ޚަބަރު
ދެނެއް ދ. އަތޮޅާއި ނ. އަތޮޅެއް އެމްޑީއޭ އަކަށް ނުދޭނަން: ރައީސް ޔާމީން
ކުުރީގެ ރައީސް އަބްދުﷲ ޔާމީން، މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް އާއެކު-- ފޮޓޯ: ރައީސް އޮފީސް
ދ. އަތޮޅާއި ނ. އަތޮޅު ދެން އެމްޑީއޭ އަކަށް ނުދޭނެ ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.

ނ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މަނަދޫގައި ވާހަކަފުޅު ދައްކަވަމުން ގާސިމްގެ އިތުރުން ކުރިން އެމަނިކުފާނުގެ ގާތް ބޭފުޅެއް ކަމަށްވާ އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމްއަށް ވެސް ފާޑުވިދާޅުވި އެވެ. ޔާމީން ވިދާޅުވީ މީގެ ކުރިން ނ. އަތޮޅާއި ދ. އަތޮޅު އޮތީ މުޅިން ޕީޕީއެމުން ދޫކޮށްލާފައި ކަމަށެވެ.

"އެއީ އަޅުގަނޑުމެންނާއި އެމްޑީއޭއާ އޮތް ވަރުގަދަ އެގްރީމެންޓެއްގެ ދަށުން، އެހެންނަމަވެސް އެމްޑީއޭއިން ވެސް އަޅުގަނޑުމެންގެ ހައްގުތައް މި ދާއިރާތަކުގައި ހިމާޔަތްކުރުމަށް ވުރެ ބޮޑަށް މަސައްކަތް ކުރައްވާފައި އޮތީ އެމްޑީއޭ ވަރުގަދަކުރުމަށް،" ޔާމީން ވިދާޅުވި އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި "އިތުރު ގޮތެއް ނެތިގެން" ބަޔަކާއެކު އެގްރީމެންޓު ހެދިކަމުގައިވީ ނަމަވެސް، ދެން ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވެސް އަދި ކައުންސިލް ގޮނޑިއެއް ހޯދުމަށް ވެސް ކޯލިޝަން ނުހަދާނެ ކަމުގައި ޔާމީން ވިދާޅުވި އެވެ.

ސިޔާމަށް ފާޑުވިދާޅުވަމުން ޔާމީން އިތުރަށް ވިދާޅުވީ އަތޮޅު ބެލެހެއްޓުމަކީ "ގަވަރުނަރަކު ލައިގެން އެއްގޮތަކަށް ވެސް ކުރަން ހެޔޮވާވަރުގެ ކަމެއް" ނޫން ކަމަށެވެ.

ޔާމީން ވިދާޅުވީ ބައެއް ދާއިރާތައް ޖުމްހޫރީ ޕާޓީއަށް ދޫކޮށްލުމުން ވެސް އޭގެ އެއްވެސް ގޮނޑިއެއް ކާމިޔާބު ނުކުރެވުނު ކަމަށެވެ. އެމަނިކުފާނު އެކަން ސިފަކުރެއްވީ "ރައްޔިތުންގެ ހެޔޮ ވިސްނުމުން" ކުރިމަތިވި ނާކާމިޔާބީއެއްގެ ގޮތުގަ އެވެ.

ނަމަވެސް އެއީ ކޮން ދާއިރާތަކެއް ކަމެއް ވިދާޅެއްނުވެ އެވެ.

"ޖުމްހޫރީ ޕާޓީއަށް ވެސް ގޮނޑި ލިބުނީކީއެއް ނޫން. ޕީޕީއެމްއަށް އެ ދާއިރާތަކަށް މީހުން ނުދެއްކުނީ. އެހެންނަމަވެސް އަޅުގަނޑުމެން މަޖުބޫރީ ހާލަތުގައި ނޫނީ ގަން ޕޮއިންޓުގައި ތިބެގެން ކުރަން ޖެހުނު ކަމެއްގެ ނަތީޖާ ވެސް ރައްޔިތުން އެގޮތަށް ގަބޫލެއް ނުކުރޭ،" ޔާމީން ވިދާޅުވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު