ވަނީ މިއަދު ބޭއްވި އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގަ އެވެ. ހިއްސާ ބަހާފައި މިވަނީ އަހަރު ދުވަހަށް ފަހު އެވެ. ދެހާސް އަށާރަ ވަނަ އަހަރުގެ ފައިދާއިން ހިއްސާދާރުންނަށް ޑިވިޑެންޑް ބަހާފައެއް ނުވެ އެވެ. މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީގެ "ފަހިވޯޓް" މެދުވެރިކޮށް ބޭއްވި އެ ޖަލްސާގައި 44 ހިއްސާދާރުން ވަނީ ބައިވެރިވެފަ އެވެ.

ޖަލްސާގައި އެމްޓީސީސީގެ ބޯޑަށް އާ ޑިރެކްޓަރުން ވެސް އައްޔަން ކުރި އެވެ. އެގޮތުން ސަރުކާރުގެ ފަރާތުން އެމްޓީސީސީގެ ބޯޑަށް އައްޔަން ކޮށްފައި ވަނީ، އެ ކުންފުނީގެ ޗެއާމަން މުހައްމަދު ފަހީމް، ސީއީއޯ އާދަމް އާޒިމް، އެގްޒެކެޓިވް ޑިރެކްޓަރު ޝާހިދު ހުސައިން މޫސާ، ސިނާން އަލީ އަދި މުހައްމަދު ފަރީދު އެވެ. 

އާންމު ހިއްސާދާރުން ތަމްސީލުކުރަން ބޯޑަށް ކުރިމަތިލާފައި ވަނީ ދެ ފަރާތަކުންނެވެ. އޭގެ ތެރެއިން އާންމުންގެ ފަރާތުން ބޯޑަށް އައްޔަންކޮށްފައިވަނީ ނަސްރަތު މުހައްމަދު (ހެޕީނައިޓް، ގއ. ވިލިނގިލި) އެވެ.

މީގެ އިތުރުން އެ ކުންފުނީގެ 2019 ވަނަ އަހަރުގެ އޮޑިޓް ކޮށްފައިވާ ބެލެންސް ޝީޓާއި، ފައިދާ އާއި ގެއްލުމުގެ ހިސާބާއި، ޑިރެކްޓަރުންގެ ރިޕޯޓް އަދި 2018 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ޖަލްސާގައި ފާސް ކުރި އެވެ. އަދި 2020 ވަނަ އަހަރަށް އެ ކުންފުނީގެ އޮޑިޓަރުންގެ ގޮތުގައި ހިއްސާދާރުން ހޮވި ފަރާތަކީ ޕްރައިސްވޯޓާ ހައުސްކޫޕާސް އެވެ. 

އެ ޖަލްސާގައި 2019ވަނަ އަހަރުގެ ހިއްސާގެ ފައިދާއަށް، މޫނުމަތީ އަގު ފަސް ރުފިޔާގެ ހިއްސާއަކަށް ދެ ރުފިޔާ ބަހަން އެމްޓީސީސީން ވަނީ ފާސްކޮށްފަ އެވެ.

މިދިޔަ 2019 ވަނަ އަހަރު އެމްޓީސީސީ އަށް ސާފު ފައިދާގެ ގޮތުގައި 53.3 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ 2018ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބުނު 34،2 މިލިއަން ރުފިޔާއަށްވުރެ 55.5 ޕަސެންޓު އިތުރު އަދަދެކެވެ.

އެ ޖަލްސާގައި ކުރިއަށް އޮތް އަހަރު އެމްޓީސީސީގެ އޮޑިޓަރުންގެ ގޮތުގައި ޕްރައިސް ވޯޓާހައުސް ކޫޕާސް (ޕީޑަބްލިއުސީ) ކަނޑައަޅަން ވަނީ ފާސްކޮށްފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު