ޚަބަރު
ދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ވަކިކުރަން މަޖިލީހަށް
ދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަބްދުލްރައްޒާގު މުހައްމަދު ފަނޑިޔާރުކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ހުށަހަޅައިފި އެވެ.

ޖޭއެސްސީން ބުނީ އިސްމެޖިސްޓްރޭޓް ޢަބްދުއްރައްޒާޤު މުޙައްމަދުގެ މައްޗަށް އެ ކޮމިޝަނުން ބަލާފައިވާ މައްސަލައަކީ ދ.މާއެނބޫދޫ ގޯއްޗެއްގައި ކޮށްފައިވާ ޢިމާރާތުގެ އަގު ހޯދުމަށް، މީހަކު އޭނާގެ އަނބިމީހާގެ މައްޗަށް ދަޢުވާ ކޮށްފައިވާ މައްސަލަ ހިންގި ދ.މާއެނބޫދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 34/M7C/2014 ޤަޟިއްޔާ އާއި، އެއްވެސް ސަބަބެއްނެތި އަނބިމީހާ ވަރިވާން އުޅޭކަމަށް ބުނެ އެކޯޓަށް ހުށަހަޅާފައިވާ މައްސަލަ ހިންގި އެކޯޓުގެ ނަންބަރު 30/M7C/2014 ޤަޟިއްޔާ، 04 މެއި 2015 ގައި ދ.މާއެނބޫދޫ ކޯޓުން ނިންމާފައިވަނިކޮށް، އެ ދެ ޤަޟިއްޔާ ހިންގުމަށްޓަކައި މެޖިސްޓްރޭޓް ޢަބްދުއް ރައްޒާޤު މުޙައްމަދު ދ.މާއެނބޫދޫ ކޯޓުގެ ނަންބަރު 2014/44 (29 ޖުލައި 2015) ކޯޓު އަމުރު ނެރެ، ދަޢުވާ ރައްދުވާ ފަރާތް ބަންދުގައި ބަހައްޓައިގެން ދ.މާއެނބޫދޫ މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުކޮށް، އެ ދެ މައްސަލަ ކޯޓުގައި ހިންގާފައިވާ މައްސަލައެއް ކަމަށެވެ.

މީގެ އިތުރުން އަބްދުލްރައްޒާގު އެހެން މައްސަލައެއް ވެސް އެ ކޮމިޝަނުން ތަހުގީގުކުރަމުން އަންނަ ކަމަށް ޖޭއެސްސީން ބުންޏެވެ. އެއީ ދ. ކުޑަހުވަދޫ ކޯޓުން މައްސަލައެއް ބަލަން ހަވާލުކުރި މެޖިސްޓްރޭޓަކާ މެދު ހިތްހަމަ ނުޖެހިގެން، އެ މައްސަލަ ބެލުމުގެ އިހްތިސާސް ނެތް ދ. އެނބޫދޫ މެޖިސްޓްރޭޓަކާ މައްސަލަ ހަވާލުކުރުމެވެ. މި މައްސަލަ ހުށަހެޅި އެއްބަސްވުމުގައި ބޭނުންކޮށްފައި ވަނީ ފޯޖުކޮށްފައިވާ ސޮއެއް ކަަމަށް ޖޭއެސްސީން ބުންޏެވެ. އޭނާ ސަސްޕެންޑްކުރަން ނިންމީ މި މައްސަލަ ފުލުހުން ތަހުގީގުކުރަން ފެށުމުންނެވެ.

މީގެ ކުރިން ވެސް ބައެއް މެޖިސްޓްރޭޓުންނާއި ދަށު ކޯޓާއި ހައި ކޯޓާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކި ކުރަން ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވެ އެވެ. އެކަމަކު، މަޖިލީހުން އެގޮތަށް ފާސް ކުރުމުގެ ކުރިން ގިނަ ބޭފުޅުން ވަނީ ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވައިފަ އެވެ.



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު