ދުނިޔެ
ހައްޖުގައި ބައިވެރިވެވޭނީ ކޮވިޑް ވެކްސިން ޖަހާފައިވާ މީހުންނަށް: ސައުދީ އަރަބިއާ
މި އަހަރުގެ ހައްޖުގެ އަޅުކަމަށް ސައުދީ އަރަބިއާ އަށް ދަތުރުކުރާ އެންމެން ކޮވިޑް ވެކްސިން ޖެހުން މަޖްބޫރު ކަމަށް އެ ގައުމުގެ ހެލްތު މިނިސްޓަރު ވިދާޅުވެއްޖެ އެވެ.

އޮކާޒް ނޫހުގައިވާ ގޮތުން ސައުދީ ހެލްތު މިނިސްޓްރީން ވަނީ ހައްޖުގައި ބައިވެރިވާ މީހުން ހުއްދަ ހޯދުމަށްޓަކައި ކޮވިޑް ވެކްސިން ޖެހި ކަމުގެ ހެކި ދައްކަން ޖެހޭނެ ކަމަށް ކަނޑައަޅާފަ އެވެ.

"ހައްޖަށް އަންނަން ބޭނުންވާ މީހުން ކޮވިޑް-19 ވެކްސިން ޖެހުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް އަދި އެއީ ހުއްދަ ހޯދުމަށް ކަނޑައަޅާފައިވާ މައިގަނޑު އެއް ޝަރުތައް ވާނެ،" އޮކާޒް ނޫހުގައިވެ އެވެ.

ސައުދީން މިއަހަރުގެ ހައްޖުގައި ބައިވެރިވާން ހުއްދަ ދޭނެ މީހުންގެ އަދަދެއް އަދި ހާމަ ނުކުރެ އެވެ.

ކޮރޯނާވައިރަސް ފެތުރެން ފެށުމާ އެކު ސައުދީން ވަނީ މިދިޔަ އަހަރުގެ މާޗް މަހު އުމްރާގެ އަޅުކަން ވެސް މެދުކަނޑާލައިފަ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ފަހުކޮޅު އުމްރާގެ އަޅުކަން އަލުން ފެށީ ހަރުކަށި ކޮވިޑް ޕްރޮޓޮކޯލްތަކަކާ އެކު އެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މިހާތަނަށް ފަސް މިލިއަން މީހުން ވަނީ އުމްރާގެ އަޅުކަން އަދާކޮށްފަ އެވެ. އޭގެ ތެރޭން ކޮރޯނާވައިރަހުގެ އެންމެ ކޭހެއް ވެސް ރިޕޯޓްކޮށްފައެއް ނުވެ އެވެ.

ސައުދީން ވަނީ އެގައުމުގެ ރައްޔިތުންނަށް މިދިޔަ ޑިސެމްބަރު މަހު ވެކްސިން ދޭން ފަށާފައެވެ. އެގައުމުގައި މޮޑާނާގެ އިތުރުން ފައިޒާ އަދި އެސްޓްރާޒެނެކާ ވެކްސިން ދެމުންދެއެވެ.

ސައުދީގެ ހެލްތު މިނިސްޓްރީން ބުނީ އެ ގައުމުގައި އަންގާރަ ދުވަހުގެ ނިޔަލަށް 885،000 މީހުން ވެކްސިން ޖަހާފައިވާ ކަމަށެވެ. ވެކްސިން ޖެހުމަށް ވަނީ 259 މަރުކަޒު ގާއިމްކޮށްފަ އެވެ. ސައުދީގެ ރައްޔިތުންނާއި އެ ގައުމުގައި އުޅޭ ބިދޭސީންނަށް ވެސް ވެކްސިން ޖަހައިދެނީ ހިލެ އެވެ. ސައުދީގައި ޖަހަނީ ފައިޒާ އާއި އޮކްސްފޯޑް-އެސްޓްރަޒެނެކާ ވެކްސިނެވެ.

ސައުދީން އުއްމީދު ކުރަނީ މި އަހަރު ނިމޭއިރު އާބާދީގެ 70 ޕަސެންޓަށް ވެކްސިން ދިނުމަށެވެ.

ސައުދީ އަރަބިއާ އިން މިހާތަނަށް ވަނީ 378,002 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ 6,505 މީހުން މަރުވެފަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު