ވިޔަފާރި
އެސްޓީއޯއިން ވިއްކާ ސިމެންތި އަގުހެޔޮކޮށްފި
އެސްޓީއޯއިން ވިއްކާ ސިމެންތީގެ އަގު ހެޔޮކޮށްފިއެވެ.

އެސްޓީއޯއިން ވިއްކާ ސިމެންތި އަގުހެޔޮކޮށްފައި މިވަނީ، އިންޑިއާގެ ކޮޗިންއާއި ރާއްޖެއާ ދެމެދު މިދިޔަމަހުގެ 26 ވަނަ ދުވަހު ފެށި ކާގޯ ފެރީގެ ޙިދުމަތާއެކު ސިމެންތި ޝިޕްމަންޓެއް ގެނެސްފައިވާ ދަނޑިވަޅެއްގައެވެ. 

އެސްޓީއޯގެ ކުޅުދުއްފުށީ ސްޓޯރުން މިހާރު މި ސިމެންތި ވިއްކަން ފަށާފައިވާއިރު، ސިމެންތި ވިއްކަމުން އަންނަނީ މީގެ ކުރިން ރެމްކޯ ސިމެންތި ވިއްކަމުން ދިޔަ އަގަށްވުރެ 16 ރުފިޔާ ހެޔޮކޮށެވެ.

މީގެ ކުރިން 106 ރުފިޔާ އަށް ލިބެންހުރި ރެމްކޯ ސިމެންތި ބަސްތާއެއް މިހާރު ކުޅުދުއްފުށީ އެސްޓީއޯ އިން ލިބެން ހުރީ 90 ރުފިޔާ އަށްކަމަށް އެސްޓީއޯއިން ބުނެއެވެ.

ކޮޗިން ކުޅުދުއްފުށި ކާގޯ ފެރީގެ ފުރަތަމަ ދަތުރުގައި ކުޅުދުއްފުއްޓަށް 500 ޓަނުގެ ސިމެންތިއާއި، އަދި އެހެނިހެން ބާވަތްތަކުގެ މުދާ ހިމެނޭ ދެ ކޮންޓެއިނަރު ގެނެސްފައިވެއެވެ.




އެސްޓީއޯއިން ބުނި ގޮތުގައި ސިމެންތީގެ އަގު ކުޑަވީ ކޮޗިން ކާގޯ ބޯޓުން މުދާ ގެންނަން ފްރައިޓް ޗާޖު ކުޑަވުމުންނެވެ.

ކުރިއަށް އޮތްތަނުގައިވެސް ކޮޗިން ކާގޯ ބޯޓު މެދުވެރިކޮށް، މުދާ ގެނެސް މިހާރަށް ވުރެ އަގުހެޔޮކޮށް ވިއްކުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުންޏެވެ.

ސިމެންތީގެ އިތުރުން އެސްޓީއޯއިން އާންމުކޮށް އެތެރެ ކުރާ އެހެން ބާވަތްތަކުގެ ތަކެތިވެސް ކޮޗިން ކާގޯ ބޯޓުން އަދި ގެންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އިންޑިއާގެ ކޮޗިން އާއި ކުޅުދުފުއްޓާއި މާލެއާ ދެމެދު ބާއްވާ އެ ކާގޯ ބޯޓު ދަތުރު ކުރުމަށް ހަމަޖެހިފައި ވަނީ މަހަކު ދެ ފަހަރު އެވެ.

އިންޑިއާގެ ކޮޗިންއާއި ކުޅުދުއްފުއްޓާ ދެމެދު ކާގޯ ފެރީ ފެށުމަކީ މާލެއަށް ބަރޯސާވެ ތަރައްޤީގެ ކަންކަން ކުރަމުން އައި އައުން ނިމުމަކަށް ގެނައުމުގެ ފެށުންކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ. އަދި މިއީ ބޮޑު ތިލަދުންމަތި ތަރައްޤީވެ ކުރިއަރާ ދިޔުމަށް ކުރެވޭ މަސައްކަތެއްކަމަށްވެސް ސަރުކާރުން ވިދާޅުވެއެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު