ޚަބަރު
ކޭބަލް ކާރު މަޝްރޫއަކީ ކުރެވޭނެ ކަމެއްކަމަށް ގަބޫލެއް ނުކުރަން: އަސްލަމް
ކާށިދޫ ކޭބަލް ކާރު މަޝްރޫއަކީ ކުރެވޭނެ ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ގއ. ކޮލަމާފުށީގެ ބަނދަރު ހެދުމުގެ މަޝްރޫއާ ގުޅޭ ގޮތުން ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސެއިން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަން އަސްލަމް މިއަދު ވަނީ ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެ ވަޑައިގެންފަ އެވެ.

މިނިސްޓަރާ އިތުރު ސުވާލު ކުރަން ލިބުނު ފުރުސަތުގައި ޖާބިރު ވަނީ ކާށިދޫގައި ކޭބަލް ކާރު އެޅުމުގެ ޕްލޭން ސަރުކާރަށް ހުށަހަޅާފައިވީ ނަމަވެސް، އެކަމަށް ސަރުކާރުގެ ޕްލޭނުގައި ހިމަނަން ދެކޮޅު ހަދަނީ ކީއްވެގެންތޯ ސުވާލު ކުރައްވައިފަ އެވެ.

ޖާބިރުގެ ސުވާލުގެ ޖަވާބުގައި އަސްލަމް ވިދާޅުވީ ކާށިދޫއިން އެއްވެސް ރަށަކާ ދެމެދު ދަތުރު ކުރެވޭ ގޮތަށް ކޭބަލް ކާރު އެޅުމަކީ ދެމެހެއްޓެނިވި ކަމެއް ނޫން ކަމަށެވެ. ވަޒީރެއްގެ ހައިސިއްޔަތުން މިފަދަ މަސައްކަތަކީ ކުރެވޭ ވަރުގެ މަސައްކަތެއް ނޫން ކަން ރައްޔިތުންނަށް ސާފުކޮށް ބުނެދޭން ބޭނުންވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

"ދިވެހި ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގެން ޖެހޭ. މި ޒާތުގެ ކަންކަމަކީ ވާނެ ކަންކަމެއް ނޫން ކަން. އަޅުގަނޑު ގަބޫލެއް ނުކުރަން މިއީ ވާނެ ވަރުގެ ކަމެއް ކަމަކަށް ވެސް. އަދި މިއީ ކުރަން ހެޔޮ ވާ ވަރުގެ ކަމެއް ވެސް ނޫން." އަސްލަމް ވިދާޅުވިއެވެ.

އަސްލަމްގެ ޖަވާބާ މެދު ހިތްހަމަޖެހިވަޑައިނުގެން ޖާބިރު ނިޒާމީ ނުކުތާ ނަންގަވައި ނުރުހުން ފާޅުކުރެއްވި އެވެ. އޭނާ ވިދާޅުވީ އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުން ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހަށް ކޭބަލް ކާރުގައި މިހާރު ވެސް ދަތުރުކުރާ ކަމަށާއި އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށް އަސްލަމް ވިދާޅުވީ އޮޅުވައިލައްވަން ކަމަށެވެ. އަސްލަމް ދެން ވެސް ވިދާޅުވީ އެއީ ވާނެ ކަމެއް ނޫން ކަމަށާއި ކާށިދުއަކީ ޕެރިސް ނޫން ކަމަށެެވެ.

ކާށިދޫން ގާފަރަށް ކޭބަލް ކާރުގައި ދަތުރުކުރެވޭނެ ގޮތް ހެދުމަކީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖާބިރު ވެވަޑައިގެންނެވި ވައުދެކެވެ. ކާށިދޫގައި އެއާޕޯޓެއް އަޅުއްވަން ވެސް އޭނާ ވައުދުވެވަޑައިގަތެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު