ޚަބަރު
އިންތިގާލީ އިންސާފުގެ ޤާނޫނު ތަންފީޒުވެއްޖެނަމަ، ރައީސް ނަޝީދު 1،000 އަހަރު ޖަލުގައި އޮންނަވާނެ: ޖަމީލު
ކުރީގެ ނައިބު ރައީސް ޖަމީލު - ފޮޓޯ: ޕީޕީއެމް
އިންތިގާލީ އިންސާފުގެ ގާނޫނު ރަނގަޅަށް ތަންފީޒު ކޮށްފިނަމަ ކުރީގެ ރައީސް މުހައްމަދު ނަޝީދު 1000 އަހަރު ޖަލުގައި އޮންނަން ޖެހިވަޑައިގަންނަވާނެ ކަަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީން ކާނިވާ ސަރަހައްދުގައި ރޭ ބޭއްވި "ވިސްނާ" ޖަލްސާގައި ވާހަކަދައްކަވަމުން ޖަމީލު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން އެންމެ ފަހުން ފާސްކުރި އިންތިގާލީ އިންސާފުގެ ގާނޫނަކީ އެމްޑީޕީގެ އަމިއްލަ ކަރަށް މަހައިލި މަޅިއެއް ކަމަށެވެ.

ޖަމީލު ވިދާޅުވީ ޕީޕީއެމްގެ ވެރިކަމެއްގައި އިންތިގާލީ އިންސާފުގެ ޤާނޫނު ފުރިހަމައަށް ތަންފީޒު ކުރާނެ ކަމަށެވެ. އިންތިގާލީ އިންސާފުގެ ޤާނޫނަކީ ނިޒާމީ ސިފައެއްގައި ރޭވިގެން ދައުލަތުގެ މުއައްސަސާތަކުން 1953ވަނަ އަހަރުން ފެށިގެން، 17 ނޮވެމްބަރު 2018ގެ ނިޔަލަށް ހިންގާފައިވާ އަނިޔާތަކަށް އިންސާފު ހޯދައިދިނުމަށް އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނެކެވެ.

"ކުރީގައި އަޅުގަނޑުމެން ބުނަމުން އައީ ދިގު މުއްދަތަކަށޭ ޖަލަށްދާނީ. މިރޭ ހިތާމައާ އެކީގައި، އަޅުގަނޑު އެއްވެސް ހާލެއްގައި އުފާވާ ވާހަކައެއް ނޫން. ހިތާމައާއެކު ދަންނަވާލަން ބޭނުންވަނީ އިންތިގާލީ އިންސާފުގެ ބިލު ރަނގަޅަށް ތަންފީޒުވެގެން ހިނގައްޖެކަމަގައިވާނަމަ، ރައީސް ނަޝީދު އެއްވެސް ޝައްކެއް ނެތް ގޮތުގައި 1،000 އަހަރު ޖަލުގައި އޮންނަވާނެ،" ޕީޕީއެމްގެ ސަޕޯޓަރުންނާ އެކު ކާނިވަލުގައި ކުރިއަށް ގެންދިޔަ ޖަލްސާގައި ޖަމީލު ވިދާޅުވިއެވެ.

އިންތިގާލީ އިންސާފުގެ ގާނޫނެއްގެ ދަށުން އިންސާފް ގާއިމް ކުރަން ޖެހޭނެ ގިނަ ކަންތައްތަކެއްގެ ލިސްޓެއް ޑރ.ޖަމީލް ވަނީ ޖަލްސާފައި ވިދާޅުވެފައެވެ. އޭގެތެރޭގައި ގާޒީއަކު ހައްޔަރު ކުރުމާއި، ކޯޓުގައި ތަޅުއެޅުވުމާއި، ރައިސް ޔާމީނާއި ގާސިމް އިބްރާހިމް ހައްޔަރު ކުރުމުގެ މައްސަލަވެސް ހިމެނޭކަމަށް ޖަމީލް ވިދާޅުވިއެވެ.

މި ގާނޫނުގެ ދަށުން 3 ނޮވެމްބަރު 1988 ވަނަ އަހަރުގެ އުދުވާނުން ގައުމު ދިފާއު ކުރުން މަތީ ދެމި ތިއްބާ ޝަހީދުވި، ގައުމީ ބަތަލުންގެ އާއިލާތަކަށްވެސް އިންސާފް ހޯދާދޭނެ ކަމަށްވެސް ޖަމީލް ވިދާޅުވެފައިވެއެވެ. އަދި ނާއިންސާފުން އަނިޔާ ލިބިފައިވާ ހުރިހާ މައްސަލައަކަށް ހައްލު ހޯއްދަވާދެއްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ނައިބު ރައީސަކަށް ހުންނެވުމަށްފަހު، ފިއްލަވައިގެން އިނގިރޭސީވިލާތަށް ވަޑައިގެން ހުންނަވައި ޕީޕީއެމްގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި ޖަމީލު ރޭ ވަނީ ޕީޕީއެމަށް ތައުރީފު ކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ. ޕީޕީއެމްގެ މެމްބަރުންނާ މުހާތަބު ކުރައްވައި ޖަމީލު ވިދާޅުވީ "އަޅުގަނޑުމެންނަކީ ބްރިޖުއަޅާ ޕާޓީ" ކަމަށެވެ.

"އިރާދަކުރެއްވިއްޔާ 2023ގައި އަންނާނީ ޕީޕީއެމްގެ ވެރިކަމެއް. ކައުންސިލް އިންތިހާބު ކާމިޔާބު ކުރާނީ ޕީޕީއެމުން. މަސްވެރިން، ދަނޑުވެރިން، އާންމު ރައްޔިތުންގެ ވެރިކަމެއް،" ޖަމީލު ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ނައިބު ރައީސް ކަމުން ދުރު ކުރެއްވުމުން އޭރުގެ އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެން މި ސަރުކާރު ގެނައުމަށް ޖަމީލް ކުރެއްވި މަސައްކަތްޕުޅުގައި ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. އެކަމަކު އެންމެ ފަހުން ބޭއްވި މަޖިލިސް އިންތިހާބު ނާކާމިޔާބުވި ފަހުން އަލުން ޕީޕީއެމްއާ ގުޅިވަޑައިގެން މިހާރު ގެންދަވަނީ ރައީސް ޔާމީން މިނިވަން ކުރުމުގެ މަސައްކަތް ކުރައްވަމުންނެވެ. ރައީސް ޔާމީނަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާ މި ދުވަސްވަރުގައި ޖަމީލް މަސައްކަތްޕުޅު ކުރައްވަނީ އެމަނިކުފާނުގެ ގާނޫނީ ވަކީލެއްގެ ގޮތުގައެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު