ވިޔަފާރި
ވަޤްފު ފަންޑަށް އުރީދޫ އެމް-ފައިސާ ޚިދުމަތް މެދުވެރިކޮށް ފައިސާ ފޮނުވޭނެގޮތް ހަދައިފި
މިސްކިތްތަކަށް އެހީވާ ވަގްފް ފަންޑަށް އެމްފައިސާ މެދުވެރިކޮށް ފައިސާ ޖަމާކުރެވޭނެ ގޮތް އުރީދޫ މޯލްޑިވްސްއިން ހަދައިފިއެވެ.

މި ޚިދުމަތް އިފްތިތާޙްކޮށްދެއްވީ ކ.ހިންމަފުށި، މަސްޖިދުލް އިނާރާ މިސްކިތުގައި ބޭއްވި ރަސްމިއްޔާތެއްގައި ހިންމަފުށީގެ މެމްބަރުންނާއި އުރީދޫ މޯލްޑިވްސްގެ މެނޭޖްމަންޓުގެ ހާޒިރުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަޙްމަދު ޒާހިރު ޢަލީ އާއި އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ ޚާލިދު އަލްޙަމާދީ އެވެ.

މިކަމާ ގުޅިގެން އުރީދޫގެ މެނޭޖިންގް ޑިރެކްޓަރު ޙާލިދް އަލް ހަމާދީ ވިދާޅުވީ އުރީދޫއިން އަބަދުވެސް މަސައްކަތްކުރަނީ މުޖުތަމައުތައް ބިނާކޮށް، ދިވެހިންގެ ވަސީލަތްތަކުގެ ބޭނުން ކޮށްގެން ތަރައްގީއަށް މަގުފަހިކޮށްދިނުމަށް ކަމަށެވެ. އަދި ވަގްފް ފަންޑަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެސް ކަންކަމަށް ފަންޑުކުރުމުގައި އެންމެ ދެމެހެއްޓެނިވި އެއް ވަސީލަތް ކަމަށް އޭނާ ވިދާޅުވިއެވެ.

"ރާއްޖޭގެ މިސްކިތްތައް ބެލެހެއްޓުމާއި ތަރައްގީ ކުރުމަށް އިސްލާމިކް މިނިސްޓްރީން އުފައްދާފައިވާ ވަގްފް ފަންޑަށް އަޅުގަނޑުމެންގެ މޯބައިލް މަނީ ޕްލެޓްފޯމް އެމް-ފައިސާ މެދުވެރިކޮށް ރައްޔިތުންނަށް ފައިސާ ވަގްފް ކުރެވޭނެ މަގުފަހިކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" އޭނާ ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓަރު ޑރ.ޒާހިރު ވިދާޅުވީ ރައްޔިތުންގެ ތެރޭގައި މިސްކިތްތަކަށް އެހީވުމަށްޓަކައި ޞަދާޤާތްކުރަން ބޭނުންފުޅުވާ ވަރަށް ގިނަ ބޭފުޅުން ތިއްބެވުމާއެކު، މިނިސްޓްރީގައި އުފައްދާފައިވާ "މިސްކިތްތަކަށް އެހީވާ ވަޤްފް ފަންޑު" އަށް ފައިސާ ޖަމާކުރެވޭނެ ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަކީ އަބަދުވެސް މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތެއް ކަމަށެވެ.

"އުރީދޫ އެމް ފައިސާ މެދުވެރިކޮށް މިސްކިތްތަކަށް އެހީވުމުގެ ފުރުޞަތު ހޯދައިދެވިގެން ދިއުމަކީ، ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ހިތްހަމަޖެހުމަކަށްވާނޭކަން ޤަބޫލުކުރަން. އަދި މިކަމަކީ އަޅުގަނޑުމެންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ހިތްހަމަޖެހުމެއްކަން ފާހަގަކުރަން." މިނިސްޓަރު ވިދާޅުވި އެވެ.

އުރީދޫ މޯލްޑިވްސްއާއެކު މިވެވުނު އެއްބަސްވުމުގެ ދަށުން، މިސްކިތްތަކަށް އެހީވާ ވަޤްފު ފަންޑަށް އެހީދޭން ބޭނުންވާ ހުރިހާ ފަރާތްތަކަށް ކިއު.އާރް ކޯޑެއް މެދުވެރިކޮށް އުރީދޫގެ އެމް-ފައިސާ އެޕްލިކޭޝަނުން، މިނިސްޓްރީގެ "މިސްކިތްތަކަށް އެހީވާ ވަޤްފު ފަންޑު" އަށް ފައިސާ ހަދިޔާކުރެވޭނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

އުރީދޫ އެމް-ފައިސާ ޚިދުމަތް މެދުވެރިކޮށް މިސްކިތްތަކަށް އެހީވާ ވަޤްފު ފަންޑަށް ފައިސާ ހަދިޔާކުރެވޭނެ އިންތިޒާމު ރަސްމީކޮށް ފެށުމުގެ ގޮތުން، އުރީދޫއިން މިނިސްޓްރީއާއެކު ވަނީ ކ. ހިންމަފުށީ މަސްޖިދު އިނާރާ ގައި މައުލޫމާތު ބޯޑު ހަރުކޮށްދެއްވާފައެވެ.

އުރީދޫ އެމްފައިސާ އެޕްލިކޭޝަނުން މިސްކިތްތަކަށް އެހީވާ ވަޤްފު ފަންޑަށް ފައިސާ ހަދިޔާކުރާނެ ގޮތް އަންގައިދޭ މަޢުލޫމާތު ބޯޑުތައް މިސްކިތްތަކުގައި ހަރުކުރެވިފައި ހުންނާނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. މީގެ އިތުރުން މި މަޢުލޫމާތު ތަފާތު އެކި މީޑިއާ ޕްލެޓް ފޯމުތަކުންވެސް ކުރިއަށް އޮތްތަނުގައި ލިބެން ހުންނާނެކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ. 

ވަގްފު ފަންޑަކީ މިސްކިތްތައް އިމާރާތްކުރުމަށާއި މިސްކިތްތަކުގެ މަރާމާތަށާއި މިސްކިތްތަކަށް ހޯދަންޖެހޭ ތަކެތި ހޯދުމުގެ އިތުރުން އެހެނިހެން ގޮތްގޮތުންވެސް މިސްކިތްތަކަށް ބޭނުންވާ އެކިއެކި ކަންކަމަށް ފައިސާ ވަގްފު ކުރެވޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން އިސްލާމިކް މިނިސްޓްރީން އުފައްދާފައިވާ ފަންޑެކެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު