ވިޔަފާރި
ބާޒާރުގައި ޑޮލަރުގެ އަގު 16 ރުފިޔާއަށް ވެއްޓިއްޖެ

ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ފުރަތަމަ ފަހަރަށް 16 ރުފިޔާއަށް ވެއްޓިއްޖެ އެވެ.

މިއީ ކޮވިޑްގެ ތެރޭގައި ޑޮލަރުގެ އަގު މައްޗަށް ދިޔަ ފަހުން މި އަގު ވެއްޓުނު ފުރަތަމަ ފަހަރެވެ.

ކަޅު ބާޒާރުގައި ޑޮލަރު ވިއްކަމުން އަންނަ ވައިބަރ ގްރޫޕުތަކުގައި މި ހަފުތާ ފެށިފަހުން ޑޮލަރުގެ އަގު 17 ރުފިޔާއަށް ވުރެ ދަށަށް ވެއްޓިފައިވާ އިރު، ކަޅު ބާޒާރުގައި ޑޮލަރު ވިއްކަމުން އަންނަ ވައިބާ ބައެއް ގްރޫޕުތަކުގައި މިއަދު ޑޮލަރު ވިއްކަން ފަށާ އަގުގެ ގޮތުގައި މިހާރުއޮތީ 16.20ރ.އަށް.

އިއްޔެ ހެނދުނު ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 16.35ރ. އަށް ހުރިނަމަވެސް އިއްޔެގެ ހަވީރާ ހަމައަށް ދިޔައިރު 16.25ރ އަށް ވަނީ ތިރިވެފަ.

ހުއްދަ ހޯދައިގެން ޑޮލަރުގެ މުއާމަލާތް ހިންގާ ތަންތަނުގައި އަދިވެސް ޑޮލަރެއްގެ އަގު އުޅެނީ 18ރ. އަށެވެ.

އެހެންނަމަވެސް ޑޮލަރު ކޮންޓްރޯލްކުރަނީ ކަޅު ބާޒާރުގައި ކަމަށް ވާތީ، ގިނަ އަދަދަކުން ޑޮލަރު ގަންނަ މީހުން މުއާމަލާތްކުރަނީ ވައިބަރ ގްރޫޕްތައް މެދުވެރިކޮށް ކަމަށް ބެލެވެ އެވެ.

ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ހުއްޓުމުން އައިސްފައިވާ ހީނަރުކަމާއެކު ޑޮލަރުގެ އަގު 20ރ. އަށް ވެސް ވަނީ އުފުލިފަ. އަދި އެންމެ ގިނަ ދުވަހު ޑޮލަރުގެ އަގު ހިފެހެއްޓިފައި އޮތީ 18ރ އާއި 19ރ ދެމެދުގެ އަގުތަކުގަ އެވެ.

ރާއްޖޭގައި ޑޮލަރުގެ ރަސްމީ އަގަކީ 15:42ރ އެވެ. އެކަމަކު މަރުކަޒީ ބޭންކް އެމްއެމްއޭ އަކީ، ޑޮލަރުގެ ތާށިކަން އަންނަ ދުވަސްވަރު ފައިސާގެ މާރުކޭޓްގެ ކޮންޓްރޯލް ހޯދޭ ފަދަ ގާބިލް އިދާރާއަކަށް ނުވާތީ، ޑޮލަރުގެ މުއާމަލާތް އަބަދުވެސް އަންނަނީ ކަޅު ބާޒާރުގައި ހިންގަމުން ނެވެ.

ގިނަ ބަޔަކު ތުހުމަތުކުރާ ގޮތުގައި ޑޮލަރުގެ ކަޅު ބާޒާރު ކޮންޓްރޯލްކުރަނީ ރާއްޖޭގެ ރިސޯޓަތަކުގެ މަހުޖަނުންނެވެ.

ޑޮލަރުގެ ކަޅު ބާޒާރު ނައްތާލައި ޑޮލަރު ގަނެ ވިއްކުމުގެ ނިޒާމް ރަނގަޅުކުރަން ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު