ކުޅިވަރު
އެފްއޭއެމް ފައުންޑޭޝަން ރަސްމީކޮށް ލޯންޗް ކޮށްފި
ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ފައުންޑޭޝަން ރަސްމީކޮށް ލޯންޗު ކޮށްފި އެވެ.

ފީފާ އާއި އޭއެފްސީގެ އެހީތެރިކަމާއެކު ރާއްޖޭގެ ފުޓުބޯޅައިގެ ކުރިއެރުމަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ އުންމީދުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ޕްރޮޖެކްޓް ލޯންޗްކުރީ އިއްޔެ ހަވީރު ގަލޮޅު ދަނޑުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރ އަހްމަދު މަހްލޫފެވެ. އަދި މި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު އަލީ ވެސް ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.

އެފްއޭއެމްގެ ފައުންޑޭޝަން ޕްރޮގުރާމް އަމާޒު ކޮށްފައި ވަނީ ހަތަރު ބަޔަކަށެވެ. އެއީ އެޑިއުކޭޝަނާއި އެވެއާނެސް ޕްރޮގުރާމް، ސޯޝަލް އަދި ކޮމިއުނިޓީ ޕްރޮގުރާމް، ފުޓްބޯލް އިވެންޓްސް އަދި އެޑީޝަނަލް ރިސޯސަސް އެންޑް ޗެރިޓަބަލް އިނީޝިއޭޓިވްސް އެވެ.

އިއްޔެގެ ރަސްމިއްޔާތުގައި ވަނީ މި ފައުންޑޭޝަންގެ ގުޑްވިލް އެމްބެސެޑަރުން ވެސް ރަސްމީކޮށް ދައްކާލާފަ އެވެ. ގުޑްވިލް އެމްބެސެޑަރުންގެ ތެރޭގައި ހިމެނެނީ ކުރީގެ ގައުމީ ކެޕްޓަން ޝާހު އިސްމާއީލާއި، 2008 ވަނަ އަހަރު ރާއްޖޭން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގެ ކެޕްޓަން އައްސަދު އަބްދުލް ގަނީ އާއި އިތުރު ތައާރަފަކަށް ބޭނުންނުވާ އަލީ އަޝްފާގް (ދަގަނޑޭ) އާއި އަންހެން ގައުމީ ޓީމުގެ ޒަމާންވީ ކެޕްޓަން ފަދުވާ ޒާހިރާއި، އަންހެން ގައުމީ ޓީމުގެ ކުރީގެ ވައިސް ކެޕްޓަން މަރިޔަމް މިރުފަތާއި، އަންހެން ފުޓުބޯޅަ ޓީމުގެ ލައިޝާ ޖުނައިދުގެ އިތުރުން އެފްއޭއެމްގެ 14 އަހަރުން ދަށުގެ އެލީޓް ޕޫލްގައި ހިމެނޭ އީތަން އިބްރާހިމް ޒަކީ އެވެ.

އެފްއޭއެމް ފައުންޑޭޝަންގެ ޕާޓްނަރުންގެ ގޮތުގައި ސްޕެޝަލް އޮލިމްޕިކްސް އާއި އެޑްވޮކޭޓިން ރައިޓްސް އޮފް ޗިލްޑްރަން (އާކް) ވަނީ ހަމަޖައްސައިފަ އެވެ. އަދި ފައުންޑޭޝަންގެ ފަރާތުން އެޑިއުކޭޝަން މިނިސްޓްރީ އާއި އައިގީއެމްއެޗް އަށް ވެސް ވަނި ހަދިޔާތަކެއް ފޯރު ކޮށްދީފަ އެވެ. އެޑިއުކޭޝަން މިނިސްޓްރީ އަށް ވިހި ހާސް މާސްކާއި އަންގީގެ އިތުރުން ފަސް ހާސް ސެނިޓައިޒާ ފުޅި ހަދިޔާ ކުރިއިރު، އައިޖީއެމްއެޗަށް ދީފައި ވަނީ 20،000 ޕީސީއާރު ޓެސްޓު ކުރެވޭވަރުގެ ޓެސްޓް ކިޓް ތަކެކެވެ. މިއީ އެފްއޭއެމަށް ޔޫއޭއީގެ ފަރާތުން ލިބިފައިވާ ޓެސްޓް ކިޓް ތަކެކެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ، ފުޓުބޯޅައަކީ ހަމައެކަނި ކުޅިވަރެއް ނޫން ކަމަށާއި، އެއީ އިންސްޓިޓިއުޝަނެއް ކަމަށެވެ. އަދި ފައުންޑޭޝަންގެ ފަރާތުން މުޅި ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަރަކާތްތައް ހިންގޭނެކަމަށް އުންމީދު ކުރައްވާ ކަމަށާއި، ދިވެހި މުޖްތަމައާއި ފުޓުބޯޅައިގެ ގުޅުން އިތުރަށް ވަރުގަދަކުރަން މަސައްކަތް ކުރައްވާނެކަމަށް ވެސް ބައްސާމް ވިދާޅުވި އެވެ.

މީގެ އިތުރުން ވެސް އިއްޔެގެ ރަސްމިއްޔާތުގައި ވަނީ ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމަށް 100 އަށް ވުރެން ގިނަ މެޗު ކުޅެގެން ފީފާ ސެންޗުރީ ކުލަބުގައި ހިމެނިފައި ވާތީ، ކުރީގެ ގޯލްކީޕަރު އިމްރާން މުހައްމަދަށް އެފްއޭއެމްގެ ފަރާތުން ހަނދާނީ ހަނދާނީ ފިލައެއް ވެސް ހަވާލު ކޮށްފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު