ކުޅިވަރު
ބްރައިޓަން އިން ފަހު ވަގުތު ލިވަރޕޫލް ހިފެހެއްޓި އިރު ލީޑްސް އިން އެވަރޓަން ބަލި ކޮށްފި
އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ބްރައިޓަން އިން ޗެމްޕިއަން ލިވަރޕޫލްއާ ވާދަކުރި މެޗު ނިމެން ދަނިކޮށް ފަހުވަގުތު ލިބުނު ޕެނަލްޓީ ކާމިޔާބު ކޮށްގެން ބްރައިޓަން އިން ލިވަރޕޫލް މޮޅުވިޔަނުދީ ހިފަހައްޓައިފި އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މިމެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގައި ބްރައިޓަންގެ ޑެނީ ވެލްބެކަށް  ލިވަރޕޫލްގެ އެންޑްރޫ ރޮބަޓްސަން ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން ވީއޭއާރު ޗެކް ކުރުމަށް ފަހު ދިން މި ޕެނަލްޓީ ކާމިޔާބު ކޮށްދިނީ ޕާސްކަލް ގްރޮސް އެވެ.

މިއީ  މި މެޗުގައި ބްރައިޓަން އަށް ލިބުނު ދެވަނަ ޕެނަލްޓީ އެވެ. ފުރަތަމަ ހާފުގައި ލިބުނު ޕެނަލްޓީ އެޓީމުގެ ނީލް މައުޕޭ ފޮނުވާލުމުން ދިޔައީ ގޯލުގެ އަރިމަތިން ބޭރަށެވެ.

ބްރައިޓަންގެ ފުރަތަމަ ޕެނަލްޓީ ނާކާމިޔާބު ވިތާ 14 މިނިޓު ފަހުން ލިވަރޕޫލްގެ ސަލާހު ލަނޑެއް ޖަހައިދިން ނަމަވެސް ރެފްރީ ވަނީ ވީއޭއާރު ޗެކްކޮށް، ބޯޅަ ލިބުނުއިރު ސަލާހު ހުރީ އޮފްސައިޑުގައި ކަމަށް ނިންމާފަ އެވެ.

ލަނޑެއް ނުޖެހި ފުރަތަމަ ހާފު އެއްވަރުވެގެން ނިމުނުއިރު ދެވަނަ ހާފު ފެށިގެން މެޗުގެ 60 ވަނަ މިނިޓުގައި ލިވަރޕޫލް އިން ލީޑު ނެގީ ޑިއޯގޯ ޖޮޓާ ކާމިޔާބު ކޮށްދިން ގޯލުންނެވެ. މިއީ ޖޮޓާ މިސީޒަނުގައި ލިވަރޕޫލަށް ބަދަލުވި ފަހުން ކާމިޔާބު ކުރި ނުވަވަނަ ލަނޑެވެ.

ބަދަލު ކުޅުންތެރިއެއް ގޮތުގައި ކުޅެން އެރުވި މާނޭ ވެސް ވަނީ ރޮބަޓްސަންގެ ހުރަހެއް ބޮލުން ޖަހާ ގޯލުގެ ތެރެއަށް ވައްދާލާފަ އެވެ. 84 ވަނަ މިނިޓުގައި ޖެހި މި ލަނޑުވެސް ވީއޭއާރު ބެލުމަށް ފަހު ނިންމީ މާނޭ އޮފްސައިޑު ކަމަށެވެ.

ލިވަރޕޫލް އެއްވަރުވިއިރު އެވަޓަން ވަނީ ރޭ އަމިއްލަ ދަނޑުގައި ލީޑްސް ޔުނައިޓެޑާ ވާދަކޮށް 1-0 އިން ބަލިވެފަ އެވެ. މިމެޗުގައި ފެނުނު ހަމައެކަނި ގޯލް ލީޑްސް އަށް ކާމިޔާބު ކޮށްދިނީ 79 ވަނަ މިނިޓުގައި ރަޕީނާ އެވެ. މިއީ އޭނާ ލީޑްސް އަށް ޖަހައިދިން ފުރަތަމަ ލަނޑެވެ.

ލީޑްސްގެ މި މޮޅަކީ އެޓީމު ލީގުގައި އެންމެ ފަހުން ކުޅުނު ހަތަރު މެޗުން ހޯދި ފުރަތަމަ މޮޅެވެ. އަދި މިއީ އެވަޓަން ލީގުގައި އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ބަލިވި ހަތަރުވަނަ މެޗެވެ.

މެންޗެސްޓަރ ސިޓީން ވަނީ އެޓީމު ރޭ އަމިއްލަ ދަނޑުގައި ބާންލީއާ ދެކޮޅަށް ކުޅުނު މެޗު ފަސޭހަ ކަމާއެކު ކާމިޔާބު ކޮށްފަ އެވެ. މިމެޗް ސިޓީ ކާމިޔާބުކުރީ 5-0ގެ ނަތީޖާއަކުންނެވެ. އަދި މިއީ ޕެޕް ގާޑިއޯލާގެ މެންޗެސްޓަރ ސިޓީއިން ޖެހިޖެހިގެން ބާންލީ މި ނަތީޖާއިން ބަލިކުރި ހަތަރު ވަނަ ފަހަރެވެ.

މިމެޗުގައި ސިޓީގެ ގޯލުތައް ކާމިޔާބު ކުރީ ރިޔާދް މާރޭޒް އާއި ބެންޖަމިން މެންޑީގެ އިތުރުން ފެރަން ޓޯރޭސް އެވެ. މާރޭޒް ވަނީ މިމެޗުގައި ތިން ގޯލު ޖަހާ ހެޓްރިކް ވެސް ފުރިހަމަ ކޮށްފަ އެވެ. މިއީ އޭނާ ސިޓީއަށް ކާމިޔާބު ކޮށްދިން ފުރަތަމަ ހެޓްރިކެވެ.

މީގެ އިތުރުން ރޭ އަމިއްލަ ދަނޑުގައި ވެސްޓް ބްރޮމް އިން ޝެފީލްޑް ޔުނައިޓެޑުގެ މައްޗަށް ކުރިހޯދާ، އެޓީމުން ވަނީ މިސީޒަނުގައި ފުރަތަމަ މޮޅު ހޯދާފަ އެވެ. މެޗުގައި ވެސްޓް ބްރޮމް އިން ކާމިޔާބުކުރި ހަމައެކަނި ލަނޑު ޖަހައިދިނީ ޗެލްސީއިން ލޯނު އުސޫލުން މިސީޒަނުގައި އެޓީމަށް ގެނައި ޒުވާން މިޑްފީލްޑަރ ކޮނޯ ގަލަގާ އެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު