ޚަބަރު
މަސައްކަތް ނުކުރެވޭނަމަ ރައްޔިތުން ކަންބޮޑުވާނެ: ރައީސް ނަޝީދު
ބޮޑު މުސާރަ ދީފައި، ރައްޔިތުން އެތައް އުންމީދެއް ކޮށްފައި އޮންނަ މަޖިލީހަކުން، ބޭނުންވާ ވަރަށް މަސައްކަތްތައް ކުރިއަށް ނުގެންދެވޭނަމަ ރައްޔިތުން ކަންބޮޑުވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށްޓަވަމުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، ކޮންމެ ދައުރެއް ފަށާއިރު އެދައުރަކަށް ސަރުކާރުން ފޮނުވާނެ ބިލުތަކުގެ ލިސްޓެއް މަޖިލީހަށް ލިބޭކަމަށެވެ. އެގޮތުން މިދައުރުގައިވެސް ލިސްޓު ލިބިވަޑައިގެންފައިވާކަމަށާއި، ނަމަވެސް އެ ލިސްޓާ ގުޅޭ ބިލެއް އަދި ލިބިވަޑައިގެންފައި ނުވާކަމަށް ވިދާޅުވެ އެކަމުގެ ކަންބޮޑުވުން މަޖިލީހުގެ ރައީސް ފާޅުކުރެއްވިއެވެ. އަދި އެކަމުގެ ސަބަބުން މަޖިލީހުގެ މަސައްކަތްތައް މަދުވެފައިވާކަމަށްވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ބޮޑު މުސާރަ ދިނުމަށްފަހު އުއްމީދުތަކާއި އެކު ރައްޔިތުން ހޮވި ބައެއްގެ މަސައްކަތްތައް މަދުވަމުންދާނަމަ، ރައްޔިތުންވެސް ކަންބޮޑުވާނެ ކަމަށެވެ.

"ސަރުކާރުން މަޖިލީހަށް ބިލުތައް ލިބުމަކީ މުހިންމުކަމެއް. ބަންޑާރަ ނާއިބާއި ވާހަކަ ދައްކައިގެން އަޅުގަނޑު ބަލާނަން ކޮން ބިލުތަކެއްތޯ ހުށަހެޅެން އޮތީ. މިދައުރުގެ ތެރޭގައި އަޅުގަނޑުމެން އެބަޖެހޭ މުހިންމު ބިލުތަކެއްގެ މަސައްކަތް ކުރަން. އެންމެ ކުޑަ އުޖޫރަ، ވަޒީފާ ނެތި ތިބި މީހުންނަށް އިނާޔަތެއް ދިނުން. މިކަންކަން އަޅުގަނޑުމެން ކުރަން އެބަޖެހޭ، މިއީ އެޖެންޑާ19 ގައި ކަނޑައަޅާފައިވާ ކަންކަން. ރައްޔިތުން ވަރަށް ކަންބޮޑުވާނެ ބޮޑު މުސާރަ ދީފައި އެވަރަށް މަސައްކަތް ނުކުރެވޭނަމަ. އެބޭފުޅުންގެ ކަންބޮޑުވުންވެސް އެކަމަށް އޮންނާނެ." މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވިއެވެ.

މަޖިލިސް ރައީސް ވިދާޅުވީ ބަންޑާރަނައިބާ އެކުގައި މަޝްވަރާ ކުރުމަށްފަހު އެންމެ އަވަހަށް މަޖިލީހަށް ފޮނުވެން ހުރި ބިލުތަކާ ގޮތުން މަޝްވަރާކުރައްވާނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ކުރަން ހުރި މަސައްކަތްތައް ވަރަށް ގިނަ ކަމަށެވެ. އެގޮތުން މިނިމަމް ވޭޖް ނުވަތަ އެންމެ ކުޑަ އުޖޫރަ ކަނޑައެލުމުގެ މަސައްކަތާއި، ވަޒީފާއެއް ނެތި ވަޒީފާ ހޯދަމުންދާ ފަރާތްތަކަށް އިނާޔަތެއް ދިނުމުގެ ބިލުގެ ވާހަކަ ފާހަގަކުރެއްވި އެވެ.

އެއީ އެމްޑީޕީގެ އެޖެންޑާ19ގެ ބާކީ ހުރި ބިލުތަކުގެ ތެރެއިން ބިލެއްކަން ފާހަގަކުރައްވައި މަޖިލިސް ރައީސް ވިދާޅުވީ އެމްޑީޕީން އަބަދުވެސް އެ ޕާޓީގެ ލެޖިސްލޭޓިވް އެޖެންޑާ ސާފުކޮށްދީފައި އޮންނަ ކަމަށެވެ.

"ހަގީގަތުގައި އެ ޕާޓީގެ ޕީޖީ ލީޑަރާ ބަންޑާރަނައިބާ ވާހަކަދައްކަވައިގެން މިކަމުގައި އަވަސް މަގެއް ހޯއްދަވާ ދެއްވަންނީ. މަޖިލީހުގެ އިދާރާއަށް މިކަމުގައި ކުރެވޭނެ ވަކި ހާއްސަ މަސައްކަތެއް ނޯންނާނެ،" މަޖިލިސް ރައީސް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިދައުރަށް 33 ބިލެއް މަޖިލީހަށް ހުށައެޅުމަށްވެސް ބަންޑާރަ ނާއިބު ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ކޯވިޑް-19ގެ ވެކްސިން ދިނުމާބެހޭ އުސޫލުތައް ކަނޑައެޅުމުގެ ބިލު ހިމެނެއެވެ. އެބިލުތަކުގެ ލިސްޓް މަޖިލީހަށް ވަނީ ފޮނުވާފައެވެ. އޭގެ ތެރޭގައި މުޅިން އަލަށް 15 ޤާނޫނެއް އެކުލަވާލާ ބިލް ހިމެނެއެވެ. އަދި މިހާރު ޢަމަލުކުރެވެމުންދާ 16 ޤާނޫނަކަށް އިޞްލާހު ގެނައުމަށްވެސް ހިމަނާފައިވެއެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްވެސް ވަނީ މިދައުރުގައި މުހިންމު ޤާނޫނުތަކެއް އަންނާނެކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު