ޚަބަރު
ޗާގޯސްއަކީ މޮރިޝަސްގެ ބައެއް ކަމަށް ބަލައިގަތް ނިންމުން އަނބުރާ ޖަހާނަން: ރައީސް ޔާމީން
ރައީސް ޔާމީން: ޗާގޯސްގެ މައްސަލާގައި ޕީޕީއެމްގެ ސަރުކާރެއްގައި އަމަލު ކުރާނެ ގޮތް ސާފުކޮށް ދެއްވި
ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދު ފުށުއަރާ މައްސަލާގައި މި ސަރުކާރުގެ ނިންމުމަށް އިހްތިރާމް ނުކުރައްވާނެ ކަމަށާއި ރިޔާސީ އިންތިހާބު ކާމިޔާބުވެއްޖެ ނަމަ އެ ނިންމުން ބަދަލުކުރައްވާނެ ކަަމަށް އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް ޖަގަހައިގައި ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ޔާމީން ވިދާޅުވީ ޗާގޯސްއަކީ މޮރިޝަސްގެ ތަނެއް ކަމަށް އެއްބަސްވެ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ސިޓީ ފޮނުއްވީ މަޖިލީހުގެ އިމްތިޔާޒުތަކަށް އަރައިގަނެ، ގާނޫނާ ހިލާފަށް ކަމަށެވެ.

އިމުގެ މައްސަލައިގައި ރާއްޖޭގެ ސްޓޭންޑު ބަދަލުކޮށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް މޮރިޝަސްއަށް ދޫކޮށްލަން ސިޓީ ފޮނުވީ ރައީސް ޔާމީން ތުހުމަތުކުރެއްވި ގޮތުގައި އިންޑިއާ ފަހަތުގައި އޮވެގެންނެވެ.

"އެ ސަރަހައްދު ކޮމްޕްރޮމައިޒްވާ ގޮތަށް، އަޅުގަނޑުމެން ކަނޑައެޅި ސަރަހައްދަށް ވުރެ ކުޑަ ސަރަހައްދެއް އަޅުގަނޑުމެންނަށް ލިބޭ ގޮތަށް އޮތް އޮތުމެއް އަޅުގަނޑުމެން ގަބޫލެއް ނުކުރާނަމޭ. އަޅުގަނޑުމެންނަށް ދޭހަވެގެން މިއުޅެނީ ރައީސް ފޮނުއްވި ސިޓީގައި އޮތީ މި ވާހަކައޭ. އެއީ މޮރިޝަސް ރުއްސަން، އިންޑިއާ ރުއްސަން،" ޔާމީން ވިދާޅުވި އެވެ.

"ވިދާޅުވެދެއްވާ ސިޓީގައި އޮތީ ކޯއްޗެއްތޯ. އިމްރާނަކަށް ބުނެއެއް ނުދެވޭނެ. ގާސިމް އެބަ ވިދާޅުވޭ މަޝްވަރާނުކުރެއޭ. ރައީސް މައުމޫން އެބަވިދާޅުވޭ މަޝްވަރާނުކުރެއޭ. އެކަމަކު އިމްރާނާ މަޝްވަރާކުރި ކަމަށް އެބަ ގަބޫލުކުރެއްވޭ،" ސަރުކާރުގެ ސްޓޭންޑަށް ތާއީދުކުރައްވާތީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް ފާޑުވިދާޅުވަމުން ޔާމީން އިތުރަށް ވިދާޅުވި އެވެ.

ޔާމީން ވިދާޅުވި ގޮތުގައި އިމުގެ މައްސަލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސިޓީ ފޮނުއްވީ ގާނޫނުއަސާސީއާ ޚިލާފަށެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދު ކަނޑައަޅާނީ މަޖިލީހުން ކަމަށާއި އެ ސިޓީ ފޮނުއްވީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގެންފައި ކަމަށް ވިދާޅުވި އެވެ.

ސަރުކާރުން އަމަލުކުރި ގޮތަށް ފާޑުވިދާޅުވެ ޔާމީން ވިދާޅުވި ގޮތުގައި މައްސަލައަކަށް ވަނީ ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ފުށުއަރާ ބޮޑު ބައެއް، އިންޑިއާ ފަހަތުގައި އޮވެގެން މޮރިޝަސްގެ އެދުމަށް ދޫކޮށްލާފައި ވުމެވެ. އިމުގެ ސަރަހައްދު ކަނޑައަޅަން ޖެހޭނީ ރާއްޖެއަށް އެންމެ ފައިދާހުރި ގޮތަކަށް ކަމަށް ވިޔަސް ސަރުކާރުން އަމަލުކުރަނީ އެގޮތަށް ނޫން ކަމަށް ވިދާޅުވި އެވެ.

ރައީސް ޔަމީން ވިދާޅުވީ އެފަދަ ގޮތަކަށް ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، މި ސަރުކާރުން ގާނޫނާ ހިލާފަށް ކުރަމުންދާ ކަންކަމަށް އެމަނިކުފާނުގެ ވެރިކަމެއްގައި އިހްތިރާމު ނުކުރާނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް ސަރުކާރު ލިބިއްޖެ ކަމަށް ވަންޏާ ގާނޫނާއި ހިލާފަށް ގާނޫނު އަސާސީއާ ހިލާފަށް މިހާރުގެ ސަރުކާރުން މި މައްސަލާގައި [މޮރިޝަސް މައްސަލަ] ކޮށްގެން އުޅޭ ކަންތައްތަކަށް އަޅުގަނޑު އިހުތިރާމެއް ނުކުރާނަން. އެކަން އަނބުރާ ޖަހާނަން،"

އެމަނިކުފާނު ވިދާޅުވި ގޮތުގައި ރައީސްގެ ސިޓީފުޅު ހާމަ ކުރަން ދެކޮޅު ހަދަން ޖެހޭ ސަބަބެއް ވިސްނިވަޑައެއް ނުގަންނަވަ އެވެ. އަދި އެ ސިޓީފުޅުގައި ގާނޫނާއި ހިލާފު ކަމެއް ކުރައްވާފައި ވާނަަމަ ބަޔަކު މީހުން ކިތަންމެ ރުޅި އަޔަސް އެކަން ބޮލާލައި ޖަހާނެ ކަމަށް ވެސް ވިދާޅުވިއެވެ. އެކަން އެގޮތަށް ކުރެއްވުމުން ޖީއެމްއާރަށް ބަދަލު ދޭން ޖެހުނު ގޮތަށް ބަދަލު ދޭން ޖެހުނަސް ފަސް ޖެހި ވަޑައި ނުގަންނަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ޗާގޯސް މައްސަލާގައި ސަރުކާރުގެ ސިޔާސަތު ކުއްލިއަކަށް ބަދަލުވީ ކަމަށް ބުނެ އެކަން ކުށްވެރިކޮށް އަދި އެކަން ސާފުކުރުމަށް ގޮވާލައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް، މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައި މިދިޔަ ހަފްތާގައި ވަނީ އެކަމުގައި ބަހުސްކޮށްފަ އެވެ.  އަދި މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ ދަނގެތި ދާއިރާގެ މެންބަރު މުހައްމަޒު ނާޒިމް ހުށަހަޅުއްވާފައިވާ ޗާގޮސް ރަށްތަކުގެ ކަނޑުގެ ސަރަހައްދާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ފުށުއަރާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައިގައި ރާއްޖޭގެ ސިޔާސަތު ބަދަލުވެފައިވޭތޯ ރައްޔިތުންނަށް ސާފުކޮށްދިނުމަށް ގޮވާލައި ހުށަހެޅި ގަރާރުގެ ބަހުސް ކުރިއަށް ގެންގޮސްފަ އެވެ. 

ޗާގޯސް އާ ގުޅޭ ގޮތުން ދިވެހި ސަރުކާރުގެ ސްޓޭންޑް ބަދަލުކޮށް މޮރިޝަސްއާ އެއްކޮޅަށް އދ.ގައި ރާއްޖެއިން ވޯޓު ދޭނެ ކަމަށް މޮރިޝަސްގެ ސަރުކާރަށް މިދިޔަ އޯގަސްޓް މަހު އެންގުމުން ފާޑު ކިޔާ ފަރާތްތަކުގެ ތެރޭގައި އިދިކޮޅު ޕީޕީއެމް އާއި އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހަންމަދު ނަޝީދާއި ކުރީގެ ހަތަރު ބަންޑާރަނާއިބުން ކަމަށްވާ ޑރ. މުހަންމަދު މުނައްވަރާއި ޑރ. ހަސަން ސައީދާއި ދިޔާނާ ސައީދާއި އާޒިމާ ޝުކޫރު ފަދަ ބޭފުޅުން ހިމެނެ އެވެ.

އެ ބަހުސްގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ހިމެނޭ ގޮތަށް އެޕާޓީއަށް ނިސްބަތްވާ ގިނަ ބަޔަކު ވަނީ ސަރުކާރަށް ފާޑުވިދާޅުވެފަ އެެވެ. އެކަަމަކު ސަރުކާރުން ބުނެފައި ވަނީ އެ ސްޓޭންޑް ބަދަލުނުކުރާ ކަމަށެވެ. މޮރިޝަސް މައްސަލާގައި ސަރުކާރުގެ ސިޔާސަތު ބަދަލު ކުރުން ދިފާއު ކޮށްފައި ވަނީ ސަރުކާރުގައި އޮތް އަދާލަތު ޕާޓީން އެކަންޏެވެ.  

ކިޔުންތެރިންގެ ޝުއޫރު
50%
0%
50%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު