ޚަބަރު
ވެކްސިން ޖައްސަވަން ރައީސް ޔާމީން އިންކާރު ކުރައްވައިފި
ފޮޓޯ: މިހާރު
ކޮވިޑް-19އިން ދިފާއުވުމަށް ޖަހާ ވެކްސިން ޖެހުމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް މިރޭ މާލެ ގެނައުމަށްފަހު އަނބުރައި ޖަލަށް ގެންގޮސްފިއެވެ.

މޯލްޑިވްސް ކަރެކްޝަންގެ މީޑިޔާ އޮފިސަރު ވިދާޅުވީ ކޯވިޑް-19ގެ ވެކްސިން ޖެހުމަށް މިރޭ ރައީސް ޔާމީން މާލެ ގެނެސްފައިވަނީ އެމަނިކުފާނު ވެކްސިން ޖެއްސުވުމަށް ބޭނުންވެ އެކަމަށް އެދިވަޑައިގަތުމުންކަމަށެވެ. ނަމަވެސް މާލެ ގެނައުމަށްފަހު ވެކްސިން ޖައްސަވަން އެމަނިކުފާނު ދެކޮޅުހެއްދެވިކަމަށާ، މިހާރު އަނބުރައި ރައީސް ޔާމީން މާފުށީ ޖަލަށް ގެންގޮސްފައިވާކަމަށެވެ. 

ވެކްސިން ޖައްސަވަން ރައީސް ޔާމީން އިންކާރު ކުރެއްވި ސަބަބެއް ނޭނގޭ ކަމަށް ވެސް ކަރެކްޝަނަލް ސާވިސް އިން ބުނެއެވެ. އެނގިފައިވާ ގޮތުގައި ޔާމީނަށް ވެކްސިން ދިނުމަށް ގެންދިޔައީ އޭޑީކޭ ހޮސްޕިޓަލަށެވެ.

ރައީސް ޔާމީން ވެކްސިން ޖެއްސެވުމަށް އިންކާރު ކުރެއްވި ކަމަށް ކަރެކްޝަނަލް ސާވިސް އިން ބުނި ނަމަވެސް މިކަމާއި ގުޅިގެން ރައީސް ޔާމީންގެ ވަކީލުންގެ ބަހެއް އަދި ނުލިބެއެވެ.

ރާއްޖޭގައި މި ވަގުތު އާއްމުކޮށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހަމުން އަންނަނީ ޗައިނާގެ ސައިނޯފާމް ވެކްސިނުންނެވެ. ފައިޒާ ވެކްސިން ޖަހައިދެނީ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް އެކަންޏެވެ.

ކަރެކްޝަންސް އިން ބުނީ މާލޭ ޖަލާއި ހުޅުމާލެ ޖަލުގައި ތިބި ގައިދީން ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ކަމަށެވެ.

ރައީސް ޔާމީން މިރޭ މާލެ ގެނައުމަށްފަހު އަނބުރާ ޖަލަށް ގެންގޮސްފައި ވާއިރު އެމަނިކުފާނު ގެއަށް ބަދަލު ކޮށްދިނުމަށް އާއިލާ އިންނާއި އިދިކޮޅު ޕީޕީއެމް އިން އެދުނުތާ މިހާރު މަހަކަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. ނަމަވެސް އެމަނިކުފާނު ގެއަށް ބަދަލުކުރުމާއިމެދު ސަރުކާރުން ގޮތެއް ނުނިންމައެވެ.

މިދިޔަ ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވަނީ ރައީސް ޔާމީން ގެޔަށް ބަދަލުކުރުމާ ގުޅޭގިޮތުން މަޝްވަރާތައް ކުރިއަސްދާކަން ހާމަކުރައްވާފައެެވެ.

ރައީސް ސޯލިހް ވިދާޅުވީ، ރައީސް ޔާމީންގެ އަނބިކަނބަލުން ސިޓީއެއް ފޮނުވާފައިވާކަމަށާއި، އެސީޓީގައި ރައީސް ޔާމީންގެ ސިއްހީ ހާލަތާއި ގުޅޭގޮތުންވެސް ކަންކަން ފާހަގަކޮށްފައިވާކަމަށެވެ. އަދި ރައީސް ޔާމީނަށް ދެރަގޮތެއް ނުވާނެ ކަމަށް ވެސް ރައީސް ސޯލިހް ވިދާޅުވިއެވެ.

ކުރީގެ ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިން ކުށް ސާބިތުވެ 5 އަހަރުދުވަހަށް ޖަލަށްލުމާއެކު 5 މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކްރިމިނަލްކޯޓުން ހުކުމްކުރީ 2019ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28ވަނަ ދުވަހުއެވެ. މިހުކުމް އިއްވާފައިވަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާ ރައީސް ޔާމިންގެ އަމިއްލަފުޅު އެކައުންޓަށް ޖަމާވި މައްސަލާގައެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރެއްވުމުގެ ދެ ދައުވާއެއް މިހާރުވެސް އަންނަނީ ކޯޓްގައި ހިގަމުންނެވެ. މި ދައުވާތައް އުފުލާފައިވަނީ ރިސޯޓެއްގެ ގޮތުގައި ރ.ފުއްގިރި ތަރައްގީކުރަން ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި މަގާމުގެ ނުފޫޒު ބޭނުން ކުރައްވައި 1.1 މިލިއަން ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށް އެފައިސާ ލޯންޑަކުރުމަށް ފަށަލަކޮށްފައިވާ މައްސަލާގައެވެ. މި ދައުވާތަކަށް ރައީސް ޔާމީން ވަނީ އިންކާރުކުރައްވާފައެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
100%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު