ޚަބަރު
ދެވަނަ ފިޔަވަހީގައި ސާމްޕަލް ކަލެކްޝަން ސެންޓަރެއް
ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ސާމްޕަލް ނަގާ ސެންޓަރެއް، ހުޅުމާލޭ ދެ ވަނަ ފިޔަވަހީ ހިޔާ ފްލެޓް ސަރަހައްދުގައި މިއަދު ހުޅުވައިފި އެވެ.

އެޗްޕީއޭ އިން ބުނީ އާ ސާމްޕަލް ކަލެކްޝަން ސެންޓަރު ހުޅުވާނީ މިއަދު މެންދުރުފަހު 3:30 ގައި ކަމަށެވެ. އެތަން ހުންނާނީ ހިޔާ ފްލެޓް ސަރަހައްދުގައި، އެޗް 8 ޓަވަރު ކައިރީ އެވެ. އެތަނުން 3:30 އިން 6:30 އަށް ސާމްޕަލް ނަގައިދޭނެ އެވެ.

އެޗްޕީއޭއިން މީގެ ކުރިން ވަނީ ހެންވޭރު ދަނޑުގައި ވެސް ސާމްޕަލް ކަލެކްޝަން ސެންޓަރެއް ގާއިމްކޮށްފަ އެވެ. އެތަނުން ހަވީރު ތިނަކުން ހަޔަކަށް ސާމްޕަލް ނަގައިދެ އެވެ.

މާލެ ސަރަަހައްދުން ސާމްޕަލް ނަގައިދޭ އިތުރު ތަންތަނަކީ، ސޯޝަލް ސެންޓަރު، ވިލިމާލެ ފްލޫ ކްލިނިކް އަދި ހުޅުމާލެ ރުއްގަނޑު އެކަކުންނެވެ.

ފްލޫ ކްލިނިކްތައް ހުންނަނީ ސެނެހިޔާ، ވިލިމާލެ ފްލޫ ކްލިނިކް އަދި ހުޅުމާލެ ހޮސްޕިޓަލްގަ އެވެ. 

ކޮވިޑްގެ އާ ވެރިއަންޓް ރާއްޖޭން ފެނުނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ. އޭގެ ފަހުން ކޭސްތައް އިތުރުވަމުން އަންނައިރު ޓެސްޓުކުރާ އަދަދު ވެސް އަންނަނީ އިތުރުވަމުންނެވެ. އެކަމަކު މިއަދަކީ އެންމެ ގިނައިން ޓެސްޓްކުރި ދުވަހެވެ. އޮމިކްރޮން ފެނުނު ފަހުން އެއް ދުވަހަކު 7،000 އަށް ވުރެ ގިނައިން ޓެސްޓުކޮށްފައި ވަނީ އެންމެ ހަތް ދުވަހު އެވެ. އެންމެ ގިނައިން ވެސް ޓެސްޓްކޮށްފައި ވަނީ އިއްޔެ، 7،681 އެވެ. އަދި އިއްޔެ 2،707 މީހުން ޕޮޒިޓިވް ވެފައިވެ އެވެ. އެއީ 36 ޕަސެންޓެވެ.

އޮމިކްރޮން ވެރިއަންޓްގެ ވައިރަސް ފަސޭހައިން ފެތުރުނަސް ބަލީގައި ހާލު ދެރަވާ މީހުންގެ އަދަދު ކުރިއާ އަޅާބަލާއިރު ވަރަށް މަދެވެ. އެއީ ކުރިން ކޮވިޑް ޖެހިފައިވާ މީހުންނާއި ކޮވިޑުން ދިފާއުވާން ވެކްސިން ޖަހާފައިވާ މީހުންނަށް ބަލި ޖެހޭތީ ފެންނަ ތަފާތަކަށް ވެދާނެ ކަމަށާއި މި ވެރިއަންޓާ މެދު ވެސް ފަރުވާ ކުޑަކޮށްގެން ނުވާނެ ކަމަށް ތަޖުރިބާކާރުން ވިދާޅުވެ އެވެ. އަދި ހަލުވިކަމާ އެކު ފެތެރޭ ކޮވިޑްގެ އޮމިކްރޮންގެ ވޭރިއަންޓްގެ ސަބަބުން ރާއްޖޭގައި ޕޮޒިޓިވްވާ ކޭސްތަކުގެ އަދަދު ދުވާލަކު 6،000އަށް އަރާފާނެ ކަމަށް އެޗްޕީއޭއިން ވަނީ ލަފާކޮށްފަ އެވެ. 

ކޮވިޑް އިތުރުވަމުން އަންނަ އިރު ރާއްޖެއިން މިހާރު ވަނީ ވެކްސިންގެ ދެ ޑޯޒަށް ފަހު ބޫސްޓަ ޑޯޒް ޖެހުމުގެ ފުރުސަތު ވެސް ހުޅުވާލައިފަ އެވެ. މިހާތަނަށް 369،252 އަށް ވުރެ ގިނަ މީހުން ކޮވިޑްގެ ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައިވާ އިރު 52475 މީހުން ވަނީ ބޫސްޓަ ޑޯޒް ވެސް ޖަހައިފަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު