ޚަބަރު
ތިން ދުވަސް ތެރޭ، މުސްއަބަށް 1.1 މިލިއަން ރުފިޔާ ދިނުމަށް އަމުރު ކޮށްފި
އިސްލާމިކް މިނިސްޓްރީގެ ކުރީގެ ޕާމަނަންޓް ސެކްރެޓަރީ މުސްއަބު އަބްދުﷲ - ފޮޓޯ؛ މިހާރު
އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމުން ވަކިކުރި މުސްއަބު އަބްދުاللهއަށް އަންނަ އާދިއްތަ ދުވަހުގެ މެންދުރު 12:00ގެ ކުރިން 1.1 މިލިއަން ރުފިޔާ ދޭން ސިވިލް ސަރވިސް ކޮމިޝަނުގެ މައްޗަށް ސިވިލް ކޯޓުން އަމުރުކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީގެ ޕީއެސްގެ މަގާމަށް މުސްއަބު އައްޔަން ކުރީ 25 ޖުލައި 2017ގައެވެ. މަގާމުގައި ހުންނަވަނިކޮށް، މުސްއަބާ ދެކޮޅަށް ސިވިލް ސާވިސް ކޮމިޝަނަށް ހުށަހެޅި ހަތަރު މައްސަލައަކާ ގުޅިގެން އޭނާ ސަސްޕެންޑު ކުރީ 29 މެއި 2019ގަ އެވެ. އެންމެ ފުރަތަމަ ސަސްޕެންޑު ކުރީ މުސާރަ ލިބޭ ގޮތަށް ނަމަވެސް، ފަހުން ހަތަރު ފަހަރެއްގެ މަތިން މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޝަންގެ މުއްދަތު އިތުރު ކުރިއެވެ.

މުސްއަބާ ދެކޮޅަށް ހުށަހެޅި މައްސަލަތައް ބަލައި ސިވިލް ސާވިސްގެ ގާނޫނާއި، ސިވިލް ސާވިސްގެ ގަވައިދާއި، ސިވިލް ސާވިސްގެ ކޯޑް އޮފް ކޮންޑަކްޓާ އޭނާ ޚިލާފުވެފައިވާ ކަމަށް ބުނެ އޭނާ މަގާމުން ވަކި ކުރީ މިދިޔަ އަހަރުގެ ސެޕްޓޭމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ.

އޭނާ މަގާމުން ވަކި ކުރަން ނިންމި ނިންމުމަކީ ގާނޫނާ ޚިލާފަށް ނިންމި ނިންމުމެއް ކަމަށް ވިދާޅުވެ، ވަޒީފާ އަނބުރާ އިއާދަކޮށްދިނުމަށާއި، މުސާރަ ނުލިބޭ ގޮތަށް ވަޒީފާއިން ސަސްޕެންޑު ކުރި މުއްދަތުން ފެށިގެން ލިބެން ޖެހޭ ކަމަށް އޭނާ ގަބޫލުކުރައްވާ މުސާރައާއި އިނާޔަތް ހޯދުމަށާއި، ވަޒީފާއިން ވަކި ކުރުމުގެ ސަބަބުން ލިބުނު ގެއްލުމާއި، ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމަށް ކުރަން ޖެހުނު ޚަރަދު ހޯދަން އޭނާ ވަނީ ސިވިލް ކޯޓުގައި ސިވިލް ސާވިސް ކޮމިޝަނާ ދެކޮޅަށް ދައުވާކޮށްފައެވެ.

މުސްއަބާ ގުޅިގެން ސިވިލް ސާވިސް ކޮމިޝަނުން ބެލި އެއް މައްސަލައަކީ ގަވާއިދާ ހިލާފަށް މިނިސްޓްރީގައި ނެތް މުވައްޒަފަކު މުސާރައިގެ ނިޒާމު ތެރޭގައި ރަޖިސްޓާކޮށް އެ މީހަކަށް މުސާރަ ދިން ކަމަށް ބުނާ މައްސަަލައެކެވެ.

އަނެއް މައްސަލައަކީ މެއި 17، 2019 ގައި ދައުލަތުގެ ރަސްމީ ސިއްރު ލިޔުމެއް ޓްވިޓާގައި މުސްއަބު އާންމު ކުރި ކަމަށް ބުނާ މައްސަލައެކެވެ. މުސްއަބު ވަކިކުރީ މި މައްސަލާގައެވެ.

ސަސްޕެންޝަންގައި މުސްއަބު ބެހެއްޓުމަށް ފަހު 2019 ވަނަ އަހަރު ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އޭނާ ވަކިކުރަން ނިންމީ އެ ކޮމިޝަނުން ބެލި މައްސަލަތަކާ ގުޅިގެންނެވެ. އެކަމަކު މިދިޔަ އޮގަސްޓް މަހު ހައި ކޯޓުން ނިންމީ މުސްއަބު ވަކިކުރީ ގޯސްކޮށް ކަމަށް ވާތީ 1.1 މިލިއަންގެ ބަދަލެއް ދިނުމަށެވެ.

އެ ހުކުމް ތަންފީޒުކުރަން މުސްއަބުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން އިއްޔެ ނެރުނު އަމުރުގައި ވަނީ ހައި ކޯޓުގެ ހުކުމާ އެއްގޮތަށް ސީއެސްސީން އަމަލު ކޮށްފައި ނުވާތީ އަންނަ އާދިއްތަ ދުވަހުގެ މެންދުރު 12 ގެ ކުރިން 1.1 މިލިއަން ރުފިޔާ ކޯޓަށް ޖަމާކުރަން އަންގާ ކަމަށެވެ.

ހައި ކޯޓުގެ ހުކުމް އިސްތިއުނާފް ކުރަން ބޭނުންވާ ކަމަށާއި އެހެންވެ، ހުކުމް ތަންފީޒު މަޑުޖައްސާލަން ސީއެސްސީން ކޯޓުގައި އެދުނެވެ. އެކަމަކު ކޯޓުގެ ނިންމުމުގައިވަނީ މަތީ ކޯޓަކުން އެހެން ގޮތަކަށް އަމުރު ނުކުރާހާ ހިނދަކު ހުކުމަށް އަމަލު ކުރަން ޖެހޭނެ ކަމަށެވެ.

ކިޔުންތެރިންގެ ޝުއޫރު
83%
0%
17%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު