ޚަބަރު
ހަބް ކުންފުންޏަށް ހަތް ލައްކައަށްވުރެ ގިނަ ރުފިޔާ ދޭން ޑީއާރުޕީގެ މައްޗަށް ސުޕްރީމްކޯޓުން ހުކުމް ކޮށްފި
ޑީއާރްޕީގެ ޒައީމް ކަމުގައި ކުރިން ހުންނެވި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް
ހަބް ކުންފުންޏަށް ހަތް ލައްކައަށް ވުރެ ގިނަ ރުފިޔާ ދައްކަން ޑީއާރުޕީގެ މައްޗަށް ކުރި ހުކުމް ސުޕްރީމް ކޯޓުން ވެސް މިއަދު ދަމަހައްޓައިފި އެވެ.

އެއީ ޑީއާރްޕީގެ ޒައީމް ކަމުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހުންނެވި އިރު، ހަބް ކުންފުނިން ހޯދި ހިދުމަތްތަކެވެ. 

ކުރިން ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ގޮތުގައި އޮތް ޑީއާރުޕީގެ އެތެރޭގެ ޚިޔާލު ތަފާތުވުންތަކުގައި އެ ޕާޓީގެ ރައީސް މައުމޫނާއި އެ ޕާޓީގެ އެހެން އިސްވެރިން ޕާޓީ ދޫކުރައްވައި، ވަޑައިގަތްއިރު މާލީ ބޮޑެތި މައްސަލަތަކެއް އޮތީ ކުރިމަތިވެފަ އެވެ.

އެ ޕާޓީން ހަބް ކުންފުނީގެ ކިބައިން 2008 އާއި 2009 ވަނަ އަހަރާ ދެމެދު ހޯދި ޚިދުމަތްތަކަކަށް ދައްކަންޖެހޭ 718،000ރ. ނުދެއްކުމުން ހަބް ކުންފުނިން ދައުވާކުރި މައްސަލާގައި ސިވިލް ކޯޓުން 2014 ގައި ހުކުމްކުރީ އެ ފައިސާ އެ ޕާޓީން ދައްކަން ޖެހޭނެ ކަމަށެވެ. އެ ހުކުމަށް 2015 ވަނަ އަހަރު ހައި ކޯޓުން ވެސް އޮތީ ތާއީދުކޮށްފަ އެވެ.

ނަމަވެސް އެ ފައިސާ ނަގައިދެވޭނެ ގާނޫނީ ހަމައެއް ނެތް ކަމަށް ބުނެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މިހާރު ހިންގާ ޑީއާރުޕީގެ ފަރާތުން އެ މައްސަލަ ހައިކޯޓަށް ހުށަހެޅިއެވެ.

އެ މައްސަ ހައިކޯޓުން ބަލައި ހުކުމް ކޮށްފައިވަނީ، ސިވިލްކޯޓުގެ ހުކުމަށް ތާއީދު ކޮށެވެ. ނަމަވެސް ހައިކޯޓުގެ ހުކުމާމެދު ވެސް ހިތްހަމަ ނުޖެހިގެން އެ މައްސަލަ ޑީއާރުޕީގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރިއެވެ.

އެ މައްސަލަ ސުޕްރީމް ކޯޓުން ބަލައި މިއަދު ކުރި ހުކުމްގައި، ވަނީ މި މައްސަލަ ބެއްލެވި ސުޕްރިމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން ހައިކޯޓުން ކޮށްފައިވާ ހުކުމަށް ތާއީދު ކުރާ ކަމަށެވެ.

އިންވޮއިސްތަކުގައި ބުނާ ބައެއް ޚިދުމަތްތައް ނުލިބޭ ކަމަށް ޑީއާރުޕީން އިސްތިއުނާފް މަރުހަލާގައި ބުންޏަސް، ދަށު ކޯޓުގައި އެ ވާހަކަ އެއްވެސް މިންވަރަށް ފާހަގަ ކޮށްފައި ނުވާ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައިވެ އެވެ. 

ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު ރިޔާސަތު ބެލެހެއްޓެވި އެ ބެންޗުގައި ދެން ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު ހުސްނުއްސުއޫދެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު