ޚަބަރު
މިނިމަމް ވޭޖް ކަނޑައެޅުމުގެ މަސައްކަތް އެމްޑީޕީން ހުއްޓާނުލާނެ: ރައީސް ނަޝީދު
މަސައްކަތްތެރިންގެ މިނިމަމް ވޭޖް ނުވަތަ އެންމެ ދަށް އުޖޫރަ ކަނޑައެޅުމުގެ މަސައްކަތް މޯލްޑިވިއަން ޑެމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ހުއްޓާނުލާނެ ކަމަށް އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުންދާ މަސައްކަތްތެރިންގެ ދުވަހުގެ ތަހުނިޔާއާއެކު ކުރެއްވި ޓްވީޓެއްގައި ރައީސް ނަޝީދު ވިދާޅުވީ، މަސައްކަތްތެރިންގެ ހައްގުގައި އެމްޑީޕީ އަބަދުވެސް ވަކާލާތު ކުރާނެ ކަމަށެވެ.

އެގޮތުން ފަތުރުވެރިކަމުން ލިބެން ޖެހޭ ސާވިސް ޗާޖު މިހާރު ކަށަވަރު ކުރެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ މަސައްކަތްވެސް އެ ޕާޓީއިން ހުއްޓާނުލައި ކުރިއަށްގެންދާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި އެވެ.

"ފަތުރުވެރިކަމުން ލިބިދޭން ޖެހޭ ސާވިސް ޗާޖް މިހާރު އެ ވަނީ ކަށަވަރު ކުރެވިފަ. އަދި އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ މަސައްކަތް އެމްޑީޕީން ހުއްޓައެއް ނުލާނެ،" ރައީސް ނަޝީދު ކުރެއްވި ޓްވީޓްގައިވެއެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުން ވަނީ އެންމެ ކުޑަ އުޖޫރަ 9 ދާއިރާއަކުން ކަނޑައަލަން ޖެހޭ ގޮތަށް ފާސްކޮށްފައެވެ. އެއީ، މަސްވެރިކަމާއި ދަނޑުވެރިކަން، ފަތުރުވެރިކަން، ކޮންސްޓަރަކްޝަން، ދަތުރުފަތުރު، ސިއްހީ، ތައުލީމީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރި، އިންފޮމޭޝަން، ކޮމިއުނިކޭޝަން އަދި ޓެކްނޮލޮޖީ، އަދި މެރިޓައިމްއެވެ. މި ދާއިރާތަކުގެ އެންމެ ކުޑަ އުޖޫރަ ކަނޑައަޅާނީ ވޭޖް ބޯޑުގެ ލަފާގެ މަތިން މިނިސްޓަރުން ނެރޭ އަމުރަކުންނެވެ. 

މިނިމަމް ވޭޖް ކަނޑައަޅައި ނެރޭ އަމުރުގައި މުވައްޒަފެއްގެ މުސާރައިން ގަޑިއަކަށް ޖެހޭ ވަރާއި މަސައްކަތުގެ ބަޔަކަށް ޖެހޭ އަދަދާއި އިތުރުގަޑީގައި ލިބޭ މިންވަރު ކަނޑައަޅަން ވާނެ ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ.




ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު