ޚަބަރު
ޔާމީން ރަޝީދުގެ މަރު: ދޫވި 4 މީހުންގެ މައްސަލަ އިސްތިއުނާފް ކުރުމާއި މެދު ގޮތެއް ނިންމަނީ
ބްލޮގަރ ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ކުށް ސާބިތު ނުވި 4 މީހުންގެ މައްސަލަ އިސްތިއުނާފްކުރާނެކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވެއްޖެއެވެ.

އޭޕްރީލް 23، 2017 ގައި ޔާމީން ރަޝީދު ދިރިއުޅޭ ގެއަށް ވަންނަނިކޮށް ތޫނު އެއްޗަކުން ހަމަލާ ދީ ރަހުމުކުޑަ ގޮތަކަށް މަރާލި މައްސަލާގައި ހަ މީހެއްގެ މައްޗަށް ދައުވާ އުފުލި، ކްރިމިނަލް ކޯޓުގައި ހިނގި ޝަރީއަތުގެ ހުކުމް އިއްޔެ އިއްވިއެވެ.

ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި ހުކުމް އިއްވީ އޭގެ ތެރެއިން ދެ މީހެއްގެ މައްޗަށެވެ. އެއީ ޔާމީން މަރާލަން އެ ތަނަށް ގޮސް ތިބި ދެ މީހުންނެވެ. އިސްމާއީލް ހައިޝަމް ރަޝީދުއާއި، އަހްމަދު ޒިހާންގެ މައްޗަށް ވަނީ އުމުރު ދުވަހުގެ ޖަލު ހުކުމަކާއި މަރުގެ ދިޔަ ދޭން ހުކުމް ކޮށްފައެވެ.

ހައިޝަމްއާއި ޒީހާން ޢުމުރަށް ޖަލަށް، މަރުގެ ދިޔަ 1.3 މިލިއަން ރުފިޔާ!

ކްރިމިނަލް ކޯޓުގެ ހުކުމާއެކު ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އިސްމާއިލް ހައިޝަމް ރަޝީދު އާއި އަހްމަދު ޒިހާންއަކީ ޔާމީން ރަޝީދު މަރާލުމުގެ އަމަލުގައި އަމަލީގޮތުން ބައިވެރިވެ އެކަމުގައި އެންމެ އިސްދައުރެއް އަދާކުރި ދެ މީހުން ކަމަށެވެ.

"މި ދެމީހުންގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައެޅުމަކީ މިމައްސަލައިގައި އިންސާފު ހޯދައިދިނުމަށް ކުރާ މަސައްކަތުގައި ލިބުނު ކާމިޔާބީއެއްގެ ގޮތުގައި މި އޮފީހުން ދެކެމެވެ،" ބަޔާނުގައި ބުންޏެވެ.

އެ ހަތަރު މީހުންގެ މައްޗަށް ކުރި ދައުވާތައް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވާތީ، އެ ހުކުމް  ހައިކޯޓުގައި އިސްތިއުނާފު ކުރުމުގެ ނިޔަތް އޮތް ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. ނަމަވެސް އިސްތިއުނާފު ކުރުމާމެދު ޕީޖީ އޮފީހުން ގޮތެއް ނިންމާނީ ބަޔާންތަކާއެކު މައްސަލައިގެ ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓް ލިބުމުން އެ ރިޕޯޓް ދިރާސާކުރުމަށްފަހު ކަމަށް ވެސް ބަޔާނުގައިވެ އެވެ.

ޕީޖީ އޮފީހުން ބުނީ އާންމު މަސްލަހަތު މަތީ މިންވަރަކަށް އެކުލެވޭ މިބާވަތުގެ އަނިޔާވެރި ކުށްތަކުގެ މައްސަލަތައް ވަރަށް ސީރިއަސް މައްސަލަތަކުގެ ގޮތުގައި ދެކޭ ކަމަށެވެ.

"މިފަދަ މައްސަލަތަކުގައި އިންސާފު ހޯދައިދިނުމަށް ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ދެވެން އޮތް އެންމެ ދުރަކަށް މި އޮފީހުން ދާނަމެވެ." ބަޔާނުގައި ބުންޏެވެ.

ޔާމީން ރަޝީދު މަރައިލީ އޭނާގެ ރަހުމަތްތެރިޔާ އަދި ނޫސްވެރިޔާ ރިލްވާން އަބްދުﷲ ވަގަށް ނަގައި، ގެއްލުވާލާފައިވާ މައްސަލައިގައި އިންސާފު ހޯދުމަށް ވާހަކަ ދައްކަމުން ގެންދަނިކޮށް އޭޕްރީލް 23، 2017 ގަ އެވެ.

ޔާމީން މަރައިލީ، އޭނާ ވަރަށް ލަސްވަންދެން އޮފީހުގައި މަސައްކަތް ކުރުމަށްފަހު ގެއަށް ގޮަސް، ލިފްޓުން އަރަން އުޅެނިކޮށް ގޭ ތެރޭގަ އެވެ. ޔާމީންގެ ހަށިގަނޑު ފެނުނީ އެ ގޭގައި ދިރިއުޅެމުންދިޔަ މީހަކަށެވެ. ޔާމީން ރަޝީދު މަރައިލީ، ދުރާލާ ރާވައި، އޭނާއަށް އެކި ދުވަހުގެ މަތިން ފާރަލުމަށްފަހު އެވެ.

ޔާމީންގެ މަންމަ މަރިޔަމް ޝަފީގާ ބުނީ އޭނާގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅު މަރާލިކަމުގެ ކުށް ސާބިތުވި ދެމީހުންގެ އިތުރުން ދައުވާއިން ސަލާމަތްވި ހަތަރު މީހުންގެ ފަހަތުގައި ބަޔަކު ވާ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

އަދި އެމީހުން ނުހޯދި އިންސާފު ލިބުނު ކަމުގެ އިހްސާސް ނުކުރެވޭނެކަން އޭނާ ފާހަގަކުރި އެެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު