ޚަބަރު
ކައުންސިލްތަކަށް އިދާރީ މުވައްޒަފުން ހޯދުމުގެ ހުއްދަ އަލުންދީފި
އައްޑޫ ސިޓީ ކައުންސިލް އިދާރާގެ ބައެއް މުއައްޒަފުން-- ފޮޓޯ: އަވަސް
ކައުންސިލްގެ އިދާރާތަކުގެ އިދާރީ އޮނިގަނޑުގައި ހުރި ހުސް މަޤާމުތަކަށް މުވައްޒަފުން ނެގުމާއި، އިދާރާތަކަށް އައު މަޤާމު އުފައްދައިދިނުން ވަގުތީ ގޮތުން މަޑުޖައްސާލުމަށް އަންގާފައިވާ އެންގުން ނިމުމަކަށް ގެނެސް މަޤާމުތަކަށް މުވައްޒިފުން ނެގޭގޮތް ހަދައިފިއެވެ.

ސިވިލް ސާވިސް ކޮމިޝަނުން ކައުންސިލްގެ އިދާރާތަކުގެ އެކްޓިންގ ސެކްރެޓަރީ ޖެނެރަލުންނާއި ޒިންމާދާރުވެރިންނަށް ފޮނުއްވެވި ސިޓީއެއްގައި ވިދާޅުވީ ކައުންސިލްގެ އިދާރީ އޮނިގަނޑުގައި ހުރި ހުސް މަޤާމުތަކަށް މުވައްޒަފުން ނެގުމާއި، އިދާރާތަކަށް އައު މަޤާމު އުފައްދައިދިނުން ވަގުތީ ގޮތުން މިއަހަރުގެ ފެބްރުއަރީ 06 ވަނަ ދުވަހު ހުއްޓުމަކަށް ގެނައި ސާކިއުލާ ނިމުމަކަށް ގެންނަން ސިވިލް ސާވިސް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

ކައުންސިލްގެ އިދާރާތަކުގެ އިދާރީ އޮނިގަނޑުގައިވާ ހުސް މަޤާމުތަކަށް މުވައްޒަފުން ނެގުން ވަގުތީގޮތުން މަޑުޖައްސާލާފައި ވަނީ މިއަހަރުގެ ފެބުރުއަރީ މަހުގެ 6 ވަނަ ދުވަހުގައެވެ. މުވައްޒިފުން ނެގުން މަޑުޖައްސާލާފައި ވަނީ ކައުންސިލްތަކުގެ އިދާރީ ހިންގުން ހައިބްރިޑް މޮޑެލްއަށް ބަދަލުކުރުމާ ގުޅޭ މަސައްކަތް ލޯކަލް ގަވަރމަންޓް އޮތޯރިޓީއާއި ސީއެސްސީ އާއި ގުޅިގެން ކުރިއަށްގެންދިއުމަށެވެ.

އަދި ކައުންސިލް އިދާރާތަކުގެ އިދާރީ އޮނިގަނޑުތައް ރިވިއުކުރުމުގެ މަސައްކަތްވެސް ސީއެސްސީން ވަނީ މިމުއްދަތުގެ ތެރޭގައި ކޮށްފައެވެ. ނަމަވެސް، ކައުންސިލްގެ އިދާރާތަކުން ފޯރުކޮށްދެމުންދާ ޚިދުމަތްތައް މެދުނުކެނޑި ކުރިޔަށްގެންދިޔުމަށް ކޮންމެހެން ބޭނުންވާ މަގާމުތަކަށް މީހުން ހޯދުން ކޮމިޝަނުގެ ހުއްދައާއެކު ކުރިއަށް ގެންދިއުމަށް އޭރުވެސް ވަނީ ހުއްދަ ދެއްވާފައެވެ. 

ކައުންސިލްތަކަށް އިދާރީ މުވައްޒަފުން ހޯދުމުގެ ހުއްދަ ސިވިލް ސާވިސް ކޮމިޝަނުން އަލުންދިން އިރު ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އިޤުތިޞާދު ދަށްވެ ދައުލަތަށް ލިބޭ އާމްދަނީ ވަރަށް ބޮޑަށް މަދުވެފައެވެ. ކޮވިޑް-19ގެ ބަލި ކޮންޓްރޯކް ކުރަން، ސަރުކާރުން ކުރަމުންދާ ހޭދައަށް ބަލާއިރު ހަފުތާ އިން ހަފުތާ އަށް އިތުރުވަމުން ދިޔަ "ކޮވިޑް ސްޕެންޑިން" މިހާރު ހުރީ 1.2 ބިލިއަން ރުފިޔާގަ އެވެ. ނިމިދިޔަ ހަފުތާއާ އަޅާ ބަލާއިރު މި ކަމަށް ކުރި ހޭދަ އިތުރުވެފައިވަނީ 0.07 ޕަސެންޓެވެ.

މި މުއްދަތުގައި ކޮވިޑް-19 އަށް ފަރުވާ ދިނުމަށްޓަކައި އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއޭ) އަށެވެ. އެންޑީއޭ އަށް 777.8 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އަދި ހެލްތް މިނިސްޓްރީ އަށް 198.8 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. ތިން ވަނަ އަށް އެންމެ ބޮޑު ހޭދައެއް ކުރި އައިޖީއެމްއެޗް އަށް 73 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

ފިނޭންސުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އެންމެ ބޮޑު ހޭދައެއް ކޮށްފައިވާ ދާއިރާއަކީ ރާއްޖެ އަށް ބޭނުންވާ ސިއްހީ ސާމާނު ހޯދުމަށެވެ. މި ދާއިރާ އަށް 524.9 މިލިއަން ރުފިޔާ ހޭދަވެފައިވެ އެވެ.

ރާއްޖެއަށް ލިބޭ އާމްދަނީ ދަށްވެފައިވާތީ ސަރުކާރުން ދަނީ ލޯނު ނަގައިގެން ބަޖެޓް ފޫބައްދަމުންނެވެ. ދާދިފަހުން އިންޑިއާގެ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ވެސް ވަނީ 3.5 އިންޓްރެސްޓް ރޭޓުގައި ބޮންޑެއް ވިއްކާފަ އެވެ. ފިނޭންސުގެ ތަފާތު ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ ދެވަނަ ކުއާޓަރުގެ ނިޔަލަށް ރާއްޖޭގެ ދަރަނި 70 ބިލިއަން ރުފިޔާ އަށް ވަނީ އަރާފަ އެވެ. 


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު