ޚަބަރު
ކުރެވެނީ ސިޔާސީ ދައުވާތަކެއް، އަލީ ވަހީދު ފްރޭމް ކުރެވިގެން ނުވާނެ: މެންބަރު ޒަރީރު
މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ކޮށްފައި ވަނީ "ސިޔާސީ" ދައުވާތަކެއް ކަމަށާއި އަދި އޭނާ "ފްރޭމް" ކުރިވިގެން ނުވާނެ ކަމަށް މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ވިދާޅުވެއްޖެ އެވެ.

ރައްޔިތުން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި ވާހަކަ ދައްކަވަމުން ޒަރީރު ވިދާޅުވީ އަލީ ވަހީދުގެ މައްޗަށް ހަތް ދައުވާއެއް ކުރާއިރު އެ ދައުވާތަކުން ޖުމުލަކޮށް ފެންނަނީ ސިޔާސީ ކުލަ ޖެހިފައިވާ މަންޒަރު ކަމަށެވެ. އަދި އެކަންކަމުގެ ސަބަބުން މި މައްސަލައިގައި ކަންހިނގާދިޔަ ގޮތާއި ގުޅޭގޮތުން ސުވާލުތަކެއް އުފެދޭ ކަމަށެވެ. 

"އަތް ލާން އުޅުނުކަމާ، އުޅެފާނެކަމާއި ފަހަތުން ދުއްވައިގެންކަމާއި ދުއްވައިގަނެފާނެ ކަމަށްޓަކައި ވެސް. އެހެންވީމަ މީގައި ޖުމްލަ ގޮތެއްގައި އަޅުގަނޑަށް ފެނިގެންދަނީ ސިޔާސީ ގޮތުން ކުރެވިފައިވާ ދައުވާތަކެއް ކަން،" ޒަރީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފްރޭމް ކޮށްގެން އެފަދަ ދައުވާތަކެއް ކޮށްފި ނަމަ އެއީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ. އަދި ކޮމިޓީން އެ މައްސަލާގައި ގޮތެއް ނިންމަން ޖެހޭނީ އެކަންކަން ވެސް ރަނގަޅަށް ބެލުމަށް ފަހުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

"ބައެއް ފަހަރު ރާވައިގެން ވެސް މީހަކަށް ލަނޑު ދިނުމަށްޓަކައި މިކަހަލަ ކަންކަން ކޮށްފައި އެބަހުރި،" އޭނާ ވިދާޅުވި އެވެ.

އަލީ ވަހީދުގެ ޕާސްޕޯޓު ހިފަހައްޓަން ނެރެފައި އޮތް އަމުރު ބާތިލުކުރި މައްސަލައާއި ގުޅިގެން އެއަމުރު ނެރުއްވި ކްރިމިނަލް ކޯޓްގެ ގާޒީ ހަސަން ސައީދުގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިހާރު ދަނީ ބަލަމުންނެވެ.

ޢަލީ ވަޙީދުގެ މައްޗަށް ކުރާ ޖިންސީ ފުރައްސާރައިގެ މައްސަލައިގައި އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައި އޮތުމަށްފަހު، އަމުރު މުރާޖައާ ކުރަން ބޭއްވި ޝަރީއަތުގެ އަޑު އެހުމުގައި އަލީ ވަހީދުގެ ފަރާތުންވަނީ އޭނާގެ ސިއްހީ ހާލަތު ބަޔާން ކޮށްދިނުމަށް ޑޮކްޓަރަކު ހާޒިރުކޮށްފައެވެ. ޑޮކްޓަރު ވަނީ ޢަލީ ވަޙީދުގެ މައިބަދައިގެ ޑިސްކުތަކެއް ގުޑާފައިވާކަމަށް ވިދާޅުވެފައެވެ. ޢަލީ ވަހީދުގެ މައިބަދައިގެ ޑިސްކުތަކެއް ގުޑާފައިވާތީ ރާއްޖެއިން ބޭރުން ބޭސްފަރުވާ ހޯދަންޖެހޭކަމަށް ވިދާޅުވެ، ޑރ.ޔޫސުފް ޝާން ދެއްވި ހެކިބަހުގެ މައްޗަށް ރިޢާޔަތްކުރައްވާ އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމަށް ނެރުނު ޢަމުރު ޝަރީޢަތުން ވަނީ ބާޠިލްކޮށްފައެވެ.

އަލީ ވަހީދުގެ ޖިންސީ ފުރައްސާރަ ކުރިމަތިވި ކަމަށް ބުނާ މުވައްޒަފުންގެ އަދަދު 13 އަށް ވުރެ ގިނަ އެވެ.

އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރު ކުރީ އޭނާގެ މައިބަދައިގެ އޮޕަރޭޝަނެއް ކުރަން ޖެހޭ ކަމަށް ކަށީގެ ހާއްސަ ޑޮކްޓަރު ޑރ. ޔޫސުފް ޝާން ކޯޓުގައި ހެކިބަސް ދިނުމުންނެވެ. އަދި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) ވަނީ އަލީ ވަހީދަށް ޖާމިނުވެފަ އެވެ. ހަތަރު މަސް ތެރޭ އަލީ ވަހީދު ގެންނާނެކަމުގެ ޔަގީންކަން އޭނާ ދެއްވާފައިވެ އެވެ. އެ މުއްދަތުގައި އޭނާ ނައިސްފިނަމަ އަޑުބަރޭއަށް އަދަބު ދިނުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެ އެވެ.

އަލީ ވަހީދުގެ މައްޗަށް ކޮށްފައިވަނީ، ޖިންސީ އަނިޔާ ކުރުމުގެ ދައުވާއާއި ޖިންސީ ގޯނާ ކުރުމުގެ ދައުވާއާއި ޖިންސީ ގޯނާކުރަން އުޅުމުގެ ދައުވާއާއި ރޭޕް ކުރަން އުޅުމުގެ ދައުވާއާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ދައުވާއާއި ހުއްދަނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދައުވާ އެވެ. އޭނާ ވަނީ އެ ހުރިހާ ދައުވާތަކަށް އިންކާރުކޮށްފަ އެވެ. އެ ދައުވާތައް ސާބިތުވެއްޖެ ނަމަ އޭނާގެ މައްޗަށް މަދުވެގެން 21 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
100%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު