ޚަބަރު
އަންހެން ޑްރައިވަރު، އައިންތުއާ ބައްދަލުކޮށްލަން ބޭނުން ކަމަށް ބުނެ، އިނގިރޭސި ސަފީރުގެ ތައުރީފް
އަންހެން ޓެކްސީ ޑްރައިވަރު، އާމިނަތު ވަހީދާ (އައިންތު)
މާލޭގައި ޓެކްސީ ކުރާ ހަމައެކަނި އަންހެން ޑްރައިވަރު، އާމިނަތު ވަހީދާގެ އާދާޔާހިލާފު ހިތްވަރަކީ ނަމޫނާއެއްގެ ގޮތުގައި އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެރަން ރޮސްލާ ސިފަ ކުރައްވައިފި އެވެ.

އައިންތު ޓެކްސީކުރަން ފެށީއްސުރެއް އޭނާގެ ކާރަށް އެކި ގެއްލުންދިނުމާއި އެކި ގޮތްގޮތުން އޭނާ އަށް ފުރައްސާރަކުރާ މައްސަލަތައް ވަނީ އެކި ފަހަރުމަތިން ފެންމަތިވެފަ އެވެ. އެކަމަކު އައިންތު އަންނަނީ އޭނާގެ މަސައްކަތް ހުއްޓާނުލާ ހިތްވަރާ އެކު ކުރަމުންނެވެ.

އޭނާގެ އެ ހިތްވަރަށް އެތައް ބައެއްގެ ތައުރީފް ލިބިފައިވަނިކޮށް އިނގިރޭސި ސަފީރު ކުރެއްވި ޓުވީޓުގައި ވިދާޅުވީ ބިރުދެއްކުމާއި އެކި ކަހަލަ ކުރިމަތިލަމުން ކުރިއަށްދާން އާދަޔާ ހިލާފް ހިތްވަރެއް ބޭނުންވާނެ ކަމަށެވެ. އަދި ކޮންމެވެސް ދުވަހަކުން އައިންތުއާ ބައްދަލުކުރައްވަން ބޭނުންވާ ކަމަށް ވެސް ވިދާޅުވި އެވެ.

"އެއްދުވަހަކުން މި ހިތްވަރު ގަދަ އަންހެނާ އާ ބައްދަލު ކުރަން ބޭނުން. އެތަކެއް ގޮންޖެހުންތަކަކާއި އެކުވެސް ކުރިއަށް ދިއުމަކީ ވަރަށް ހިތްވަރު ހުރެގެން ނޫނީ ނުވާނެ ކަމެއް. އަހަރުމެން ކުރަން ބޭނުންވާކަންތައް ކުރުމުގައި ދެމިތިބެނީ އެކަމެއް ދެކެ ވާލޯބިން." އޭނާ ވިދާޅުވި އެވެ.


މީސްމީހުންގެ ނުރުހުން ލިބުމަކީ، ކުރަން ބޭނުންވާ ކަމެއްގައި ނުވަތަ ހާސިލު ކުރަން ބޭނުންވާ އަމާޒަށް ވާސިލްވުން ހުއްޓުމަކަށް ގެންނަންވީ ސަބަބެއް ނޫން ކަމަށް ވިދާޅުވެ ރޮސްލާ ވަނީ އައިންތުގެ ހިތްވަރަށް ތައުރީފު ކުރައްވާފަ އެވެ.

އަހަރުތަކެއް ވަންދެން ފުލުހަށް ހުށަހެޅި މައްސަލަތަކުން ހައްލެއް ނުލިބި ކުރިމަތިވެފައި އޮތް މާޔޫސްކަމަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް މިހާރު ވަނީ ލިބިފައި އެވެ. މިދިއަ އޮކްޓޯބަރު މަހު އޭނާގެ ކާރަށް ގެއްލުންދިން މައްސަލާގައި މުދަލަށް ގެއްލުންދިނުމުގެ ދައުވާވަނީ ކޮށްފަ އެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު