ކުޅިވަރު
އަޝްފާގު އޭއެފްސީ ކަޕް ބްރެކެޓް ޗެލެންޖް ކާމިޔާބު ކޮށްފި
ވޭތުވެދިޔަ ދިހަ އަހަރު އޭއެފްސީ ކަޕުގައި ޖެހި އެންމެ މޮޅު 32 ގޯލު ހިމަނައިގެން އޭއެފްސީ ވެބްސައިޓުގައި ކުރިޔަށް ގެންދިޔަ ބްރެކެޓް ޗެލެންޖު ދިވެހިރާއްޖެ ދުށް އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ކާމިޔާބު ކޮށްފި އެވެ.

ދަގަނޑޭ ބްރެކެޓް ޗެލެންޖް ކާމިޔާބުކުރީ ހޮންގް ކޮންގެ ޗާން ސިއު ކީ އާ ވާދަކޮށް 89.14 އިންސައްތަ ވޯޓު ހޯދައިގެންނެވެ. ޗާން ސިއު ކީ އަށް ލިބުނީ 10.86 އިންސައްތަ ވޯޓެވެ.

މި އޮންލައިން ޗެލެންޖުގައި ހިމެނޭ ދަގަނޑޭގެ ގޯލަކީ 2013 ވަނަ އަހަރުގެ އޭއެފްސީ ކަޕުގައި ނިއު ރޭޑިއަންޓާ އެކު އިންޑޮނީޝިއާގެ ޕާސިބޯ ކޮޅަށް ޖެހި ލަނޑެކެވެ. އެމެޗުގައި 7-0 އިން ނިއޔ މޮޅުވިއިރު، ދަގަނޑޭ ލަނޑު ޖަހާފައިވަނީ އެވަގުތު އޭނާ އަތުން ބޯޅަ ހޯދަން ކައިރިވި ހުރިހާ ކުޅުންތެރިން ކަޓުވާލުމަށް ފަހު އެވެ. އަދި މިމެޗުގައި ދަގަނޑޭ ވަނީ ފަސް ގޯލު ޖަހާފަ އެވެ.

މިދިޔަ ޖޫން މަހު އޭއެފްސީ އިން ސަޕޯޓަރުންގެ މެދުގައި ވޯޓު ލައިގެން ހޮވި އެންމެ މޮޅު ސޯލޯ ގޯލަކަށް ވެސް ހޮވުނީ ދަގަނޑޭގެ މި ގޯލެވެ. އެފަހަރު އޭއެފްސީއިން ހޮވާލި ފަސް ގޯލުގެ ތެރެއިން ދަގަނޑޭގެ ގޯލު އެންމެ މޮޅު ގޯލަކަށް ހޮވުނީ 54 އިންސައްތަ ވޯޓުންނެވެ.

މި ޗެލެންޖްގެ ފުރަތަމަ ބުރުގައި ކުވެއިތުގެ ރޮޖާނިއާއާ ވާދަކޮށް ކުރި ހޯދައިގެން ގަދަ 16 ގައި ދަގަނޑޭ ވަނީ ބަންގްލަދޭޝްގެ ޑާކާ އަބަހާނީގެ ސޮހެލް ރާނާ ބަލި ކޮށްފަ އެވެ. ކުއާޓާ ފައިނަލުގައި ވިއެޓްނާމްގެ އެންގުޔެން ވެން ކުޔެޓް އާ ވާދަކޮށްގެން ކުރި ހޯދިއިރު، ފައިނަލަށް ދަތުރުކުރީ ސެމީގައި ވިއެޓްނާމްގެ އެންގުޔެން ކުއާންގް ހާއީއާ ވާދަކޮށް ކުރި ހޯދައިގެންނެވެ.

ފައިނަލުގައި ދަގަނޑޭއާ ވާދަކުރި ޗާންގެ ގޯލަކީ 2015 ވަނަ އަހަރުގެ އޭއެފްސީ ކަޕުގައި، މެލޭޝިއާގެ ޕަހާންގް އާ ދެކޮޅަށް ޖެހި ލަނޑެކެވެ.

މި ބްރެކެޓް ޗެލެންޖު ކާމިޔާބުކުރެވުމުން އަޝްފާގު ވަނީ އޭނާއަށް ވޯޓު އިތުރުކޮށްދޭން މަސައްކަތްކުރި އެންމެންނަށް ޝުކުރު އަދާ ކޮށްފަ އެވެ. އަދި އާބާދީގެ ގޮތުން ބޮޑެތި ގައުމުތައް ފަހަތަށް ޖައްސައިލުމަށް ފަހު މިއަދު ދިވެހި ރައްޔިތުން ސާބިތު ކޮށްދިނީ، ދިވެހީންނަކީ މީސްކޮޅު މަދަސް ގައުމީ ކަންކަމުގައި ފަހަތަށް ޖެހޭނޭ ބައެއް ނޫންކަން ކަމަށް ވެސް އަޝްފާގު ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު