ޚަބަރު
މުޅި ދައުލަތް ފެއިލް ވުމުން ރައްޔިތުން ޤާނޫނު އަތަށް ނަގަން ފަށައިފި: ނިޒާރު
އައްޑޫ ސިޓީ ކައުންސިލުގެ މެންބަރުންނާ ރައީސް ބައްދަލުކުރެއްވުމުގެ ތެރެއިން ނިޒާރު(މ)
މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރަން މުޅި ދައުލަތް ފެއިލްވެ، ރައްޔިތުން ގޮތް ހުސްވެފައިވާ ކަމަށް އައްޑޫސިޓީ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ވެސް ކުރައްވާފައިވާ ނިޒާރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލައަށް ހައްލެއް ނުލިބި, ރާއްޖެ ހަލާކުވެ މި ނިމެނީ ކަމަށެވެ. އަދި މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމުގައި މުޅި ދައުލަތް ފެއިލްވެފައިވާކަމަށް ވެސް ނިޒާރު ވިދާޅުވިއެވެ.

"މިކަމުގައި މުޅި ދައުލަތް ފެއިލް ވެއްޖެ. ރައްޔިތުން ގޮތް ހުސްވެ ޤާނޫނު އަތަށް ނަގަން ފަށައިފި." ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ހޯމް މިނިސްޓަރު އިމްރާން ޓެގް ކުރައްވައި ނިޒާރު ކުރެއްވި ޓުވިޓުގައި ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްލަށް އޮތް ހުރަހެއް ކަމާއި ބެހޭ އިދާރާތަކަށް ބުނެ ނުދެވުނު ކަމަށާއި ނަމަވެސް އެކަމުގައި ޒިންމާ ނަގާނެ ބަޔަކު ތިބެންވާނެ ކަމަށެވެ. 

ރައްޔިތުން ޤާނޫނު އަތަށް ނަގަން ފަށައިފި ކަމަށް މޭޔަރު ނިޒާރު ވިދާޅުވެފައިވާއިރު، މިހާރަކަށް އައިސް ބައެއް ކުށްތަކުގެ ތުހުމަތުގައި މީހުން ބަރަހަނާކޮށް، އާންމުން އެމީހުންނަށް އަނިޔާކުރާ ވީޑިއޯތައް ސޯޝަލް މީޑިއާގައި ދަރުވެ އެވެ. 

ފުލުހުން މިދިޔަ ބުދަދުވަހު ކުރި ޓްވީޓެއްގައި ބުނީ، ކުށްކުށަށް އަރައިގަންނަ ފަރާތްތަކާއި މައްސަލަތަކުގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ މައްސަލަތައް ތަހުގީގުކޮށް، އެ ފަރާތްތަކަށް އަދަބު ދެވޭނެ ގޮތްތައް ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

"އިންސާފު ހޯދުމަށް ކަމަށް ބުނެ، ޖިނާއީ މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންނާ މެދު ދިވެހިރާއްޖޭގެ ގާނޫނުތަކާ ހިލާފު އަނިޔާވެރި އަމަލުތައް ހިންގުމަކީ މި ހިދުމަތުން ނުހަނު ކަންބޮޑުވާ، މުޖުތަމައުގެ މަސްލަހަތު ގެއްލިގެން ހިނގައިދާނެ ފަދަ އަމަލުތަކެކެވެ،" އެކަން އެގޮތަށް ނުކުރަން އިލްތިމާސްކޮށް، ފުލުހުން ބުނެފައިވެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު