ޚަބަރު
އާރަށު މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުންތައް ލައިވްކުރުމަށް ރައީސް ޔާމީން އެދިވަޑައިގެންފި
ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އިދިކޮޅު އިއްތިހާދުގެ ލީޑަރު ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ މައްޗަށް ވ.އާރަށް ކުއްޔަށް ދިން މައްސަލައާ ގުޅިގެން ދައުލަތުން އުފުލާފައިވާ ދެ ދައުވާގެ އަޑުއެހުންތައް ވަގުތުން ދުރަށް ދައްކައިދިނުމަށް އެމަނިކުފާނު އެދިވަޑައިގެންފިއެވެ.


ވ. އާރަށުގައި ރިސޯޓެއް ތަރައްގީ ކުރަން ކުންފުންޏަކަށް އެރަށް ވިއްކާލައިގެން ލިބުނު ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް ފައިސާ ލޯންޑާ ކުރުމުގެ ތުހުމަތުގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރެއްވުމުގެ ކުށުގެ ދައުވާ އެވެ.

މި މައްސަލައިގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ފަށައިފައި ވަނީ މި މަހުގެ ދެ ވަނަ ދުވަހު އެވެ. އަދި އިތުރު އަޑުއެހުމެއް މިއަދު ވަނީ ބާއްވާފަ އެވެ. މި މައްސަލަ ކުރިއަށް ގެންދަނީ ހުޅުވާލައިގެން ނަމަވެސް ލައިވެއް ނުކުރެ އެވެ. 

މިއަދު ކްރިމިނަލް ކޯޓުގައި އޮތް އިބްތިދާއީ އަޑުއެހުމުގައި، ޔާމީންގެ ވަކީލު ޑރ.މުހައްމަދު ޖަމީލް އަހުމަދު ވަނީ، އިންސާފުވެރި އަދި ހާމަކަން ބޮޑު ޝަރީއަތެއް ބޭއްވުމުގެ ގޮތުން، ރައީސް ޔާމީންގެ އެހެން ޝަރީއަތްތަކެކޭ އެއްގޮތަށް އާރަށުގެ މައްސަލަ ވެސް ކްރިމިނަލް ކޯޓުން ލައިވްކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ޝަރީއަތް ލައިވް ކޮށްދިނުމަށް މިއަދުގެ އަޑުއެހުމުގައި ރައީސް ޔާމީންގެ ފަރާތުން އެދުމުން ދައުލަތުން އެކަމަށް ދެކޮޅެއް ނުހަދައެވެ. ނަމަވެސް އެމައްސަލައިގައި ދެން ދައުވާ ލިބޭ ޔޫސުފް ނައީމް ވަނީ ޝަރީއަތް ލައިވް ކުރަން ދެކޮޅު ހަދާފައެވެ. އޭނާގެ ފަރާތުން އެދުނީ ޝަރީއަތް ލައިވް ކުރާނަމަ އޭނާގެ ބައި ލައިވް ނުކުރުމަށެވެ. އޭގެ ޖަވާބުގައި ދައުލަތުން ބުނީ ދައުވާ ވަކިނުކުރޭނެ ކަމަށެވެ.

ދައުލަތުން މިއަދު ބުނީ ސުޕްރީމް ކޯޓުގައި ވެސް މިހާރު ސިއްރު އަޑުއެހުންތައް ފިޔަވައި އެހެން އަޑުއެހުންތައް ލައިވް ކުރާކަމަށާއި އެހެންކަމުން ދައުވާ ލިބޭ ފަރާތުން އެދުމަކީ ޝަރީއަތް ލައިވް ނުކުރެވޭނެ ސަބަބެއް ނޫން ކަމަށެވެ.

މައްސަލަ ބައްލަވާ އިސް ގާޒީ އަހުމަދު ޝަކީލް ވިދާޅުވެފައި ވަނީ މައްސަލަ ލައިވް ކޮށްގެން ކުރިއަށް ގެންދިއުމާމެދު މިމަހުގެ 20 ވަނަ ދުވަހުގެ ކުރިން ގޮތެއް ނިންމައި ދެ ފަރާތަށް އަންގަވާނެ ކަމަށެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ފިޔަވައި ރައީސް ޔާމީންގެ އެހެން މައްސަލަތައް ކުރިއަށް ގެންދަނީ އެ ކޯޓުގެ ޔޫޓިއުބް ޗެނެލްގައި ލައިވްކޮށްގެނެވެ.

މި މައްސަލައިގެ އަޑުއެހުމެއް ދެން ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފައި ވަނީ މިމަހުގެ 27 ވަނަ ދުވަހުގެ ހެނދުނު 9:30 ގައެވެ.

އާރަށް މައްސަލާގައި ޔާމީނަށް ކުރާ މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވެއްޖެ ނަމަ މަދުވެގެން ފަސް އަހަރުގެ ޖަލު ހުކުމެއް އެ މަނިކުފާނުގެ މައްޗަށް އަންނާނެ އެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ، ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އެ މަނިކުފާނަށް ގެއްލޭނެ އެވެ.

ޔާމީން ފަސް އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރިން ކުރި ހުކުމް ހައި ކޯޓުން މިދިޔަ އަހަރު ދަމަހައްޓާފައި ވަނިކޮށް ސުޕްރީމް ކޯޓުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެ ހުކުމް ބާތިލްކޮށް، އެމަނިކުފާނު މިނިވަންކޮށްފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު