ޚަބަރު
ބައެއް ޤައުމުތަކުން ރާއްޖެއަށް މީހުން އެތެެރެވުން މަނާ ކޮށްފި
އައު ވޭރިއަންޓާ ގުޅިގެން ރާއްޖެއިން އަޅަން ނިންމާފައިވާ ފިޔަވަޅުތައް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ހާމަކޮށްފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވީ، ދެކުނު އެފްރިކާ ސަރަހައްދުން ފެނުނު ކޮވިޑްގެ އާ ވޭރިއެނޓާއި ގުޅިގެން ރައްޔިތުންގެ ރައްކާތެރިކަމަށްޓާކައި މިރޭ 12:00 އިން ފެށިގެން ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށެވެ.

މިގޮތުން ހަތް ޤައުމަކުން ރާއްޖެއަށް އެތެރެވުންވަނީ މަނާކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ސައުތު އެފްރިކާ، ނެމީބިއާ، މޮޒަންބީކް، ލެސޯތޯ، ބޮޓްސްވާނާ، ޒިންބާބްވޭ އަދި އެސްވަޓީރީއެވެ، މީގެ އިތުތުން، ރާއްޖެ އައުމުގެ 14 ދުވަސް ކުރިން އެ ހަތް ޤައުމަށް ދަތުުރުކޮށްފައިވާ ފަރާތްތަކަށާއި 12 ގަޑިއިރަށްވުރެ ގިނައިރު އެ ޤައުމުތަކުގައި ޓްރާންސިޓް ވެފައިވާ ފަރާތްތަކަށްވެސް ރާއްޖެވަނީ ބަންދުކޮށްފައެވެ.

ރާއްޖެއިން އެޅުމަށް ނިންމާފައިވާ ފިޔަވަޅު ތަކަކީ:

1. ސައުތު އެފްރިކާ، ނެމީބިއާ، މޮޒަންބީކް، ލެސޯތޯ، ބޮޓްސްވާނާ، ޒިންބާބްވޭ، އެސްވަޓީރީން ދިވެހިރާއްޖެއަށް މީހުން (ދިވެހިން އަދި ވޯކްޕާމިޓް ނުހިމެނޭގޮތަށް) އެތެރެވުން ހުއްޓައިލުން. މީގެތެރޭގައި ދިވެހިރާއްޖެއަށް އައުމުގެ 14 (ސާދަ) ދުވަސްކުރިން އިސްވެ ދެންނެވުނު ޤައުމުތަކުގައި އުޅެފައިވާ މީހުންނާއި 12 ގަޑިއިރަށްވުރެ ގިނަ އިރު ޓްރާންސިޓްވެފައި އަންނަ މީހުން ވެސް ހިމެނޭނެއެވެ.

2. ދިވެހިރާއްޖެއަށް އައުމުގެ 14 (ސާދަ) ދުވަސްކުރިން ސައުތު އެފްރިކާ، ނެމީބިއާ، މޮޒަންބީކް، ލެސޯތޯ، ބޮޓްސްވާނާ، ޒިންބާބުވޭ، އެސްވަޓީނީ ގައި އުޅެފައިވާ (12 ގަޑިއިރަށްވުރެ ގިނަ އިރު ޓްރާންސިޓްވެފައި އަންނަ މީހުން ހިމެނޭގޮތަށް) ރާއްޖެ އަންނަ ދިވެހިނާއި ވާރކްވިސާގައި އަންނަމީހުން ރާއްޖެ އައުމަށްފަހު 14 (ސާދަ) ދުވަހުގެ މުއްދަތަށް ކަރަންޓީނުވުން. މިފަދަ ފަރާތްތައް ކަރަންޓީނުން ރިލީސް ކުރެވޭނީ 14 (ސާދަ) ދުވަސް ހަމަވުމުން ކޮވިޑު-19 އަށް ޓެސްޓް ހަދައި ނަތީޖާ ނެގެޓިވް ވުމުންނެވެ.

3. މިކަން އަންގާއިރު، ސައުތު އެފްރިކާ، ނެމީބިއާ، މޮޒަންބީކް، ލެސޯތޯ، ބޮޓްސްވާނާ، ޒިންބާބުވޭ، އެސްވަޓީރީން ދިވެހިރާއްޖެއަށް ދަތުރު ފަށާފައިވާ ފަރާތްތަކުންނާއި، ވޭތުވެ ދިޔަ 14 (ސާދަ) ދުވަސް ތެރޭގައި މި ޤައުމުތަކުން ދިވެހިރާއްޖެއަށް އެތެރެވެފައިވާ މީހުން އަންނަނިވިގޮތަށް ޢަމަލުކުރުން.

3.1 މި ވަގުތު ޕީސީއާރު ޓެސްޓް ހެދުން

3.2 14 (ސާދަ) ދުވަސް ނުވަތަ އެއަށްވުރެ ދިގު މުއްދަތަކަށް ރާއްޖޭގައި ހޭދަކުރާ މީހުން، 14 (ސާދަ) ދުވަސް ފުރިހަމަ ވުމުން އިތުރު ޕީ.ސީ.އާރު ޓެސްޓެއް ހެދުން.

3.3 ރާއްޖޭގައި 14 (ސާދަ) ދުވަހަށް ވުރެ ކުރު މުއްދަތެއް ހޭދަކުރާ ފަރާތްތަކުން ރާއްޖޭން ފުރުމުގެ ކުރިން އިތުރު ޕީ.ސީ.އާރު ޓެސްޓެއް ހެދުން (3.1 ގައި ބުނެފައިވާ ޓެސްޓު ހަދާތާ 3 ދުވަސް)

ޑަބްލިއުއެޗްއޯ އިން ވަނީ 'އޯމިކްރޯން' ނުވަތަ ބީ.1.1529 ވޭރިއަންޓަކީ އެހެން ވޭރިއެންޓްތަކާ އަޅާބަލާއިރު ދެވަނަ ފަހަރަށް ބަލި ޖެހުމުގެ ނުރައްކާ ބޮޑު ވޭރިއެންޓެއް ކަމަށް ބުނެ، އެއީ "ކަންބޮޑުވާ މިންވަރަކަށް ފެތުރޭ ވޭރިއެންޓެއް" ގެ ގޮތުގައި ކަނޑަައަޅާފައެވެ. 

އެއާއި އެކު ގައުމުތަކުން ވަނީ ދެކުނު އެފްރިކާއިން ދަތުރުކުރާ ފަރާތްތަކަށް، ދަތުރުކުރުމުގައި އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކުރަން ފަށާފައެވެ. އެގޮތުން އެމެރިކާއިން ވަނީ ހޯމަދުވަހުން ފެށިގެން ދެކުނު އެފްރިކާއިން ހަމަ އެކަނި އެމެރިކާއަށް އެތެރެވެވޭނީ އެގައުމުގެ ރައްޔިތުންނަށް އެކަނި ކަމަށް ކަނޑައަޅާފައެވެ. ޔޫރަޕިއަން ޔޫނިއަންއާއި އިނގިރޭސިވިލާތުން ވެސް ވަނީ މިފަދަ ފިޔަވަޅުތަކެއް އަޅާފައެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު