ޚަބަރު
އިންޑިއާ ސިފައިންނަށް ރާއްޖެއިން ފޭބުން ނޫން ގޮތެއް ނެތް: ރައީސް ޔާމީން
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ޖެހޭނީ ރާއްޖެއިން ފައިބަން ކަމަށާއި އެ ނޫން ގޮތެއް ނެތް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖެއިން އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި، ށ. ފުނަދޫގައި ތިބި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުގެ ސަޕޯޓަރުން ކުރިއަށް ގެންދިޔަ "އިންޑިއާ އައުޓް" ހަރަކާތުގައި ޔާމީން ބައިވެރިވެވަޑައިގަތީ ށ. ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ޕީޕީއެމުން ވާދަކުރައްވާ ކެންޑިޑޭޓް މޫސާ ފަތުހީ އާދަމްގެ ކެމްޕެއިން ހަރަކާތަށް އެ ރަށަށް ވަޑައިގެންނެވެ.

މި ސަރުކާރަށް ރައްޔިތުންގެ ކަންކަން ނިމުމުގައި އެއްވެސް ބާރެއް ނެތް ކަމަށާއި އެގޮތުން ހުރިހާ ކަމެއް ނިމިގެން އަންނަނީ ރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީގެ ތެރެއިން ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި އިންޑިއާ ސިފައިން ރާއްޖެ އިން ބޭރުކުރުމަށް ގޮވާލަނީ އެ ސަބަބާއި ހުރެ ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަށް ފުރުސަތު ދީފިނަމަ އެކި ދިމާލުގައި އެމީހުން ހަންފަތުރަމުން ދާނެ ކަމަށެވެ. އަދި މިއަދު އިންޑިއާ ސިފައިން ތިބި ހަނިމާދޫގައި މިހާރު ދައުލަތުގެ ބާރެއް ނުހިނގާ ކަމަށާއި އެގޮތުން ހަނިމާދޫގައި ބޯޓެއް ވެސް ޖެއްސެނީ އިންޑިއާ އަސްކަރިއްޔާ އިން ހުއްދަ ދިނުމުން ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.

މީގެއިތުރުން ހުރިހާ ކަމެއް މިހާރު ހިނގަނީ އިންޑިއާ ސިފައިން އަދި އަސްކަރިއްޔާ އަންގާ ގޮތަކަށް ކަމަށާއި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލާ ހަރަކާތް ޕީޕީއެމުން އިސް ނެގި ނަމަވެސް މިއީ ސިޔާސީ އެކި ފިކުރުގެ މީހުން ބައިވެރިވާ ހަރަކާތެއް ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.

"މި އިންތިހާބަށް އަތްބާނައިފިއްޔާ ދެން ރައްޔިތުން މަޑަކުން ނުތިބޭނެ. މި އިންތިހާބަށް އަތް ނުބާނައިފިއްޔާ ޝައްކެއް ވެސް ނެތް ގޮތުގައި ހަމަ ސައްޕު ޖަހާފައި ފޮނުވާލާނަން،" އިންޑިއާ އާ މައްސަލަ ޖެހިފައި ނުވާ ކަމަށް ޔާމީން ވިދާޅުވި އެވެ.

އިންޑިއާ އާ މެދު މައްސަލަ ނުޖެހުނު ނަމަވެސް އިންޑިއާ ސަރުކާރާ މައްސަލަ ޖެހިފައި ވަނީ ދާހިލީ ކަންކަމަށް ބެހޭތީ ކަމަށް ޔާމީން ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އެއްވެސް ދާއިރާއެއް ނެތް އެމީހުންގެ ބާރުގެ ދަށަށް ނުގެންދާ،" ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވަނީ ސަރުކާރުން ކޯޓުތަކަށް ނުފޫޒުފޯރުވާކަމަށް ވެސް ތުހުމަތުކުރައްވާފައެވެ. އަދި ވިދާޅުވީ, ކޯޓުތަކަށް އަތާފަޔާ ބޭނުމުގެ ނަތީޖާއަކަށްވެފައިވަނީ ރައްޔިތުންގެ ދިރިއުޅުން ނިކެމެތިވުން ކަމަށެވެ.

"މިއަކީއެއް ނޫން ދިވެހިރައްޔިތުން އެދޭ ދިވެހިރާއްޖެއަކީ. އަދި މިއަކީއެއް ނޫން އަނެއް ދިވެހިރާއްޖެއަކީ ވެސް. އަޅުގަނޑުމެން ބޭނުންވަނީ އަޅުގަނޑުމެންގެ ދިވެހިރާއްޖެ. އަޅުގަނޑުމެން ބޭނުންވަނީ މި ފަސްގަނޑު," އިންޑިއާ އައުޓް ޖައްސަވައިފައިވާ ރަތްކުލައިގެ ޓީޝާޓެއް ތުރުކުރައްވައި ހުންނަވައި ރައީސް ޔާމީން ވިދާޅުވިއެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު