ޚަބަރު
މިޞްރުން ދެން ރައީސް ނަޝީދު ވަޑައިގަންނަވާނީ އިޓަލީއަށް!
އިޓަލީ
މިޞްރުގެ ޝަރުމުއް ޝައިޚުގައި ކުރިއަށްދާ ކޮޕް-27 ސަމިޓު ނިންމަވައިލެއްވުމަށްފަހު އިޓަލީއަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.

މަޖިލީހުގެ އިދާރާއިން ނެރުނު ބަޔާނެއް ބުނެފައި ވަނީ ނަޝީދު އިޓަލީއަށް ފުރާވަޑައިގަންނަވަނީ ހެބިޓަބަލް ޕްރޮޖެކްޓްގެ އެނުއަލް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ކަމަށެވެ.

އެމަނިކުފާނު ރޯމަށް ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ ކޮޕް 27 ގައި ބައިވެރިވެވަޑައިގަތުމަށް ފަހު މިސްރުގެ އެއާޕޯޓުން ކަމަށެވެ.

ހަތަރު އަހަރަށް ކުރިއަށްދާ މި ޕްރޮޖެކްޓުގައި 17 ޤައުމަކުން 21 ޕާޓުނަރުން ބައިވެރިވާކަމަށާއި، މި ކޮންފަރެންސްއަކީ ޕްރޮޖެކްޓުގެ ހުރިހާ ބައިވެރިން އެއްވެ، ޕްރޮޖެކްޓު ހިންގުމާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ބާއްވާ ކޮންފަރެންސްއެއްކަމަށް މަޖިލީހުން ބުންޏެވެ.

އަދި ރައީސް ނަޝީދު މި ކޮންފަރެންސަށް ވަޑައިގަންނަވަނީ އެމަނިކުފާނަކީ މި ޕްރޮޖެކްޓުގެ އެޑްވައިޒަރީ ބޯޑުގެ މެންބަރެއްކަމަށްވާތީއެވެ.

އިތުރަށް މަޖިލީހުން ފާހަގަކުރި ގޮތުގައި ނަޝީދުގެ މި ދަތުރުފުޅުގެ ހުރިހާ ޚަރަދުތަކެއް ބަލަހައްޓަނީ މި ޕްރޮޖެކްޓުގެ ހެބިޓޭބަލް ޕްރޮޖެކްޓުގެ ކޯޑިނޭޓަރުގެ ހައިސިއްޔަތުން ޔުނިވާސިޓީ އޮފް ލީޖުންނެވެ.

ހެބިޓަބަލް ޕްރޮޖެކްޓްގެ މަގްސަދަކީ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ އަސަރުތަކާއި، ހިޖުރަކުރުމާއި، ޑިސްޕްލޭސްމަންޓް ޕެޓާންސްއާއި ދެމެދު އޮންނަ ގުޅުންތައް ދެނެގަތުމާއި ކުރިއަށް އޮތްތަނުގައި އަންނާނެ ބަދަލުތައް ލަފާކުރުން ކަމަށް މަޖިލީހުން ބުނެ އެވެ.

މިސްރުގައި ފެށީ އދ.ގެ ތިމާވެއްޓާއި މޫސުމީ ބަދަލުތަކާބެހޭ ކޮންފަރެންސް، ކޮންފެރެންސް އޮފް ދަ ޕާޓީޒް ނުވަތަ "ކޮޕް 27" ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ސްރީ ލަންކާގެ ވަފުދުގެ މެމްބަރެއްގެ ގޮތުގައި އެ ގައުމު ތަމްސީލު ކުރެއްވީތީ އެމަނިކުފާނަށް ސިޔާސީ ބޭފުޅުން އަންނަނީ ފާޑުކިޔަމުން ނެވެ. 

އެގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ވެސް ވަނީ ފާޑުވިދާޅުވެފައެވެ. 

މުނައްވަރު ވިދާޅުވީ ރާއްޖޭގެ ތިން ބާރުގެ ތެރެއިން ގާނޫނު ހަދާ ބާރުގެ އެންމެ އިސްވެރިޔާ އެހެން ގައުމެއް ތަމްސީލް ކުރެއްވުމަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަކީ ލަދުވެތި ކަމެއް ކަމަށެވެ.

"ދިވެހި ދައުލަތަށް ޚިޔާނާތްތެރިވެވޭނެ އެހެން ގޮތެއް ކިޔައިދެއްވަ ބައްލަވާ މިއަށްވުރެ ބޮޑަށް. އެހެން ގައުމެއް ތަމްސީލްކުރަން މިދިޔައީ އަޅުގަނޑުމެންގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް. އަޖައިބެއް ނޫން ތޯ," މުނައްވަރު ވިދާޅުވިއެވެ.

މިފަހަރުގެ ސަމިޓުގައި ރާއްޖޭގެ ވަފުދުގެ އިސް ބޭފުޅަކީ ނައިބު ރައީސް ފައިސަލް ނަސީމެވެ. 

ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު