ޚަބަރު
ވޯޓުލާން ވަރަށް ގިނަ މެމްބަރުން ނިކުންނާނެ: އެމްޑީޕީ
ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި ވޯޓުލާން ވަރަށް ގިނަ މެމްބަރުން ނިކުންނާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގެ ފަހުގެ ތައްޔާރީތަކާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަސަން ވިދާޅުވީ، މިއިންތިޚާބުގެ ކަންކަން އަމާންކަމާއި އޮމާންކަމާއިއެކު ގެންދިއުމަށް އިންތިޒާމުތައް ހަމަޖައްސަމުންދާކަމަށެވެ. މި އިންތިޚާބަކީ ވާދަވެރި އިންތިޚާބަކަށްވާއިރު، އިންތިޚާބު ކުރެވޭ މެމްބަރުންނަކީ އެމްޑީޕީގެ ހިންގުމުގެ އެންމެ އިސް ދައުރާއި ހަވާލުވާ މެމްބަރުންކަމަށް އޭނާ ވިދާޅުވިއެވެ.

"އެމްޑީޕީގެ ސިޔާސަތުތައް ވަރުގަދަ ކުރުމަށް މި އިންތިހާބު ވަރަށް މުހިންމު،" ހަސަން ވިދާޅުވި އެވެ.

ގިނަ މެމްބަރުން ވޯޓުލާން ނިކުންނާނެ ކަމަށް ވިދާޅުވެ ހަސަން ވިދާޅުވީ، އޮފިޝަލުން ހޯދަން މަސައްކަތް ކުރިއިރު އެއްވެސް ކެންޑިޑޭޓަކަށް ކެމްޕޭނު ކުރުމުގައި ނޫޅޭ މެމްބަރުން ހޯދަން އުނދަގޫވިކަން ހަސަން ފާހަގަކުރެއްވި އެވެ. ގިނަ މެމްބަރުން ކޮންމެވެސް ކެންޑިޑޭޓަކަށް ކެމްޕޭނުކުރާކަން ފާހަގަކުރައްވައި ހަސަން ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބާ އަޅާބަލާއިރު ގިނަ އަދަދަކަށް މެމްބަރުން ވޯޓުލާން ނިކުންނާނެ ކަމަށެވެ.

މި އިންތިޚާބުގެ އިންތިޒާމުތަކާއި ގުޅިގެން އިންތިޒާމު ކޮމެޓީގެ މެމްބަރު އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީ ވިދާޅުވީ އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާނީ 3 ރަށެއް ފިޔަވައި ރާއްޖޭގެ ހުރިހާ ރަށެއްގެވެސް ސްކޫލުގައި ކަމަށެވެ. މާލެ ސަރަހައްދުގައި ވޯޓުލުން ކުރިއަށްދާނީ 15 ސްކޫލެއްގެ އިތުރުން ޒުވާނުންގެ މަރުކަޒުކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 

އެމްޑީޕީގެ އެތެރޭގެ އިންތިހާބު ބޭއްވުމަށް ނިންމާފައިވަނީ އަންނަ ހޮނިހިރު ދުވަހު އެވެ. އެ ދުވަހު ބާއްވާ އިންތިހާބުގައި ވޯޓުލުން ކުރިއަށް ނުދާނީ ހަމައެކަނި ތ. ގުރައިދޫ ދާއިރާގަ އެވެ. އެ ދާއިރާގައި ވޯޓުލުން ބާއްވާނެ ތާރީހު ފަހުން އިއުލާނު ކުރާނެ ކަމަށް އެ ޕާޓީން ބުނެ އެވެ. 

ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ، އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި 733 ކެނޑިޑޭޓުން ވާދަކުރެއެވެ. މީގެ ތެރެއިން 165 ކެނޑިޑޭޓަކު ވަނީ ވޯޓަކާއި ނުލައި އިންތިޚާބު ވެފައެވެ. މި އިންތިޚާބުގައި 92،743 މީހުނަށް ވޯޓް ލެވޭނެ ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ޕްރޮވިންސްތަކާއި ސިޓީތަކާއި ދާއިރާތަކަށް 455 ބޭފުޅުން އިންތިހާބު ކުރުމަށް ހަމަޖެހިފައިވާއިރު އިންތިހާބުގެ ވޯޓް ނެގުުމުގެ ކުރިން 165 ކެންޑިޑޭޓަކު ވަނީ ހޮވިފަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު