ޚަބަރު
އަލީގެ ޕާސްޕޯޓު ދޫކޮށްލި މައްސަލަ އިސްތިއުނާފުކޮށްފި
ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު ދޫކުރަން ކްރިމިނަލް ކޯޓުން ކުރި އަމުރު އިސްތިއުނާފުކުރަން ހުށަހެޅުމުން އެ މައްސަލަ ބަލައިނުގަންނަން ހައިކޯޓުގެ ރަޖިސްޓްރާ ނިންމި ނިންމުން ޕީޖީ އޮފީހުން އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފު ކުރަން ހުށަހަޅައިފި އެވެ.

ޕީޖީ އޮފީހުން ހައިކޯޓަށް ހުށައެޅި މައްސަލަ ބަލައިނުގަތުމަށް އެކޯޓުގެ ރަޖިސްޓްރާ ނިންމެވީ ކްރިމިނަލް ކޯޓުގެ އަމުރު ނެރުނުތާ 48 ގަޑިއިރު ހަމަވިފަހުން މައްސަލަ އިސްތިއުނާފަށް ހުށައަޅާފައިވާތީއެެވެ. ޢަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރައިގެން ދިއުމުގެ ހުއްދަ ދީ، ޕާސްޕޯޓު ދޫކުރުމަށް ދަށު ކޯޓުން ކުރި ޢަމުރު ހައިކޯޓުގައި އިސްތިއުނާފް ކުރިކަން ޕީޖީ އޮފީހުން ހާމަކުރީ މިދިޔަ މަހުގެ 14 ވަނަ ދުވަހުގައެވެ.

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކެއް ރޭޕްކުރަން އުޅުމާއި ޖިންސީ ގޯނާގެ ތުހުމަތުގައި އަލީ ވަހީދުގެ މައްޗަށް ދައުވާ އުފުލައި ޝަރީއަތް ފަށާފައި ވަނިކޮށް، އޭނާގެ ޕާސްޕޯޓު ދޫކުރަން ކްރިމިނަލް ކޯޓުގައި އަޑުއެހުން ބާއްވައި އަމުރު އިއުލާން ކުރީ މިދިޔަ މަހު 9 ގައެވެ. ނަމަވެސް ނެރުނު އަމުރުގައި އިދާރީ މައްސަލައަކާ ގުޅިގެން ޖެހިފައި އޮތީ ފެބްރުއަރީ 10 އެވެ. އަދި އެކަމާ ގުޅޭ ލިޔުންތައް ލިބުނު ކަމަށް ޕީޖީން ބުނަނީ 11 ވަނަ ދުވަހު އެވެ. އޭރު ވެސް އަލީ ވަހީދު ފުރައިވަޑައިިގެންނެވި ސީދާ ތާރީހެއް އޮތީ ސާފު ނުވެ އެވެ.

ހައިކޯޓުން މިއަދު ބުނީ، ރަޖިސްޓްރާގެ ނިންމުން އިސްތިއުނާފު ކުރަން ދައުލަތުން ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް، އަދި ވަކި ގޮތެއް ނުނިންމާ ކަމަށް ބުންޏެވެ.

ހައިކޯޓުގެ ރަޖިސްޓްރާ މައްސަލައެއް ބަލައިނުގަތުމަށް ނިންމައިފި ނަމަ އެ ނިންމުމެއް އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފު ކުރެވިދާނެ ކަމަށް އެ ކޯޓުގެ ގަވައިދުގައިވެ އެވެ. އަދި ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ނިންމުންތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވޭނެ އެވެ.

އަލީ ވަހީދުގެ މައްޗަށް އުފުލާފައިވަނީ ޖިންސީ އަނިޔާ ކުރުމުގެ ދައުވާއަކާއި ޖިންސީ ގޯނާ ކުރުމުގެ ދައުވާ އާއި ޖިންސީ ގޯނާކުރަން އުޅުމުގެ ދައުވާ އާއި ރޭޕް ކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ބޭ އަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ދައުވާ އާއި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ދެ ދައުވާ އެވެ.

އަލީ ވަހީދުގެ ޖިންސީ ފުރައްސާރަ ކުރިމަތިވި ކަމަށް ބުނާ މުވައްޒަފުންގެ އަދަދު 13 އަށް ވުރެ ގިނަ އެވެ.

ނަމަވެސް އެ ތުހުމަތުތައް އޭނާ ގެންދަވަނީ ދޮގުކުރައްވަމުންނެވެ. އެ ދައުވާތައް ސާބިތުވެއްޖެ ނަމަ އޭނާގެ މައްޗަށް މަދުވެގެން 21 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ. 

ޖާމިނުވާނެ ފަރާތެއް ހުށަހެޅުމުން އަލީ ވަހީދުގެ ޕާސްޕޯޓް ކްރިމިނަލް ކޯޓުން ދޫކޮށްލީ، ޕާސްޕޯޓްގެ ބަދަލުގައި ބޭހަށް ބޭރަށް ދިއުމުގެ ވަގުތީ ލިއުމެއްގެ ދަށުން ފުރުއްވުމުގެ ހުއްދަ ދޭން ފެންނަ ކަމަށް ޕީޖީން ކޯޓުގައި އެދިފައި އޮއްވަ އެވެ. އޭނާ ބޭރަށް ވަޑައިގަންނަވާ ސަބަބެއް ކަމަށް އެދިވަޑައިގެންފައި އޮތީ ބަދައިގެ އޮޕަރޭޝަނަކަށެވެ.



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު