ޚަބަރު
މި ސަރުކާރު ހިންގުމުގައި އިސްކޮށް ތިބީ ވަގުން: ރައީސް ޔާމީން
މި ސަރުކާރު ހިންގުމުގައި އިސްކޮށް ތިބީ ވަގުންނާއި ޚާއިނުން ކަމަށް ވިދާޅުވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަށާއި ވެރިކަން ކުރާ އެމްޑީޕީއަށް ފާޑުވިދާޅުވެ އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ޓުވީޓު ކުރައްވައިފިއެވެ.

މިމަހު ޓްވިޓާއަށް ވެއްނެވި، ރައީސް ޔާމީން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވަގުންނާއި ޣައްދާރުން ރާއްޖޭގައި ވެރިކަމުގެ ނިޒާމު، ފަސާދައިން ފުރިފައިވާ ސިޔާސީ ނިޒާމަކަށް ބަދަލުކުރަމުންދާކަމަށެވެ.

އެގޮތުން މި ސަރުކާރާއި އެމްޑީޕީގެ އިސް ސަފުގައި ތިބީ ވަގުންނާއި، ގައްދާރުން ކަމަށާއި އަދި ސަރުކާރުގެ ވެރިން ކޮންޓްރޯލް ކުރާ މަތީ ބާރެއް އޮންނަ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ފަރުދާގެ ފުރަގަހުގައި ހުރެގެން އެމީހުން ކޮންޓްރޯލް ކުރާ "ޕަޕެޓް މާސްޓަރެއް" ހުންނަ ކަމަށާއި "އެމީހުންގެ ވާފަށްތަކަށް މާ ގަދަޔަށް ދަމާލުމުން" ފަހަރަކު މީހެއް އެކަކު އެނެކަކާއި ދެކޮޅުވެރިވާން ފަށާކަމަށް ވިދާޅުވެ އެމަނިކުފާނު ވަނީ އެމްޑީޕީގެ އެތެރޭގެ ވާދަވެރިކަން ނުސީދާ ގޮތެއްގައި އިންޑިއާ އާއި ގުޅުވާ، ފާޑު ވިދާޅުވެފައެވެ.

އަދި ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ ނިޒާމަކީ މިހާރު "ޑެމޮނޮކްރެސީ" އެއް ކަމަށެވެ. ޑެމޮނޮކްރެސީ އަކީ، ޝައިތާނުންނަށް ވުރެ ނުބައި ނުލަފާ މީހުން ހިންގާ ސަރުކާރުތަކަށް ނިސްބަތްކޮށް ބޭނުން ކުރެވޭ ލަފުޒެކެވެ. ރައީސް ޔާމީން ވިދާޅުވި ގޮތުގައި މި ސަރުކާރު ހިންގުމުގައި އިސްކޮށް ތިބި ވަގުންނާއި ޚާއިނުންނެވެ. 


ބެލެވޭ ގޮތުގައި "ޕަޕެޓް މާސަޓަރު" ކަމަށް ރައީސް ޔާމީން ވިދާޅުވެފައި އެވަނީ އިންޑިއާއެވެ. އަދި އެމަނިކުފާނު އިޝާރާތް ކުރައްވާފައި އެވަނީ މިހާރު ރައީސް ނަޝީދާއި ރައީސް ސޯލިހާއި ދެމެދު އުފެދިގެން އުޅޭ ދެބަސްވުންތައް ކަމަށް ބެލެވެއެވެ. އަދި އެމްޑީޕީ ތެރެއިން އެކަކު އަނެކަކަށް ދެބަސްވި ނަމަވެސް އެ އެންމެންނަކީވެސް ޚާއިނުން ކަމަށް ރައީސް ޔާމީން އެވަނީ ފާހަގަކުރައްވާފައެވެ.

ރައީސް ޔާމީން ޓްވީޓާގައި ހަރަކާތްތެރިވެ ވަޑައިގަންނަވާން ފެއްޓެވި ފަހުން ކުރަށްވާ ގިނަ ޓްވީޓް ތަކުގައި މިހާރުގެ ސަރުކާރު ސިފަކުރަށްވަނީ ގައުމަށް ޣައްދާރުވާ ސަރުކާރެއްގެ ގޮތުގައެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު