ޚަބަރު
ފެކްޝަން ރަސްމީ ވާން އެމްޑީޕީން ފުރުސަތު ލިބެން ޖެހޭނެ: ރައީސް ނަޝީދު
އެމްޑީޕީން ވަކިވެވަޑައިގެން އާ ސިޔާސީ ޕާޓީއެއް ނުއުފައްދާނެ ކަމަށާ އެ މަނިކުފާނުގެ "ފިކުރެއްގެ ދިރުން" ފެކްޝަން ރަސްމީކޮށް ކުރިއަށް ގެންދަން އެމްޑީޕީން ފުރުސަތު ލިބެން ޖެހޭނެ ކަަމަށް ކުރީގެ ރައީސް، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ ދެ ފެކްޝަނަށް ބެހި، ޕާޓީގެ ބައެއް މެންބަރުން ތާއީދު ކުރަނީ ރައީސް ނަޝީދަށެވެ. އެހެން މެންބަރުންގެ ތާއީދު އޮތީ ޕާޓީގެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށެވެ. އެންމެ ފަހުން ބޭއްވި ރިޔާސީ ޕްރައިމަރީ 61 އިންސައްތަ ވޯޓުން ރައީސް ވަނީ ކާމިޔާބު ކުރައްވައިފަ އެވެ.

ނަޝީދު މިރޭ ވެސް ވަނީ ހޮނިހިރު ދުވަހު އޮތް ޕްރައިމަރީގެ ކަންކަން ދިޔަ ގޮތާމެދު ހިތްހަމަޖެހިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފަ އެވެ. ވިދާޅުވީ ވޯޓް ގަތުމާއި އިތުރަށް ވޯޓް ލުމުގެ ކަންކަން އިންތިހާބުގައި ހިނގައި ދިޔަ ކަަމަށެވެ. އެ ވޯޓްތައް ބާތިލް ކުރުމުން އެމަނިކުފާނާއި ރައީސް ސޯލިހްގެ ފަރަގު ވަރަށް ކުޑަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އަދި މި ޕްރައިމަރީން 24،000 ވޯޓް ރައީސް ސޯލިހަށް ލިބިފައިވާ ކަަމަށް ދެއްކި ނަމަ ވެސް އެއީ ކަށަވަރު ކުރަން ޖެހިފައިވާ އަދަދެއް ކަމަށް ވެސް ވިދާޅުވިއެވެ. 

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ނާކާމިޔާބުވުމަށް، ފަހު ނަޝީދު މަސައްކަތްކުރައްވަމުން އަންނަނީ "ފިކުރެއްގެ ދިރުން" ނަމުގައި ގޮފިތަކެއް އުފެއްދެވުމަށެވެ. އެ ގޮފިތަކަށް 50،000 މީހުން ހަމަކޮށް، އެމްޑީޕީން ތާއީދުކުރާނެ ކެންޑިޑޭޓެއް ކަނޑައެޅުމަށް މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮންމެ ޕާޓީއަކަށް ވެސް އެކި ކަހަލަ ގޮންޖެހުންތައް ކުރިމަތިވާނެ ކަމަށާއި އެމްޑީޕީ އަށް ވެސް މިހާރު ކުރިމަތިވެފައި މިއޮތީ އެ ކަހަލަ ހާލަތެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ދިވެހި ޗެނަލް"އަށް މިރޭ ނަޝީދު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެމްޑީޕީގެ އެތެރޭގައި ތަފާތު ދެ ހިޔާލެއްގެ މައްޗަށް ދެ ފެކްޝަން އުފެދުމަކީ އެއިން އެއް ފެކްޝަންގެ މެންބަރުން ޕާޓީ ދޫކޮށްލަން ޖެހޭ ސަބަބެއް ނޫން ކަމަށެވެ. އަދި، ނަޝީދު ވެސް އެމްޑީޕީ ދޫކުރެއްވުމުގެ ވިސްނުން ނެތް ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ހަދާފައި މި އޮތީ، އަޅުގަނޑު ބައިވެރިވީ، މަސައްކަތް ކުރީ އެމްޑީޕީ ހަދަން. އަޅުގަނޑު ދެކޭ ގޮތުގައި މިއީ ވަރަށް ރަނގަޅަށް ހެދިފައި އޮތް ވަރަށް ރަނގަޅު ޕާޓީއެއް. މި ޕާޓީއެއް ފަނޑުވެއެއް ވެސް ނުދާނެ. މި ފިކުރެއް ވެސް ނުގެއްލޭނެ. ރޫޅިއެއްވެސް ނުދާނެ،" ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި، މިއީ ވަރަށް ރަނގަޅަށް ހެދިފައި އޮތް، ވަރަށް ރަނގަޅު ޕާޓީއެއް. މި ޕާޓީ ފަނޑުވެއެއް ވެސް ނުދާނެ. ފިކުރެއް ވެސް ނުގެއްލޭނެ. ރޫޅިއެއް ވެސް ނުދާނެ."

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލަކީ ސިޔާސީ މިފަދަ މަސައްކަތަކަށް ފަރިތަ ބޭފުޅެއް ކަމަށެވެ. އަދި، ދެ ފެކްޝަނާއެކު ޕާޓީ ކުރިއަށްދާނެ ގޮތެއް ހޯދައިގެން، ޕާޓީ ބައިބައިވިޔަ ނުދިނުމަށް ފައްޔާޒު މަސައްކަތް ކުރައްވަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

ނަޝީދު ތަކުރާރުކޮށް ވިދާޅުވީ އެމްޑީޕީގެ ތެރޭގައި "ފިކުރެއްގެ ދިރުން" ގޮފި ހިންގޭނެ ކަމަށާ ޕްރައިމަރީގެ އަދަދު އޮތް ގޮތް ފައްޔާޒަށް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އެ އަދަދުގެ މެންބަރުން ދޫކޮށް އެމްޑީޕީއަށް ކުރިއަށް ދެވޭނެ ގޮތެއް ނޯންނާނެ ކަަމަށް ވެސް ވިދާޅުވި އެވެ.

ނަޝީދު ގަބޫލުކުރައްވާ ގޮތުގައި، ރިޔާސީ އިންތިހާބަށް ސިޔާސީ މަސްރަހު މުޅީން އެތުރި ނުނިމެ އެވެ. ހާއްސަކޮށް އެމްޑީޕީން ވަކިކުރި އެތައް ހާސް މެންބަރުންގެ ބަސް ނެތި އަމުދުން ސިޔާސީ މަސްރަހު އެތުރި ނުނިންމޭނެ ކަމަށް ނަޝީދު ތަކުރާރުކޮށް މިރޭ ވިދާޅުވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
33%
33%
33%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު