ޚަބަރު
އިތުރު ދައުރެއް ލިބިއްޖެ ނަމަ އައްޑޫ ސިޓީގައި 5،000 ވަޒީފާ އުފައްދާނަން: ޔާމީން
އައްޑޫ ސިޓީ ފޭދޫގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވާހަކަ ދައްކަވަނީ - ފޮޓޯ: ޕީޕީއެމް
ވެރިކަން ލިބިއްޖެނަމަ އައްޑޫ ސިޓީގައި 5،000 ވަޒީފާ އުފައްދަވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

އަައްޑޫ  ފޭދޫ ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ޒުވާނުން މިއަދު ތިބީ ވަރަށް ބޮޑަށް ބިކަވެފައި ކަމަށާ ޒުވާނުންގެ ހާލަަތު ބަދަލު ކުރެވޭނީ ވަޒީފާތައް އުފައްދައިގެން ކަމަށެވެ. އަައްޑޫގެ ޒުވާނުންގެ ހާލަަތަކީ ވެސް އެއީ ކަމަށް އިޝާރާތް ކުރައްވާ އެމަނިކުފާނު ވަނީ ވެރިކަމުގެ އިތުރު ދައުރެއް ލިބިވަޑައިގެންފި ނަމަ އިތުރު ވަޒީފާތައް އުފައްދަން ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ދައުރުގައި ވެސް 95،000 ވަޒީފާ އުފެއްދެވި ކަމަށެވެ. އަދި އެ އަދަދަށް އެމަނިކުފާނުގެ ވާދަވެރީން ފާޑުވިދާޅުވި ނަމަވެސް އެއީ ފެންނަން އޮތް ހަގީގަތް ކަމަށެވެ. އެ ފަސް އަހަރުގައި 50 ވުރެ ރިސޯޓް ހުޅުވި ކަމަށާ އެ ރިސޯޓްތަކުން އެކަނިވެސް ދިވެހީންނަށް އެތައްހާސް ވަޒީފާއެއް ހުޅުވުނު ކަމަށެވެ.

"އިރާދަކުރެއްވިޔާ ﷲ ގެ ރަހުމަތްފުޅުން އަޅުގަނޑުމެންނަށް ދެން ވެރިކަން ހިންގުމުގެ ފުރުސަތު ލިބިއްޖެ ކަމަށް ވަންޏާ އައްޑޫ ސިޓީގައި، ހަމަ އެކަނި މި ސިޓީގައި މަސައްކަތް ކުރާ ރައްޔިތުންނަށް -- މާލޭގައި ތިބި އައްޑޫ ރައްޔިތުންގެ ވާހަކައެއް ނޫން މި ދައްކަނީ އެއް -- ހަމަ އެކަނި މި ސިޓީއަށް އަޅުގަނޑުމެންގެ ވެރިކަމުގެ ފުރަތަމަ ތިން އަހަރުތެރޭ 5،000 ވަޒީފާ އުފައްދާނަން. އެއީ އަޅުގަނޑުމެންގެ ވައުދެއް،" 

އައްޑު އަކީ މާލެ ފިޔަވާ އެމްޑީޕީ އަށް އެންމެ ތާއީދު ބޮޑު ސިޓީ ކަމަށްވާއިރު ޔާމީން މިއަދު މެންދުރު އައްޑޫ އަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް ވަނީ ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ. ޔާމީން އައްޑޫ އަށް ކުރައްވާ މި ދަތުރުފުޅަކީ ހަތަރު ދުވަހުގެ ދަތުރުފުޅެކެވެ. މިއީ ޖަލުން މިނިވަންވެ ވަޑައިގެންނެވުމަށްފަހު ޔާމީން އައްޑޫ އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

މިއަދު ހަވީރު ފޭދޫގައި ޕީޕީއެމުން ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ އެމަނިކުފާނުގެ މި ދަތުރުފުޅާ ދިމާކޮށް ހުރިހާ ސްކޫލަކަށް އޮތީ ގޮނޑިއެއްހާ މިންވަރު ވެސް ނުދިނުމަށް އަންގާފައި ކަމަށާއި އެއްވެސް ގޮތަކަށް ދަތުރުފަތުރު ކުރުމަށް ފަސޭހަވިޔަ ނުދިނުމަށްޓަކާ ބަހެއް ވެސް ނުދިނުމަށް އަންގާފައިވާ ކަމަށެވެ.

ނަމަވެސް މި ހުރިހާ ހިފެހެއްޓުމާ އެކީ ވެސް އައްޑޫން އެމަނިކުފާނަށް މަރުހަބާ ކިޔުމަށް މީހުން ނިކުތް އަދަދު އެމްޑީޕީ އަށް ފެންނާނެ ކަމަށާއި އެއާއެކު އައްޑު އެމްޑީޕީގެ އަތުން ބީވެގެން ގޮސްފައިވާކަން މިހާރު އެ ޕާޓީ އަށް އެނގިގެން ގޮސްފައިވާ ކަމަށް ޔާމީން ވިދާޅުވި އެވެ.

"އެ ބޭފުޅުންނަށް މި އަދަތުތައް ފެނުނު. އަދި އެ ބޭފުޅުންނަށް ފެނޭ އެ ބޭފުޅުންގެ ރައީސް ވަޑައިގަތީމަ މެހެމާންދާރީ ކިޔާގޮތް ވެސް. މި ހުރިހާ ހިފެހެއްޓުމަކާ އެކީ ވެސް އައްޑޫ ސިޓީގެ ލޮބުވެތި ރައްޔިތުން އަޅުގަނޑާއި، އަޅުގަނޑުގެ ޓީމަށް ތި ކީ މަރުހަބާ އިން އެބޭފުޅުންނަށް (އެމްޑީޕީ) ބޮޑުތަނުން އެނގިވަޑައިގަންނަވާ ކަންނޭނގޭ އައްޑު ސިޓީ އެ ބޭފުޅުންގެ އަތުން ބީވެގެން ހިނގައްޖެކަން." ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވިގޮތުގައި އެ މަނިކުފާނު ހީފުޅު ކުރެއްވި ގޮތާ ހިލާފަށް ފަސް އަހަރުގެ ދައުރެއްގައި ތަރައްގީގެ ގިނަ ކަންތައްތަކެއް ކުރެއްވުނެވެ. އޭގެ ތެރޭގައި 68 ސްޕެޝަލިސްޓުން ތައްޔާރުކުރީ އެކި ހޮސްޕިޓަލުތަކަށް ފޮނުވުމަށް ކަމަށް ވިޔަސް އެ ސްޕެޝަލިސްޓުންނަށް ވީ ގޮތެއް ވެސް މިހާރު ނޭނގޭ ކަމަށް ވިދާޅުވި އެވެ.

"މި އޮތް ބޮޑު އިންވެސްޓްމަންޓް ހެދީ މިފަދަ ރަށްރަށުގެ ހޮސްޕިޓަލުތަކަށް ބޭނުންވާ ޑޮކްޓަރުން ތައްޔާރު ކުރުމަށް. މިހާރު އެ މީހުން ޕްރައިވެޓް ސެކްޓަރަށް ގޮސް ނިމުނީ. ކޮބައިތޯއޭ ސަރުކާރުން މި އުފުލި ބުރަ،" ޔާމީން ސުވާލު އުފެއްދެވި އެވެ.

އެކަމަކު މިހާރު އެ މަނިކުފާނުގެ ވެރިކަމުގައި ހުޅުވި ދަރުމަވަންތަ ހޮސްޕިޓަލާއި އެހެން ހޮސްޕިޓަލުތަކުގައި ވެސް ޑޮކްޓަރުން ހަމަނުވުމުގެ ކަންބޮޑުވުންތައް ވެސް ޔާމީން ހިއްސާ ކުރެއްވި އެވެ.

ކުރިއަށް އޮތް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުން ކާމިޔާބު ލިބި ވެރިކަމުގެ ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ އެންމެ ފުރަތަމަ ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަކީ މި ސަރުކާރުން އުފައްދާފައިވާ އިންޑިއާގެ ދަރަނިތައް ދެއްކުން ކަމަށާ އަދި އެކި ގޮތް ގޮތުން ހަދާފައިވާ އެއްބަސްވުންތަކާއި ގުޅިގެން ދިވެހި ދައުލަތުން ދޭން ޖެހޭ "ޖިޒީ" ތައް އަދާކުރުން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

އަދި ވިދާޅުވީ ކަން އެހެން އޮތަސް ދިވެހި ރައްޔިތުން ތަރައްގީގެ މަގުގައި ކުރިއަށް ގެންދަން އެމަނިކުފާނުގެ ހާއްސަ ތަސައްވުރެއް އެބައޮތް ކަމަށެވެ. އެމަނިކުފާނުގެ ރިޔާސަތެއްގައި ބޯހިޔާވަހި ކަމަށް ކުރީން ދެއްވި މިންވަރަށް ވުރެ އިތުރަށް ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު