ޚަބަރު
އެފްކޮންސް 69.4 މިލިއަން ރުފިޔާ އިން ޖޫރިމަނާ ކޮށްފި
ޕްލެޓްފޯމް އުރުމާ ގުޅިގެން ވިލިމާލެ ފަރަށް ލިބިފައި ހުރި ގެއްލުން
މާލެ-ވިލިމާލެ ބްރިޖުގެ މަސައްކަތަށް ބޭނުންކުރާ ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އެރި މައްސަލާގައި ލިބުނު ގެއްލުންތަކާ ގުޅިގެން، އެ ބްރިޖު ހަދާ އިންޑިއާގެ ކުންފުނި 69 މިލިއަން ރުފިޔާ އިން ޖޫރިމަނާ ކުރަން އެންވަޔަރުމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ނިންމައިފި އެވެ. 

ބްރިޖު ސާވޭގެ މަސައްކަތަށް ބޭނުން ކުރަމުން އައި އެ ޕްލެޓްފޯމް ވިލިމާލޭގެ ފަރަށް އެރީ މިދިޔަ އޮގަސްޓް 16 ގައެވެ. އޭގެ ސަބަބުން ފަރަށް ބޮޑެތި ގެއްލުންތަކެއް ލިބި 10 ވަރަކަށް ފޫޓު ފުން ބޮޑެތި ވަޅުގަނޑުތަކެއް ވަނީ ހެދިފަ އެވެ.

އެ ތަނަށް ލިބުނު ގެއްލުން އީޕީއޭ އިން ބަލަން ފެށީ ޕްލެޓްފޯމް އެ ސަރަހައްދުން ނެގުމުންނާއި ފަރަށް އެޅުނު ހޮޅިތަކާއި އެހެނިހެން އެއްޗެހި ފަރުން ނެގުމުންނެވެ. އީޕީއޭއިިން ވިލިމާލޭ ފަރު ސާވޭ ކުރުމަށްފަހު ވަނީ ފަރުގެ ފޮޓޯތަކެއް އާންމުކޮށްފައެވެ. އެ ފޮޓޯތަކުގެ ތެރެއިން އެއް ފޮޓޯއިން ފެންނަނީ ސާވޭ ކުރާ ޓީމުގެ މެމްބަރަކު ވަޅުގަނޑުގެ ތެރެއަށް ފީނައި ކޮޅަށް ހުންނަ މަންޒަރެވެ. ފޮޓޯއިން ފެންނަ ގޮތުގައި އޭނާ ހުރީ ވަޅުގަނޑުގެ އެންމެ ފުނުގައެވެ.


އެ ތަކެތި ނުނެގި ލަސްވުމުގެ ސަބަބުން އާންމުންގެ ފާޑު ކިއުން ވެސް އަމާޒުވެފައިވެއެވެ.

ވިލިމާލެ ފަރުގެ ސާވޭއެއް ހެދުމަށް ފަހު އީޕީއޭ އިން އެންމެ ފުރަތަމަ ފޮނުވި ރިޕޯޓް އެފްކޯންސް އިން ގަބޫލެއް ނުކުރި އެވެ. އެހެންކަމުން އީޕީއޭ އިން ވަނީ އެފްކޯންސް އިން ވެސް ސާވޭއެއް ހަދަން ފުރުސަތު ދީފަ އެވެ.

އީޕީއޭއިން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ، ޕްލެޓްފޯމް ފަރަށް އަރާފައިވަނީ "ގްރޭޓާ މާލޭ ކަނެކްޓިވިޓީ–މާލޭ ޓު ތިލަފުށި ލިންކް ޕްރޮޖެކްޓް" ގެ ކޮންޓްރެކްޓާ އެފްކޮންސްގެ ފަރާތުން އެ ޕްރޮޖެކްޓްގެ މަސައްކަތްތަކެއް ކުރިއަށް ގެންދިޔުމުގެ ތެރޭގައި ކަމަށްވާތީ، ޕްލެޓްފޯމް ވިލިމާލޭ ފަރަށް އެރުމުގެ ސަބަބުން، ފަރަށް ލިބުނު ގެއްލުމުގެ ޒިންމާ ނަގަންޖެހޭ ފަރާތަކީ އެފްކޮންސް ކަމަށެވެ.

"ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލުހޯދުމުގެ ގަވާއިދުގެ ދަށުން 69,411,800.00 ދިވެހި ރުފިޔާއިން އެފްކޮންސް އިންފްރާސްޓަކްޗާ ލިމިޓެޑް ޖޫރިމަނާ ކުރެވިފައިވާ ކަމާއި އަދި ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަހުގެ ތެރޭގައި ޖޫރިމަނާގެ ފައިސާ މި އެޖެންސީއަށް ދެއްކުމަށް އެފްކޮންސް އިންފްރާސްޓަކްޗާ ލިމިޓެޑަށް 13 ނޮވެމްބަރު 2022 ގައި ވަނީ އެންގިފަ،" އީޕީއޭއިން ބުންޏެވެ.

ހާދިސާ ހިނގިތާ ގާތްގަނޑަކަށް ތިން މަސް ފަހުން ޖޫރިމަނާ ކުރި އިރު ތިމާވެއްޓާ ބެހޭ ޖަމިއްޔާތަކުން ވަނީ އެ މައްސަލާގައި ފިޔަވަޅު އެޅުން ލަސްވެފައިވާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު