ޚަބަރު
މިނިސްޓަރު ނަހުލާގެ މައްސަލައެއް އޭސީސީއަށް
ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ އަދި އެ މިނިސްޓްރީގެ އެސިސްޓެންޓު ޑިރެކްޓާ ރުޝޫނާ ރަޝާދު ގެ މައްޗަށް ތުހުމަތު ކުރާ ކޮރަޕްޝަންގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފި އެވެ.

އޭސީސީ އަށް ހުށަހަޅާފައިވާ މި މައްސަލައަކީ ނަހުލާ އަދި ރުޝޫނާ އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމުގެ ގަވާއިދާ ހިލާފަށް ގިނަ އުޅަނދުތަކެއް ރަޖިސްޓާކޮށްދީ އެކަމުން އެ ދެ ފަރާތުން މާލީ ފައިދާ ހޯދަމުންދާ ކަމަށް ތުހުމަތުކޮށް ހުށަހެޅި މައްސަލައެކެވެ. އެގޮތުން ޖުމްލަ 57 އުޅަނދެއް ރަޖިސްޓްރީ ކުރުމުގައި ގަވާއިދާ ހިލާފުވެފައިވާ ކަމަށް އެ ފަރާތުން ވަނީ ތުހުމުތަކޮށްފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޓްރާންސްޕޯޓުގެ ކޯޑިނޭޓަރަކަށް މަސަކަތްކުރި މަހުމޫދު ޝަފީގު ހުށަހެޅި މައްސަލައިގައި ބުނީ އެއްގަމު އުޅަނދުތައް ރަޖިސްޓްރީކޮށްދިނުމުގައި މިނިސްޓަރު ނަހުލާ އާއި އެ މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު ރުޝޫނާ ރަޝާދު މާލީ ތަނަވަސްކަން ހޯދަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

މީގެ އިތުރުން މި އުޅަނދުތައް ރަޖިސްޓްރީ ކުރުމުގައި އުޅަނދުތައް ރަޖިސްޓްރީ ކުރުމަށް ހުށަހަޅަންޖެހޭ ސިޓީތައް މިނިސްޓްރީގައި އެންޓްރީ ހެދުމަކާއި ނުލާ އަދި ޖަވާބު ދިނުމަކާ ނުލާ ސިއްރިއްޔާތުގައި މި އުޅަނދުތައް ރަޖިސްޓްރީ ކުރުމުގެ ހިދުމަތް ދީފައިވަނީ ރުޝޫނާ ކަމަށް ވެސް އެ ފަރާތުން ވަނީ ތުހުމަތު ކޮށްފަ އެވެ. އަދި މިކަން ހިނގީ މިނިސްޓަރު ނަހުލާގެ ހުއްދަ ދީގެންކަން އެންގުމަށް ހިދުމަތާ އެކު ހުށަހަޅާ ފޯމުގައި ނަހުލާ ސޮއިކޮށްފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

"މިނިސްޓަރު ނަހުލާ ހުއްދަ ދީގެންކަން އެންގުމުގެ ގޮތުން ކޮންމެ ހިދުމަތަކާއެކު ހުށަހަޅާ ފޯމުގެ އަރިމަތީގައި މިނިސްޓަރު އައިޝަތު ނަހުލާ ސޮއިކޮށް ހުއްދަ ދީފައިވާކަން ލިޔެފައިވެ އެވެ،" ސިޓީގައި ވެ އެވެ.

"މި އުޅަނދުތައް އެތެރެކޮށްފައިވަނީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އެއްގަމު އުޅަނދުގެ ވިޔަފާރި ކުރަމުންދާ ކުންފުންޏަކުން ފުރާލައި ރާވައިގެން ރަޖިސްޓްރީކުރެވޭނެ ކަމުގެ ޔަގީންކަމާއެކުގަ އެވެ. އަދި މިނިސްޓްރީއަށް ހުށަހަޅާ ސިޓީތަކުގައި އެ ކުންފުނީގެ ތައްގަނޑު ޖަހާފައިވާކަން ފާހަގަކުރެވެ އެވެ. މީގެ އިތުރުން އެކި ފަރާތްތަކުގެ ނަމުގައި ހުށަހަޅާ ސިޓީތަކުގެ އިބާރާތަށް އަދި ލިޔުމުގައި ބޭނުންކޮށްފައިވާ ފޮންޓު އަދި އުޅަނދުތައް އެތެރެކުރި ފަރާތްތަކަކީ އެއްބައެއްކަން އެނގެ އެވެ،"

ނަހުލާ އާއި ރުޝޫނާގެ މައްސަލަ އޭސީސީއަށް ހުށަހެޅިއިރު، ގަވާއިދާ ހިލާފަށް ހަތަރު ފުރޮޅުލީ އުޅަނދު ރަޖިސްޓްރީކޮށްދޭ މައްސަލަ ވަނީ ވަރަށް ބޮޑުވެފަ އެވެ. އޭގެ ތެރެއިން 80 އަށްވުރެ ގިނަ އުޅަނދުގެ ރަޖިސްޓްރީ ބާތިލްކުރުމުން ކޯޓަށް ވެސް މައްސަލަ ހުށަހެޅި އެވެ. ސިވިލް ކޯޓުން އަމުރުކޮށްފައިވަނީ މިނިސްޓްރީން ނެރުނު އިއުލާނާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނޭޅުމަށާއި އެ ދެ އިއުލާނުގައި ހިމެނޭ އުޅަނދުތަކުގެ ރަޖިސްޓަރީ ބާތިލްވެފައިވާ ކަމަށް މި ވަގުތަށް ނުބެލުމަށެމަށެވެ.

އެކަމަކު، އެކަން ބަލައިނުގަނެ ޓްރާންސްޕޯޓު މިނިސްޓްރީން ވަނީ އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.


ގުޅުންހުރި ލިޔުންތައް
ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު