ވިޔަފާރި
ތިލަމާލެ ބްރިޖްގެ ރެޑީ މިކްސް ކޮންކްރީޓް އެސްޓީއޯ އިން ޓެސްޓް ކޮށްފި
މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލުމަށް އެޅުމަށް ހަމަޖެހިފައިވާ ތިލަމާލެ ބްރިޖު ހެދުމަށް ބޭނުންވާ ރެޑީ މިކްސް ކޮންކްރީޓް އެސްޓީއޯ އިން ރޭ ޓެސްޓް ކޮށްފި އެވެ.

ތިލަމާލެ ބްރިޖް ގާއިމްކުރުމަށް ބޭނުންވާ ސިމެންތީގެ ތެރެއިން މަދު އަދަދެއްގެ ސިމެންތި ފޯރުކޮށްދިނުމުގެ މަސައްކަތް އެސްޓީއޯ އާއި ވެސް ވަނީ ހަވާލުކޮށްފައެވެ. މިކަން ފާހަގަކުރައްވާ އަމްރު ވިދާޅުވެފައި މި މަސައްކަތް ކުރުމަކީ އެސްޓީއޯއަށް ލިބޭނެ ފަހުރެއް ކަމަށެވެ.

"މިމަޝްރޫޢު ޙަޤީޤަތަކަށް ހެދުމަށް އިންޑިޔާ ސަރުކާރުން ފޯރުކޮށްދެމުން ގެންދާ އެހީތެރިކަމަށްޓަކައި އިންޑިޔާ ސަރުކާރަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން." އަމްރު ވަނީ ވިދާޅުވެފައެވެ.

ތިލަމާލެ ބްރިޖަށް އެސްޓީއޯ އިން ސަޕްލައިކޮށްދޭނީ- ސްޕެޝަލް ގްރޭޑް- ހައިގްރޭޑް ސްޓްރެންތް- ތިން މިލިއަން ޑޮލަރު -- ގާތްގަނޑަކަށް 46 މިލިއަން ރުފިޔާ ރެޑީމިކްސް ކޮންކްރީޓް  އެވެ.


ބްރިޖްގެ މަސައްކަތް އިންޑިއާގެ އެފްކޮންސް ކުންފުންޏާ ހަވާލުކުރީ މިދިޔަ އަހަރުގެ އޮގަސްޓުމަހުގެ 16ވަނަ ދުވަހުއެވެ. މި ބިޔަ މަޝްރޫޢުގައި އެފްކޮންސް ކުންފުންޏާއެކު އެއްބަސްވެފައި ވަނީ މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅާލުމަށެވެ. މީގެތެރޭގައި ބްރިޖް އަދި ލިންކިން ރޯޑްތައް ހިމެނެއެވެ.

ބްރިޖް މަޝްރޫޢު ފެށުމަށް ހަދަންޖެހޭ ސާރވޭ ހަދަމުން އަންނަނީ އެކަމަށްޓަކައި ގެނެސްފައިވާ ޚާއްޞަ އުޅަނދަކުންނެވެ. އެ އުޅަންދުން ދިރާސާކުރުމަށް މިހާރު އޮތީ ވިލިމާލެ ކައިރީގައެވެ. މި އުޅަނދަކީ ބްރިޖްގެ ތަނބުތަކުގެ މަސައްކަތުގައިވެސް ބޭނުންކުރާނެ އުޅަނދެކެވެ. އެގޮތުން ކަނޑު އަޑީގެ އޮއިވަރާ ގުޅޭ ސަރވޭތަކާއި، އަދި ކަނޑުގެ އަޑިއަށް ޖަހާ ތަނބުތަކާއި ގުޅޭ ސާރވޭތައްވެސް މި އުޅަނދު ބޭނުންކޮށްގެންދަނީ ކުރަމުންނެވެ.

ޕްލޭނިން މިނިސްޓްރީން ވިދާޅުވެފައިވަނީ ބްރިޖުގެ ފައުންޑޭޝަން މަސައްކަތް ޖުލައިމަހު ފެށޭނެކަމަށެވެ. އަދި މިހާރު ބްރިޖު މަޝްރޫޢަށް ބޭނުންވާ މެޝިނަރީތައް ރާއްޖެ ގެނައުމުގެ މަސައްކަތްވެސް ވަރަށް ބާރަށް ކުރިއަށްދާކަމަށްވެސް ޕްލޭނިން މިނިސްޓްރީން ވިދާޅުވެފައިވެއެެވެ.

ތިލަމާލެ ބްރިޖަކީ 6.7 ކިލޯ މީޓަރުގެ ބްރިޖެކެވެ. މިއީ 500 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ. އެއީ 7 ބިލިއަނަށްވުރެ ގިނަ ރުފިޔާއެވެ. މި މަޝްރޫޢު ކުރިއަށް ގެންދަނީ އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ގްރާންޓާއި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ. އަދި ދަޢުލަތުން ޚަރަދުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެފައިވަނީ ތިލަމާލެ ބްރިޖް ނިމޭނީ ގިރާވަރު ފަޅާއި ހަމައިންކަމަށެވެ. މި މަސައްކަތް މުޅިން ނިމޭއިރު ގިރާވަރު ފަޅުވެސް، މި ކަނެކްޓިވިޓީން ގުޅާލެވޭނެކަމަށެވެ. އަދި ރައީސް ސާލިހު ވަނީ ގިރާވަރު ފަޅު ހިއްކައި އެތަނުން ގޯތި ދިނުމަށް ނިންމާފައިވާކަން އިއުލާންކޮށްފައެވެ.

ތިލަމާލެ ބްރިޖްގެ އެންމެ ބޮޑު ބޭނުމަކީ ގުޅީފަޅާއި ތިލަފުށީ ސިނާޢީ ހަބުތަކަށް ބަދަލުވަމުން އަންނައިރު، މި ސަރަޙައްދަށް ބޭނުންވާ އިޤްތިޞާދީ ކުރިއެރުމަށް އެހީވުމެވެ. އަދި ގުޅީފަޅުގައި މީހުން އާބާދު ކުރައްވާނެކަމަށް ރައީސްގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވެއެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު