ޚަބަރު
ކޮވިޑް ވެކްސިން ޖަހަން 19،000 މީހުން ރަޖިސްޓްރީކޮށްފި
ކޮވިޑް-19އިން ރައްކާތެރިވުމަށް ވެކްސިން ޖެހުމަށްޓަކައި މިހާތަނަށް 19000އަށްވުރެ ގިނަމީހުން ރަޖިސްޓްރީކޮށްފައިވާކަމަށް ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކުރައްވައިފިއެވެ.

ކޮވިޑް-19ގެ ވެކްސިން ޖެހުމަށް ރަޖީސްޓްރީ ކުރުމަށް ހުޅުވާލާފައިވަނީ މިމަހުގެ 18ވަނަ ދުވަހުގައެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) ގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ.ފާޠިމަތު ނަޒްލާ ރަފީގު ވިދާޅުވީ މިހާތަނަށް ކޮވިޑް-19ގެ ވެކްސިން ޖެހުމަށްޓަކައި 19666 މީހަކު ޕޯޓަލްގައި ރަޖިސްޓްރީ ވެފައިވާކަމަށެވެ.

އެއީ ދުވާލެއްގެ މައްޗަށް ބަލާނަމަ 1،000 މީހުން ކަމަށާއި ވެކްސިން ޖެހުމަށްޓަކައި ވީހާވެސް ގިނަބަޔަކު ޕޯޓަލްގައި ރަޖިސްޓްރީ ވުމަށް ނަޒްލާ ވަނީ އިލްތިމާސްކޮށްފައެވެ.

މި މަހުގެ 20 ވަނަ ދުވަހު އިންޑިއާ ސަރުކާރުން ވަނީ 'ކޮވިޝީލްޑް' ވެކްސިންގެ އެއް ލައްކަ ޑޯޒް ރާއްޖެއަށް ހަދިޔާކޮށްފަ އެވެ.

ކޯވިޑް-19ގެ ވެކްސިން ޖެހުމަށް ރަޖިސްޓްރީ ކުރުމަށް ތައްޔާރުކޮށްފައިވާ ޚާއްސަ ޕޯޓަލްއަކީ my.health.mv އެވެ. ކޯވިޑްގެ ވެކްސިނަށް ރަޖީސްޓްރީކުރާ ޕޯޓަލްގައި ފުރަތަމަ ރަޖިސްޓްރީ ކުރުމަށް ހުޅުވާލާފައިވަނީ ސިއްޙީ ޚިދުމަތްތެރިންނަށާއި ސޯޝަލް ކެއަރ ވޯކަރުންނަށެވެ. 

ކޮވިޑް-19 ގެ ވެކްސިން ޖަހަން އެއްވެސް މީހަކަށް މަޖުބޫރު ނުކުރާނެ ކަމަށާއި ނަމަވެސް އާންމު ހާލަތަކަށް ރުޖޫއަވުން އަވަސް ވާނީ ވީހާ ވެސް ގިނަ ބަޔަކު ވެކްސިން ޖަހައިގެން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ބުނެފަ އެވެ.

"...ވަކި ފަރުދަކަށް ބަލައިފި ކަމުގައިވާ ނަމަވެސް، މި ވެކްސިން ޖެހުމުން އޭނާ މި ބަލިން ރައްކާތެރިވުމުގެ އިތުރުން މި ބަލީގެ ނުރައްކާ އެންމެ ބޮޑު މީހުންގެ ތެރެއިން މީހަކަށް އޭނާގެ ފަރާތުން ބަލި ޖެހުމުގެ ފުރުސަަތު ކުޑަކޮށްދޭ،" ވެކްސިނާ ގުޅޭ ގޮތުން އާންމުން ހޭލުންތެރި ކުރުމަށް އެޗްޕީއޭ އިން ރޭ އާންމު ކުރި މައުލޫމާތުގައި ބުނެފައިވެ އެވެ.

އެޗްޕީއޭ އިން ބުނީ ވެކްސިން ޖެހުމުގައި އިސްކަން ދޭނީ ސިއްހީ ދާއިރާގައި މަސައްކަތްކުރާ މީހުންނާއި އުމުރުން ދުވަސްވީ މީހުންނާއި އެހެނިހެން އިޖްތިމާއީ ހާލަތްތަކުގައި އުޅޭ މީހުންނަށް ހިދުމަތްދޭ މީހުންނަށް ކަމަށެވެ.

އުމުރުން 16 އަހަރުން ދަށުގެ ކުދިންނަށް ވެކްސިނެއް ނުދޭނެ އެވެ. ސަބަބަކީ ކޮވިޑް-19 އާ ދެކޮޅަށް މިހާތަނަށް އުފައްދާފައިވާ ވެކްސިންތަކަކީ ކަނޑައެޅިފައިވާ ވަކި އުމުރުފުރާތަކަކަށް ޓެސްޓްކޮށްފައިވާ ވެކްސިންތަކަކަށް ވާއިރު އެ ޓެސްޓުތަކުގައި 16 އަހަރުން ދަށުގެ ކުދިން ހިމަނާފައި ނުވާތީ އެވެ.

ކޮވިޑް 19 އިން ރައްކާތެރިވުމަށްޓަކައި ޖަހާ ވެކްސިން އެންމެ ފުރަތަމަ ރާއްޖެއަށް ގެނެސްފައިވަނީ މިމަހުގެ 21 ވަނަ ދުވަހު އިންޑިއާއިންނެވެ. ސަރުކާރުން އަންނަނީ އޮކްސްފޯޑް-އެސްޓްރާޒެނެކާ އިން ކޮވިޑާ ދެކޮޅަށް އުފެއްދި "ކޮވިޝީލްޑް" ވެކްސިންގެ 700،000 ޑޯޒް ގަތުމަށް މަސައްކަތްކުރަމުންނެވެ. މީގެ 100،000 ޑޯޒް އިންޑިއާ ސަރުކާރުން ވަނީ ރާއްޖެ އަށް ހަދިޔާ ވެސް ކޮށްފަ އެވެ.

މި ވެކްސިނާ ބެހޭ ގޮތުން ވެސް އެޗްޕީއޭ އިން އަންނަނީ މައުލޫމާތު ދެމުންނެވެ. ވެކްސިނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މިހާތަނަށް ކޮށްފައިވާ ދިރާސާތަކާއި ވެކްސިންގެ ސައިޑްއިފެކްޓްސްތަކާ މެދު ހޭލުންތެރިކަން އިތުރުކުރަން ވެސް އަންނަނީ މަސައްކަތްކުރަމުންނެވެ. މި ވެކްސިނަށް ހުއްދަ ހޯދުމަށް ޑަބްލިޔުއެޗްއޯ އަށް މިހާރު ހުށަހަޅާފައި ވާއިރު އެ ތަނުން ލަފާކުރަނީ އަންނަ މަހުގެ 15 ގެ ކުރިން ހުއްދަ ދެވޭނެ ކަމަށެވެ.

ރާއްޖެ މިހާރު ގެނެސްފައިވާ ވެކްސިންގެ އިތުރުން ކޮވިޑް ވެކްސިން ހޯދުމަށްޓަކައި އެސްޓްރަޒެނެކާ ސިންގަޕޫރު ކުންފުންޏާއި އެކު ވެސް ރާއްޖެއިން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އަދި ކޯވެކްސް ފެސިލިޓީގެ ދަށުން އާބާދީގެ 20 އިންސައްތައަށް ލިބޭ ވެކްސިން ހޯދުމުގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 1،086 މީހުންނެވެ. މިހާތަނަށް 13،849 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 80 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. އައިސީޔޫގައި ތިން މީހަކަށް ފަރުވާ ދެމުންދާއިރު އެކަކަށް ފަރުވާ ދެނީ ވެންޓިލޭޓަރުގައެވެ. 

މި ބަލީގައި މިހާތަނަށް 51 މީހަކު ރާއްޖޭގައި މަރުވެފައި ވެއެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު