ޚަބަރު
މޮސްޓާ އާއި ޖޭފޯއަށް ފައިސާ ދޭން ވައުދެއް ނުވަން: އުޝާމް
ނާޒިމް އިސްވެ އުފައްދަން މަސައްކަތް ކުރައްވާ އެމްއެންޕީގެ ފުރަތަމަ ޕްރެސް ކޮންފަރަންސްގައި
މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލް މުހުސިން ހަމީދު (ޖޭފޯ) އާއި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) އަށް ފައިސާ ދޭން އެއްބަސްވެފައި ނުވާނެ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

އުޝާމް މިހެން ވިދާޅުވީ، އެމްއެންޕީން މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި ނޫސްވެރިއޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ނޫސްވެރިޔާ ސުވާލު ކުރީ، ޖޭފޯ އާއި މޮސްޓާ އެމްއެންޕީ އުފެއްދުމުގެ މަސައްކަތާ، މީގެ ދުވަސްކޮޅެއް ކުރިން ދުރަށް ދިޔައީ، އެބޭފުޅުންނަށް ފައިސާ ދެއްވާނެ ކަމުގެ އިޝާރާތެއް ކުރެއްވި ނަމަވެސް އެ ފައިސާ ނުލިބުމުގެ ސަބަބުން ހިތްހަމަ ނުޖެހިންގެން ކަމަށް ދޭހަވާ ގޮތަށް އެ ދެބޭފުޅުން ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދެއްކެވި ކަމަށެވެ.

އެ ސުވާލާ ގުޅިގެން އުޝާމް ވިދާޅުވީ، އެ ޕާޓީ އުފެއްދުމުގެ ވާހަކަ ދެއްކީ ރައްޔިތުންގެ މަޖިލީހުގައި އެއް ފިކުރެއްގައި މަސައްކަތް ކުރި މެންބަރުން ތަކެއްގެ މެދުގައި ކަމަށެވެ.

އުޝާމް ވިދާޅުވީ އެ ދެ މެންބަރުން އެ ޕާޓީ އުފެއްދުުގެ މަސައްކަތް ހުއްޓައިލިކަން އެނގިވަޑައިގަތީ ވެސް މީޑިއާއިން ކަމަށެވެ. އެބޭފުޅުންގެ އޮތީ ކޮން ހިތްހަމަނުޖެހުމެއް ކަމެއް އެނގިވަޑައި ނުގަންނަވާ ކަމަށާއި، އެބޭފުޅުންވެސް އެކަހަލަ އެއްވެސް ކަމެއް މިހާތަނަށް ހިއްސާ ކުރައްވާފައި ނުވާ ކަމަށް އުޝާމް ވިދާޅުވިއެވެ. ނަމަވެސް އެބޭފުޅުންގެ ހުރި ހިޔާލުތަފާތުވުންތައް ނައްތާލައި އަލުން އެޕާޓީއާ ގުޅިވަޑައިގަތުމަށް އެދިވަޑައިގަންނަވާ ކަމަށްވެސް އުޝާމް ވިދާޅުވިއެވެ. 

އެކަމާ ގުޅިގެން ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމާއި ތިމަރަފުށީ ދާިއރާގެ މެންބަރު އަބުދުﷲ ރިޔާޒުގެ އިތުރުން އުޝާމުގެ އިތުރުން ޖޭފޯ އާއި މޮސްޓާ ހިމެނޭ ގޮތަށް ޕާޓީ އުފެއްދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމާ ބެހޭ ގޮތުން ހުސްވި ޖުލައި މަހުގެ ކުރީކޮޅު އެއްބަސްވުމެއްގައި ސޮއިކުރި ކަމަށް ވެސް ވިދާޅުވިއެވެ.

އެމްއެންޕީ ރަޖިސްޓަރީ ކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހެޅީ ވެސް ފަސް މެންބަރުންގެ ނަމުގައި ކަަމަށާއި ނަމަވެސް ޕާޓީއެއް ރަޖިސްޓަރީ ކުރެވޭނީ އެއް މެންބަރެއްގެ ނަމުގައި ކަމަށް އެ ކޮމިޝަނުން ބުނެފައިވާ ކަމަށް އުޝާމް ވިދާޅުވި އެވެ.

"ފަސް މެންބަރުންގެ ނަމުގައި ޕާޓީއެއް ރަޖިސްޓާ ކުރުމުގެ ފުރުސަތެއް ނުލިބުނު. އެ ސަބަބަށްޓަކައި އަޅުގަނޑުގެ ނަމުގައި ޕާޓީ އުފެއްދީ. އެ ފަސް މެންބަރުން އެއްބަސްވީ އެކަކު ހުށަހަޅާ ނަމަ ހުށަހަޅާނީ އަޅުގަނޑުގެ ނަން ކަމަށް،" އުޝާމް ވިދާޅުވި އެވެ.

އެޕާޓީގެ ސްޕޯކްސް ޕާސަން އަސްރާ އަޙްމަދު ވިދާޅުވީ، އެޕާޓި އުފެއްދުމަށް ފަސްހާސް ތިންސަތޭކަ މީހުންގެ ފޯމާއި ސޮއި އިލެކްޝަންސް ކޮމިޝަނަށް ހުށައަޅަފައިވާކަމަށާ، ޕާޓީ ހިންގުމުގެ ހުއްދަ ލިބޭތާ ދެ ހަފްތާގެ ތެރޭގައި ކޮންގްރެސް ބާއްވާނެކަމަށެވެ. އެގޮތުން ޕާޓިގެ ރައީސްއައި ނާއިބު ރައީސުންނާއި، ޕާޓިގެ ކައުންސިލް މަޤާމުތަކަށް މެންބަރުން އައްޔަންކުރުމަށް ނިންމާފައިވާކަމަށް އަސްރާ ވިދާޅުވިއެވެ.

މި ޕްރެސްކޮންފަރެންސްގައި އެޕާޓި އުފެއްދުމުގައި އިސްކޮށް ޙަރަކާތްތެރިވާ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ ކުރީގެ މެންބަރު ޢަބްދުﷲ ޝިނާން ވިދާޅުވީ، އެޕާޓިގެ މަޤާމުތަކަށް އައްޔަންކުރާނީ ޢިލްމީ ޤާބިލް ބޭފުޅުންކަމަށެވެ. އަދި ޕާޓީ ހިންގުމުގެ ހުއްދަ ލިބުނުހާ އަވަހަށް މަޤާމުތަކަށް ކުރިމަތިލުމަށް ހުޅުވާލާނެކަމަށްވެސް ޝިނާން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެޕާޓިގައި އެންމެ އިސް ބަޔަކަށްވާނީ ޕާޓިގެ މެންބަރުންކަމަށާއި، އެޕާޓިއަކީ ވީހާވެސް ޑިމޮކްރަޓިކްކޮށް އަދި އެހެން ޕާޓިތަކަށް ނަމޫނާ ޕާޓިއަކަށް ވާނެކަމަށް ޝިނާން ވިދާޅުވިއެވެ.

"ޕާޓިގެ އެންމެ އިސް ބަޔަކީ ޕާޓިގެ މެންބަރުން. ދެން މިއޮޓި ޕާޓިގައި ނޭޝަނަލް އެގްޒެކެޓިވް ކައުންސިލެއް. ހަމައެއާއެކު ނެޝަނަލް ކޮންގްރެސް. ދެން މިނަގަނީ 6 ވީޕީން. އޭގެ ތެރެއިން 5 ވީޕީން ނަގަނީ އެކި ދާއިރާތަކަށް ބަހާލައިގެން. ރާއްޖެ ފަސް ދާއިރާއަކަށް ބަހާލައިގެން." ޝިނާން ވިދާޅުވިއެވެ.

މޯލްޑިވްސް ނޭޝަނަލް ޕާޓީ، އެމްއެންޕީ އުފެއްދުމަށް ބޭނުންވާ މެންބަރުންގެ ފޮމާއި ސޮޔާއެކު އިލެކްޝަން ކޮމިޝަނަށް ހުށައެޅީ މިމަހުގެ 15ގައެވެ. ކުރީގެ ޑިފެންސް މިނިސްޓަރ އަދި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އިސްކޮށް ހުންނަވާ އުފައްދަވާ އެމްއެންޕީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމަށް ދީފައިވަނީ މިދިޔަ ޖުލައި 15 ވަނަ ދުވަހުއެވެ.

އެމްއެންޕީން ވަނީ 2023ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެ ޕާޓީން ކެންޑިޑޭޓަކު ނެރުމަށް ނިންމާފައެވެ. އަދި ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރައްވާނެކަން ނާޒިމް ވަނީ އިއުލާންކުރައްވާފައެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު