ޚަބަރު
ސަލީމްގެ ސުވާލު: އިންތިހާބެއް ބާއްވައިގެން ބަލިމަޑުކަމަކުން ރައްޔިތުން ސަލާމަތް ކުރެވިދާނެތޯ؟
މި ވަގުތު ސަރުކާރުގެ ކުރިމަތީގައި އޮތް އެންމެ ބޮޑު ވާޖިބަކީ ނުރައްކާތެރި ބަލިމަޑުކަމަކުން ރައްޔިތުން ސަލާމަތް ކުރުން ކަމަށްވާއިރު، މިފަދަ ދަނޑިވަޅެއްގައި އިންތިހާބެއް ބާއްވައިގެން އެ މަގުސަދު ހާސިލުކުރެވިދާނެތޯ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ އެމްޑީޕީ މެމްބަރު އަހްމަދު ސަލީމް ސުވާލު އުފައްދަވައިފި އެވެ. 

ކުރިއަށް އޮތް ލޯކަލް ކައުންސުލް އިންތިހާބު ވީހާވެސް އަވަހަކަށް ބޭއްވުމަށް "ކައުންސިލް އިންތިހާބުގެ ހާއްސަ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު"ގެ އިބްތިދާއީ ބަހުސް މިއަދު މަޖިލިސް ޖަލްސާގައި ވަނީ ފަށާފަ އެވެ.

ދައުރުން ބޭއްރުން ބޭއްވި އެ ޖަލްސާގައި ބިލަށް ބަހުސް ކުރައްވަމުން ސައްލެ ވިދާޅުވީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތަކީ ކޮވިޑް-19 އާ ދެކޮޅަށް ލިބޭ އެންމެ މުހިއްމު ހަތިޔާރުކަމަށްވާއިރު، ގައިޑްލައިންތަކަކާއެކު އިންތިހާބު ބާއްވަންޖެހުމަކީ އޭގެ ސަބަބުން ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާނެކަމެއްކަމަށެވެ.

"އިންތިހާބަށް ތައްޔާރުވާން ފަށާ ހިސާބުން ކޮންޓެކްޓް ޓްރޭސިން މަސައްކަތް ހުއްޓާލައިގެން ނޫނީ ދަތުރުފަތުރަށް މިހާރު ހުރި ހުރަސްތައް ނައްތާލައިގެން ނޫނީ މި އިންތިހާބު ރަނގަޅަށް ކުރިއަށް ގެންދެވިދާނެތޯ؟" އޭނާ ސުވާލު ކުރެއްވި އެވެ. 

ސަލީމް ވިދާޅުވީ އިންތިހާބެއް ބާއްވަންވާނީ މިނިވަންކަމާއި އެކު ކެމްޕެއިންކޮށް ދަތުރުފަތުރުކޮށް ތާއީދު ހޯދުމަށް މަސައްކަތްކޮށް އަދި ވޯޓުލާ މީހާއަށްވެސް މިނިވަން ކަމާއި އެކު ވޯޓުލެވޭނެ މަގު ތަނަވަސްވެގެން ދިއުން ކަމަށެވެ. މި ވޭތުވެދިޔަ ހަފްތާގެ ތެރޭގައި ރާއްޖެއިން 600 އަސްވުރެއް ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަން ފާހަގަކޮށް ސަލީމް ވިދާޅުވީ މިހާލަތުގައި އޮށްވާ އެޗްޕީއޭގެ ޑިރެކްޓާ ޖެނެރަލްއަށް ދެވޭނެ ލުއިތަކެއް ބަލާނުލާ އިސްލާހައިގެން ކުރިއަށް ދާން ނުފެންނަކަމަށެވެ. 

ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި އިންތިހާބު ބާއްވަންޖެހޭނީ ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅުއްވާ އުސޫލުތަކާއި ފިޔަވަޅުތަކާއެކު ކަމަށް ހިމަނާފައިވާއިރު، އަދި ވުޖޫދުގައި ނެތް ގައިޑްލަނަކާއެކު އިންތިހާބު ބޭއްވުމުގެ ވާހަކަ ދައްކާތީ ސައްލެ ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. 

ކޮވިޑްގެ ވެކްސިނާއި ވަރަށް ގާތަށް އާދެވިފައިވާކަން ފާހަގަކޮށް ސަލީމް ވިދާޅުވީ މޭ މަހާއި ހަމައަށް ރައްޔިތުންނަށް ވެކްސިންދީ ނިމޭނެ ކަމަށް ސަރުކާރުން ލަފާކުރާ ކަމަށެވެ. އެހެންކަމުން ރަމަޟާން މަހުގެ ފަހުން ޖޫން މަހާއި ހަމައަށް އިންތިހާބުގެ ކަންކަން ފަސްކޮށްލައިފި ނަމަ ކިތަންމެ ހަރަދަކުން ސަލާމަތްވެވި މިނިވަންކަމާއި އެކު އިންތިހާބުގައި ކެމްޕެއިން ކުރެވި ކެނޑިޑޭޓުންނަށް ތާއީދު ހޯދުމަށް ދަތުރުކުރެވި، އިންތިހާބަކީ ހުރިހާ އެންމެންވެސް ބަލައިގަންނަ ޝައްކެއް ނުކުރާފަދަ އިންތިހާބަކަށް ވާނެ ކަމަށެވެ.

"އަޅުގަނޑު ޖުމުލަ ގޮތެއްގައި މި ބުނަން ބޭނުންވަނީ އެއްވެސް ގައިޑްލައިން އެއްގެ ދަށުން އިލެކްޝަން ކޮމިޝަން މަސައްކަތް ކުރުމަކީ މިނިވަން ކަމާއި އެކީ އެކޮމިޝަނަށް މަސައްކަތް ކުރެވޭނެކަމެއް ކަމަށް އަޅުގަނޑު ޤަބޫލެއް ނުކުރަން." ސަލީމް ވިދާޅުވި އެވެ.

މި މަހުގެ ތެރޭގައި ގާނޫނު އިސްލާހުކޮށްދީފިނަމަ، އޭޕްރީލް 13 ގައި ރޯދަ މަސް ފެށުމުގެ ކުރިން އިންތިހާބު ބޭއްވޭނެކަމަށް އީސީން ވަނީ ބުނެފަ އެވެ.

އަދި އިންތިހާބު ބާއްވާ އާ ތާރީހެއްގެ ގޮތުގައި އަންނަ އޭޕްރީލް މަހުގެ ތިން ވަނަ ދުވަސް އީސީން ވަނީ ކަނޑައަޅައިފަ އެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު