ޚަބަރު
މީހުންނަށް ދައްކަންޖެހި ނުދައްކާ އެންމެ ގިނަ ފައިސާ ހުރީ ދައުލަތުން: އަލީ ހުސައިން
އާންމުންނަށް ފައިސާ ދައްކަންޖެހި ނުދައްކާ އެންމެ ގިނައިން ހުރީ ދައުލަތުގައިކަމަށް ވިދާޅުވެ ކެންދޫ ދާއިރާގެ މެންބަރު އަލީ ޙުސައިން ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ. 

އަލީ މިހެން މި ވިދާޅުވީ، އެކި މައްސަލަތަކުގައި ޖޫރީމަނާކުރުމަށް ޙުކުމްކޮށްފައިވާ މީހުންގެ ތެރެއިން ޖޫރިމަނާ ފައިސާ ނުދައްކާމީހުންގެ މަޢުލޫމާތު ހޯދައި އެމީހުންގެ މައްސަލަ ކޯޓަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުން ބުނެފައިވާތީއެވެ.

މިކަމާއި ގުޅިގެން އަލީ ހުސައިން ކުރެއްވި ޓްވީޓެއްގައި ވަނީ ދައުލަތުން މީހުންލައްވާ މަސައްކަތް ކުރުވާފައި ނޫނީ މުދާ ގަނެފައި ދައްކަންޖެހޭ ފައިސާ ނުދައްކާ 8 މަސް ނުވަތަ ދޮޅު އަހަރު ވީމައި އަދަބު ކަނޑައަޅާ ޖަލައްލާނީ ކާކުތޯ ސުވާލު ކުރައްވާފައެވެ.

"ފައިސާ ނުދައްކާ އަށް މަސް ނުވަތަ ދޮޅު އަހަރުވީމާ އަދަބު ކަނޑައަޅާ ޖަލަށް ލާނީ ކާކު؟" އޭނާ ވިދާޅުވި އެވެ. " މީހުންނަށް ދައްކަން ޖެހި ނުދައްކާ އެންމެ ގިނަ ފައިސާ ހުރީ ދައުލަތުން."

ޕީޖީ އޮފީހުން ބުނިގޮތުގައި ސުޕްރީމް ކޯޓުން ނެރުއްވާފައިވާ ޝަރީއަތުން އަދަބު ކަނޑައެޅުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުގައި، ވާގޮތުން ހުކުމުގައި ކަނޑައެޅިފައިވާ މުއްދަތުގައި ޖޫރިމަނާގެ ފައިސާ ނުދައްކައިފިނަމަ، އެ މުއްދަތު ފާއިތުވާތާ 30 ދުވަހުގެ ތެރޭގައި ކޯޓަށް އެކަން އަންގަންޖެހޭނެއެވެ.

އެހެންވެ، ޖޫރިމަނާ އަދަބު ކަނޑައަޅާފައިވާ މީހުންގެ މައުލޫމާތު މީރާ މެދުވެރިކޮށް ހޯދައި, ޖޫރިމަނާ ފައިސާ ނުދައްކާމީހުންގެ މައުލޫމާތު ކޯޓަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޕީޖީން ބުންޏެވެ.

"މި އޮފީހުން ހޯދި މައުލޫމާތަށް ބަލާއިރު ބައެއް މީހުންގެ މައްޗަށް ކުށުގެ އަދަބުގެ ގޮތުގައި ކަނޑައަޅާފައިވާ ޖޫރިމަނާ ފައިސާ, ހުކުމާ އެއްގޮތަށް ދައްކަމުން ނުދާކަން ވަނީ ފާހަގަވެފަ އެވެ،" ޕީޖީ އޮފީހުން ބުންޏެވެ.

ޕީޖީން ބުނި ގޮތުގައި ހުކުމާ އެއްގޮތަށް ޖޫރިމަނާ ފައިސާ ނުދައްކާ މީހުންގެ މައްޗަށް އަލުން ޖަލު އަދަބު, ނުވަތަ ޖޫރިމަނާ އަދަބަށްވުރެ ބުރަ އަދަބެއް ޝަރީއަތުން އަދަބު ކަނޑައެޅުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުގެ ދަށުން ފަނޑިޔާރަށް ކަނޑައެޅޭނެއެވެ.

ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު