ޚަބަރު
ގަރާޖު ސިޓީ އުވާލަން ފާސްކޮށްފި ނަމަ، މައްސަލަ އިތުރަށް ގޯސްވާނެ: ބޮންޑޭ
ހަތަރު ފުރޮޅުލީ އުޅަނދުތައް ރަޖިސްޓްރީ ކުރަން ގަރާޖެއްގެ ލިޔުން ނުވަތަ "ގަރާޖް ސިޓީ" ބޭނުން ނުވާ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނު އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިނަމަ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕް "ބޮޑު ތަނުން ފެއިލް" ވާނެ ކަމަށާއި އަދި މުޅި މައްސަލަ އިތުރަށް ގޯސްވާނެ ކަމަށް މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެންބަރު އިބްރާޙީމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެއެވެ.

އެއްްގަމު އުޅަނދު ރަޖިސްޓްރީ ކުރަން، ގަރާޖު ސިޓީ ހުށަހަޅަން ނުޖެހޭ ގޮތަށް ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ އަމިއްލަ މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބުދުﷲ އެވެ.

ނަމަވެސް އެ ބިލުގެ އިބްތިދާއީ ބަހުސް ނިންމައި ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވުމުން ބިލު ދިރާސާކޮށް މަޖިލިސް ތަޅުމަށް ހުށަހަޅާފައި ވަނީ އެމްޑީޕީގެ މެޖޯރިޓީ އޮންނަ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީންނެވެ.

އެއްގަމު އުޅަނދު ރެޖިސްޓްރީ ކުރަން ހުށަހަޅާއިރު ގަރާޖެއްގައި އެ އުޅަނދު ބާއްވާނެކަމުގެ ލިޔުން ހުށަހަޅަން ލާޒިމް ނުވާ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެންނަން ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއިން ވަނީ ފާސްކޮށްފަ އެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ނިންމުމާ ގުޅޭގޮތުން ކުރިއަށް ދިޔަ ބަހުސްގައި އެމްޑީޕީގެ ގިނަ މެމްބަރުން ވަނީ އެ އިސްލާހަށް ތާއީދުކުރައްވައިފަ އެވެ.

އެ ބިލުުގެ ކޮމިޓީ ރިޕޯޓަށް ބަހުސް ކުރައްވަމުން މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު ބޮންޑޭ ވިދާޅުވީ، އެ އިސްލާހަކީ، ގަރާޖު ސިޓީ ވިއްކައިގެން ހިންގި ކޮރަޕްޝަނާއި ފަސާދައިގެން މައްސަލަތައް ސަރުކާރަށް ބެލިފައި ނުވާ ކަމަށާއި، އެފަދަ މީހުންނަށް ފިޔަވަޅު އަޅާފައި ނުވާކަން ދެއްކުމަށް ހުށަހަޅާފައިވާ އިސްލާހެއް ކަމަށެވެ.

"ނޮޅިވަރަމު ދާއިރާގެ މެމްބަރު ފޮނުވާފައި އޮތީ ސަރުކާރު ފެއިލް ވެއްޖެއޭ ކިޔާފަ. މެމްބަރުން ރަނގަޅަށް ވިދާޅުވެބަލަ މި ބިލު. ބިލުގަ އޮތީ ސަރުކާރު ފެއިން ވެއްޖެއޭ. ސަރުކާރުން ކޮރަޕްޝަނެއް ނުބެލުނޭ. އެއިބާރާތުން ބުނެފައޮތީ." ބޮންޑޭ ވިދާޅުވިއެވެ.

ބޮންޑޭ ވިދާޅުވީ މިކަމަށް ތާއީދުކޮށް ވާހަކަ ދެއްކި ގިނަ މެމްބަރުންނަކީ ގަރާޖު ސިޓީ ނުލިބިގެން އުޅޭ މެމްބަރުން ކަމަށާއި، މިކަމުގައި މާލެ ރައްޔިތުންގެ ހިޔާލާއި މަޝްވަރާވެސް ހޯދާފައިނުވާ ކަމަށެވެ.

މާލޭގައި ގެދޮރު ނެތް މީހުން ދަފްތަރުގައި ޖައްސާ ގޮތަށް ގަރާޖު ނެތް ފަރާތްތަކަކަށް ކާރު ގެންގުޅުމުގެ ހުއްދަ ދިނުމުން ތޮއްޖެހުން އިތުރުވެ، މައްސަލަ އިތުރަށް ގޯސްވާނެ ކަމަށް ބޮންޑޭ ވިދާޅުވި އެވެ.

މާލޭގެ މޭޔަރުކަމަށް އިންތިހާބު ކޮށްފައިވާ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މިފަދަ ބޮޑު ނިންމުމެއް ނިންމާއިރު މާލޭގެ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދަންޖެހޭނެ ކަމަށެވެ. އެ މަޝްވަރާ ނެތި، މާލޭގެ މަގުތަކަށް ވެހިކަލް އިތުރުވާނެ ގޮތަށް ގާނޫނެއް، ގަވައިދެއް ވެސް އިސްލާހު ނުކުރުމަށް އޭނާ އެދިވަޑައިގަތެވެ.

ބޮންޑޭ ވިދާޅުވީ އެ ބޭފުޅުން މަޖިލީހަށް އައީ ވައްކަންތައް ތަހުގީގުކޮށް އެ މައްސަލަތައް ބަލަން ކަމަށެވެ. ނަމަވެސް ގަރާޖު ސިޓީ ވިއްކައިގެން ނާޖާއިޒް ފައިދާ ނެގި މީހުން އަދިވެސް ތިބީ ސަރުކާރުގެ ވުޒާރާތަކުގައި ކަމަށާއި އެމީހުން ހައްޔަރު ކުރަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު