ޚަބަރު
މިފަހަރު ވެސް ރައީސް ޔާމީން ވޯޓެއް ނުލައްވަ!
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ކުރީގެ ރައީސް އަބްދުﷲ ޔާމީން، މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލާން ރަޖިސްޓްރީވެވަޑައި ނުގަންނަވާކަން "ހޯރަ" އަށް ކަށަވަރުވެއްޖެ އެވެ.

މައްޗަންގޮޅި މެދު-1 ފޮއްޓަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރޭގައި ޔާމީންގެ ނަންފުޅު އެބައޮތެވެ. އެހެންކަމުން އެމަނިކުފާނަށް މިއަދު ވޯޓް ލެއްވޭނީ މައްޗަންގޮޅި މެދު-1 ވޯޓް ފޮއްޓަށެވެ. ޔާމީން މާފުށީ ޖަލުގައި ވޯޓް ލެއްވުމަށް ރަޖިސްޓްރީވެ ވަޑައިނުގެންނެވީ ކަމެއް ނުވަތަ ރަޖިސްޓްރީ ވުމަށް އެކަށީގެންވާ ފުރުސަތެއް ލިބިވަޑައިނުގެންނެވީ ކަމެއް ސާފެއް ނުވެއެވެ.

2019 ވަނަ އަހަރު އޮތް ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި ވެސް ޔާމީން ވޯޓެއް ނުލައްވައެވެ.

ޖަލު ހުކުމުގައި ތިބޭ މީހުން ވޯޓުލާން މާލެ ގެނައުމަކީ ކަރެކްޝަންސުން ކުރާ ކަމެއް ނޫނެވެ. ކުރީގެ ރައީސަކަށްވާތީ ހާއްސަ އުސޫލެއްގެ ދަށުން ޔާމީނަށް އެ ފުރުސަތުދޭން ނިންމާފައި އޮތް ކަމެއް އަދި ޔަގީނެއް ނޫނެވެ.

ކައުންސިލް އިންތިހާބުގެ ކެމްޕޭން ނިންމާލަން ތައްޔާރުވެފައި ވަނިކޮށް ބުރާސްފަތި ދުވަހު ޔާމީން ވަނީ ދަރިކަލުން ޒޭން މެދުވެރިކުރައްވާ ހާއްސަ ސިޓީއެއް އެމަނިކުފާނުގެ ސަޕޯޓަރުންނަށް ފޮނުއްވާފައެވެ.

މިފަހަރު އިންތިހާބުގައި ރައީސް ޔާމީން ވޯޓު ނުލައްވާނެ ކަން ޔަގީންވިއިރު، އެ ސިޓީގައި އިންތިހާބުގައި ޕީޕިއެމް ސަޕޯޓަރުން ކުރައްވާ މަސައްކަތައްވެސް ޝުކުރު އަދާ ކުރެއްވި އެވެ. އަދި އެ އިންތިހާބުގައި ކާމިޔާބު މެދުވެރިކޮށްދެއްވުން އެދި މާތްﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވާ ކަމަށް ރައީސް ޔާމީން ވިދާޅުވެފައި ވެއެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު