ޚަބަރު
ރާއްޖޭގެ ސަލާމަތް އޮތީ އިންޑިއާ ކަނޑުގެ ހަމަޖެހުމާ ގުޅިފައި: ރައީސް ނަޝީދު
ރާއްޖޭގެ ސަލާމަތް އޮތީ އިންޑިއާ ކަނޑުގެ ހަމަޖެހުމާއި ގުޅިފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ، އިންޑިއާގެ ފޮރިން މިނިސްޓަރ ޑރ. އެސް. ޖައިޝަންކަރ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅާއި ގުޅިގެން މިއަދު އެކުވެނި ދުވާ ޓްރެކް ސަރަހައްދުގައި ބޭއްވެވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ރައީސް ނަޝީދު ވަނީ، އިންޑިއާ އާއި ރާއްޖޭގެ ތަރައްގީ ގުޅިލާމެހިފައިވާ މިންވަރުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

އެގޮތުން، އިންޑިއާއަކީ މިއަދު އެންމެ ބާރަށް ތަރައްގީވަމުން އަންނަ އެއް ގައުމުކަން ރައީސް ނަޝީދު ވަނީ ފާހަގަ ކުރައްވާފައެވެ. އަދި، ދިވެހިރާއްޖެއާ އެންމެ އަވައްޓެރި އެއް ގައުމަކީ އިންޑިއާ ކަމަށާއި، ދިމާވާ ކޮންމެ ކަމެއްގައިވެސް އިންޑިއާއިން އެހީވާކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

ބަޣާވާތެއް ކުރިމަތިވި ނަމަވެސް، ސުނާމީ ކާރިސާގައިވެސް، އަދި މާލޭގެ ފެނުގެ ކްރައިސިސްއާ، ކޮވިޑްގެ ޕެންޑެމިކްގެ ހާލަތުގައިވެސް އިންޑިއާއިން ވަނީ ރާއްޖެއަށް ނުހަނު ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައެވެ. 'އިންޑިއާ ފަރސްޓް' ޚާރިޖީ ސިޔާސަތެއް ގެންގުޅޭ މައިގަނޑު ސަބަބަކީ މިއީކަން ފާހަގަ ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ، ދިވެހިން އަބަދުވެސް ވިސްނަންވާނީ ދިވެހިންގެ ކުރިއެރުމަށް ކަމަށެވެ.

އަދި ދިވެހިން އަބަދުވެސް ވިސްނަން ޖެހޭނީ ދިވެހިންގެ ރަނގަޅަށް ކަމަށާއި އެގޮތުން ރާއްޖޭގެ ތަރައްގީ އާއި ކުރިއެރުމާއި ސަލާމަތް ގުޅިފައި އޮތީ އިންޑިއާގެ ކުރިއެރުމާއި އިންޑިއާ ކަނޑުގެ ހަމަޖެހުމަށް ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

މީގެއިތުރުން މިއަދު ރާއްޖެ ވަޑައިގެންނެވި އިންޑިއާގެ ހާރިޖީ ވަޒީރަށް އެނގިވަޑައިނުގެންނެވި ކަމެއް ދުނިޔޭގެ ހާރިޖިއްޔާގައި ހިނގަމުން ނުދާކަން ފާހަގަކުރައްވަމުން ނަޝީދު ވަނީ އިންޑިއާ ކަނޑަށް ވެދާނެ ގޮތާއި އަދި ވާން އުޅޭ ގޮތް ވެސް އެންމެ ސާފުކޮށް ބުނެދެމުން އަންނަނީ ޑރ.ޖައިޝަންކަރު ކަމަށް ވިދާޅުވެފައެވެ.

އަދި ކުރިއަށް އޮތް ދުވަސްތަކުގައި އިންޑިއާ އާއި ރާއްޖެއާ ދެމެދު ތަރައްގީގެ ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރެވިގެން ދާނެ ކަމަށާއި އެގޮތުން އެ އެއްބަސްވުންތައް ވެގެންދާނީ ދިވެހިންގެ ދިރިއުޅުން މާ އުޖާލާވެގެންދާނެ މަސައްކަތްތަކަކަށް ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައިވަނީ އިންޑިއާއިން ރާއްޖެއަށް އިތުރު 100000ޑޯޒްގެ ވެކްސިން ދިނުމުގެ ރަމްޒީ އެހީވެސް ހަވާލުކޮށްފައެވެ. މި އެހީ ރާއްޖެއާ ހަވާލުކޮށްދެއްވީ އިންޑިއާގެ ފޮރިން އެފެއާޒް މިނިސްޓަރ ޑރ.އެސް. ޖައިޝަންކަރެވެ. އަދި ރާއްޖެއިން އެހީއާ ޙަވާލުވެވަޑައިގަތީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދާއި ހެލްތު މިނިސްޓަރ އަޙްމަދު ނަސީމެވެ.

އިންޑިއާއިންދަނީ ރާއްޖެއަށް އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ރާއްޖޭގައި ހިންގާ ބޮޑެތި މަޝްރޫޢުތަކަށް މާލީ އެހީ ދިނުމާއި ރަށު ފެންވަރުގައި އިޖްތީމާއީ ގިނަ ޕްރޮޖެކްޓްތައް ހިންގުމަށްވެސްދަނީ އެހީތެރިކަންވެދެމުންނެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު