ޚަބަރު
ޗާގޯސް މައްސަލައިގެ މައުލޫމާތު މަޖިލީހަށް ހިއްސާކުރި ވާހަކަ ދޮގު ކޮށްފި
ޗާގޯސް މައްސަލައިގެ މައުލޫމާތު ރައްޔިތުންގެ މަޖިލީހާ ހިއްސާކޮށްފައިވާނެ ކަމަށް ބަންޑާރަނައިބު އިބްރާޙިމް ރިފްއަތު ވިދާޅުވި ވާހަކަ ރައްޔިތުންގެ މަޖިލީހުން ދޮގު ކޮށްފިއެވެ.

ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތާއި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ގުޅިގެން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރިފްއަތު ވަނީ ރައްޔިތުންގެ މަޖިލީހަށް ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދު ފުށު އަރާ މައްސަލައިގެ ލިޔެކިޔުންތައް ފޮނުވާފައިވާނެ ކަމަށެވެ.

"މޮރިޝަސްގެ ފަރާތުން [އިޓްލޮސް] ހުށަހަޅާފައިވާ މައްސަލައާއި، އަދި މޮރިޝަސްގެ ފަރާތުން ދީފައިވާ ޖަވާބާއި، ރާއްޖޭން ދީފައިވާ ޖަވާބާއި މެޕްތަކުގެ ލިޔެކިއުންތައް ފޮނުވިން،" ރިފްއަތު ރޭ ވިދާޅުވެފައިވެ އެވެ.

މި ކަމާ ގުޅިގެން މަޖިލީހުން ދެންމެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ މައްސަލާގައި ރާއްޖޭން ސްޓޭންޑް ބަދަލުކޮށްފައިވާ ކަމަށް ބުނެ އަޑު ފެތުރޭތީ އަމިއްލަ ފަރާތަކުން މަޖިލީހަށް ފޮނުވި ސިޓީއަކާ ގުޅިގެން މައުލޫމާތު ސާފުކުރުމަށް ބަންޑާރަ ނައިބުގެ އޮފީހެއް މަޖިލީހުން ދެ ސިޓީއެއް ފޮނުވި ކަމަށެވެ.

މަޖިލީހުން ބުނީ މޮރިޝަސްގެ އިމުގެ މައްސަލަ އަކީ ދިވެހި ދައުލަތުގެ ސިޔާދަތާ ގުޅުން ހުރި ކަމަކަށް ވާތީ އެކަން ބަޔާންކޮށް އަމިއްލަ ފަރާތަކުން މަޖިލީހަށް ފޮނުވި ސިޓީއަކާ ގުޅިގެން އެ މައްސަލަ ދިރާސާ ކުރުމަށް އެޓާނީ ޖެނަރަލާއި އޭޖީ އޮފީހުގެ ކަމާ ގުޅުން ހުރި ބޭފުޅުން ބައްދަލު ކުރައްވަން އެ އޮފީހަށް ދެ ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.

އެ މައްސަލައިގެ ޖަވާބުގައި ޓްރައިބިއުނަލް އަށް ހުށަހަޅާފައިވާ މައްސަލައާ ގުޅޭ މައުލޫމާތު ހިމަނައި ދެ ސިޓީއެއް އޭޖީން މަޖިލީހަށް ފޮނުވި ކަމަށް މަޖިލީހުން ބުންޏެވެ. ނަމަވެސް އަޑު އެހުންތައް ބޭއްވުމާ ހަމައަށް އެ ލިޔެކިޔުންތަކުގެ ސިއްރު ހިފަހައްޓަން ޖެހޭ ކަމަށާއި އޭގެ ފަހުން އިތުރު އެއްވެސް މައުލޫމާތެއް މަޖިލީހަށް ހިއްސާ ނުކުރާ ކަމަށް ވެސް އެ އިދާރާ އިން ބުންޏެވެ.

މަޖިލީހަށް ހުށަހަޅަން ޖެހޭ ކަންކަމާއި ރުހުން ހޯދަން ޖެހޭ ކަންކަމުގެ އިޖުރާއަތްތައް އޮންނަ ގޮތް އޮޅޭ ގޮތަށް މަސްއޫލުވާ ފަރާތްތަކުން މައުލޫމާތު ނުފެތުރުމަށް ވެސް މަޖިލީހުން ވަނީ އިލްތިމާސް ކޮށްފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު