ޚަބަރު
ޖޭޕީއާ ނަަޝީދުގެ ފެކްޝަން ގުޅި މެނިފެސްޓޯއެއް އެކުލަވާލަނީ
ނަޝީދުގެ ފެކްޝަނުން ޖޭޕީއާ އެކު މިރޭ މ. ކުނޫޒުގައި ބޭއްވި ބައްދަލުވުން. - ފޮޓޯ: ޖޭޕީ
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން، އަންނަ ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރަން ނިންމާފައިވާ ޖުމްހޫރީ ޕާޓީ (ޖޭޕީ)އާ ގުޅެން ނިންމައި ދެ ފަރާތުން ގުޅިގެން މެނިފެސްޓޯއެއް އެކުލަވާލުމުގެ މަސައްކަތް މިރޭ ފަށައިފި އެވެ.

އެ ބައްދަލުވުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ހެންވެއިރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވީ މިރޭ ވާހަކަ ދެކެވުނީ، ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަ ކުރަން ނިންމާފައިވާތީ އެ ޕާޓީގެ ސިޔާސަތުތަކާ ގުޅޭ ގޮތުންނާއި މެނިފެސްޓޯއެއް އެކުލަވާލުމާ ގުޅޭ ގޮތުން ކަމަށެވެ.

"މިއީ އެއްރެއިން ނިންމާލާ ގޮތަށް ހިންގާ މަޝްވަރާތަކެއް ނޫން،" ސިލްސިލާކޮށް ވާހަކަތައް ކުރިއަށްދާނެކަން އިޝާރާތް ކުރައްވަމުން ހަސަން ވިދާޅުވި އެވެ.

ހަސަން ވިދާޅުވީ ނަޝީދުގެ ފަރާތްޕުޅުން އޭނާ އާއި އެސްޓީއޯގެ މެނޭޖިން ޑައިރެކްޓަރު ހުސެއިން އަމްރު މިރޭގެ ބައްދަލުވުމަށް ވަޑައިގެންނެވި ނަމަވެސް ތަމްސީލު ކުރައްވަނީ އެމްޑީޕީ ކަމަށެވެ. އަދި ވިދާޅުވީ، ނަޝީދު އަބަދުވެސް މަސައްކަތް ކުރައްވަނީ އެމްޑީޕީއަށް ރަނގަޅު ގޮތް ހޯއްދެވުމަށް ކަމަށެވެ.

ބައްދަލުވުމުގައި ޖޭޕީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަމީން ވިދާޅުވީ، މިއީ ފެށުމެއް ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި ނަޝީދުގެ މަންދޫބުންނާ އެކު ސިލްސިލާ ބައްދަލުވުންތަކެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ދެ ބައި މީހުން ގުޅިގެން އެކީގައި މަސައްކަތް ކުރާ ނަމަ، ރައްޔިތުންގެ އެދުންތަކާއި މަގްސަދުތައް ހާސިލުކުރުމަށް އަޅުގަނޑުމެން ގެންނާނެ ސިޔާސަތުތަކާއި ޕްރޮގްރާމްތަކާ ގުޅޭ ގޮތުން ހިޔާލު ބަދަލު ކުރަމުން މި ދަނީ،" އޭގެ ތަފްސީލުތައް ފަހުން ހާމަކުރައްވާނެކަން ފާހަގަކުރައްވައި އޭނާ ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ހެޑްކުއާޓަރުގައި އޮތް ބައްދަލްވުމުގައި ނަޝީދުގެ ފަރާތްޕުޅުން ބައިވެެރިވެވަޑައިގެންނެވީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރެވެ. އަދި ޖުމްހޫރީ ޕާޓީގެ ފަރާތުން ނާއިބު ލީޑަރު އަމީން އިބްރާހިމާއި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން އަދި ރިޔާޒް ރަޝީދެވެ.  

މިދިޔަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ނަޝީދަށް ލިބިވަޑައިގެންނެވި ނާކާމިޔާބީ އަށް ފަހު، އެމަނިކުފާނު އިސްވެ ހުންނަވައި އެ ޕާޓީ ތެރެއިން "ފިކުރެއްގެ ދިރުން" ނަމުގައި ސިޔާސީ ހަރަކާތެއް ފެއްޓެވި އިރު، ނަޝީދުގެ އަރިސް ބޭފުޅުން އެންމެ ފަހުން ވިދާޅުވެފައިވާ ގޮތުގައި އެ ހަރަކާތަށް ބައި ލައްކަ އަށް ވުރެ ގިނަ މީހުންގެ ތާއީދު ލިބިފައިވެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ނަޝީދާ ވާދަ ކުރައްވައި ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވައި އެ ޕާޓީގެ ރިޔާސީ ޓިކެޓު ހޯއްދަވާފައި ވަނީ ރައީސް ސޯލިހެވެ. ޕްރައިމަރީގައި ރައީސް ސޯލިހަށް %61 ވޯޓު ލިބިވަޑައިގެންނެވި އިރު، ނަޝީދަށް ލިބިވަޑައިގެންފައި ވަނީ %39 ވޯޓެވެ.

ޖޭޕީން މިދިޔަ އަންގާރަ ދުވަހު ބޭއްވި ކައުންސިލްގެ ބައްދަލުވުމުގައި ވަނީ، އަންނަ ސެޕްޓެމްބަރު މަހު ބާއްވާ އިންތިހާބުގައި އެ ޕާޓީން ވަކިން ވާދަކުރަން ނިންމައިފަ އެވެ. އެއާއެކު، ޕްރައިމަރީއަށް ހުޅުވާލައި، މި މަހުގެ 30 ވަނަ ދުވަހާ ހަމައަށް މުއްދަތު ދީފައިވެ އެވެ. ނަމަވެސް އިންތިހާބާ ގުޅޭ ހުރިހާ ކަމެއް ނިންމުމުގެ ބާރު އެ ކައުންސިލުން ދީފައިވަނީ ގާސިމަށެވެ.

ގާސިމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކުގައި ނުކުމެވަޑައިގަންނަވާ ވާހަކަތައް ވެސް މީގެ ކުރިން ފެތުރުނެވެ. އެކަމަކު، ގާސިމް ވަނީ އެ ވާހަކަތައް ދޮގުކުރައްވައިފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
50%
0%
50%
0%
1 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު